Roadha Mihaaru
މެއި 6 ގެ ހަމަލާ: އިތުރު ތިން މީހަކަށް ދައުވާކޮށްފި

ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި އިތުރު ތިނަ މީހަކަށް ދައުވާކޮށްފި

13 ސެޕްޓެމްބަރ 2021

މެއި ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި އިތުރު ތިން މީހަކަށް ދައުވާ ކޮށްފިި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މެއި ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި އިތުރު ތިން މީހަކަށް ދައުވާ ކޮށްފިި އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މިއަދު ކޯޓަށް ހުށަހަޅާފައި ވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ އިސްހާގުގެ ދައުވާ އެވެ.

ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ އިސްހާގަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށް ސާބިތުވެއްޖެ ނަމަ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އެއީ 17 އަހަރާއި 20 ދެމެދުގެ ޖަލު ހުކުމެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިސްހާގުގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިރިވުމުގެ ކުށުގެ ދައުވާ ކުރީ އޭނާ ސައިކަލުގައި އައިއީޑީ ހަރުކުރުމަށް އެހީވެ، އެ ސައިކަލު ހުޅުމާލޭން މާލެއަށް ގެންދިޔުމުންނެވެ. އަދި ރޭވުމުގެ ދައުވާކުރީ ބޮން ހަރުކުރި އިރު ފާރައަށް ހުރުމުންނެވެ. އަދި ގޮވާތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގެ ދައުވާކުރީ ސައިކަލުގައި އައިއީޑީ ހަރު ކުރުމުން އެ ސައިކަލު މާލެ ގެނެސް ނީލޯފަރު ހިނގުން ކައިރީގައި ޕާކް ކޮށްފައިވުމުންނެވެ.

ފަހުމީގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ދައުވާކުރަނީ ގޮއްވާލި ސައިކަލުގައި އައިއީޑީ ހަރުކުރި އިރު ފާރައަށް ހުރުމުންނާއި އޭނާގެ ޓެކްސީގައި މި މައްސަލައިގައި ހިމެނޭ އެހެން މީހުން ގޮވައިގެން ދަތުރުކޮށްފައިވާތީ އެވެ.

ނާޒިމްގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

އޭނާއަށް އެ ދައުވާ ކުރީ ހަމަލާ ދިން ދުވަހުގެ އަނެއް ދުވަހު އަދުހަމް ގޮވައިގެން ހުޅުމާލެއަށް ގެންގޮސްދީފައިވާތީކަން ވަނީ އެނގިފަ އެވެ.

މި މައްސަލައިގައި މީގެ ކުރިން ދައުވާ ކޮށްފައި ވަނީ ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި އޭނާއަށް ފިލަން އެހީވި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ސައިކަލުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ބުނާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ.