Roadha Mihaaru
ނަޝީދަށް ދިން ހަމަލައާ ގުޅިގެން ދައުވާކުރަން ފޮނުވައިފި

ނަޝީދަށް ދިން ހަމަލައިގެ ތުހުމަތު ކުރެވޭ ހަތަރު މީހަކަށް ދައުވާ ކުރަން ފޮނުވައިފި

21 ޖުލައި 2021

ކުރީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައިގެ ތުހުމަތަށް ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައިގެ ތުހުމަތަށް ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލައިގެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އެވެ.

ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ، އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

ހަމަލާއާ ގުޅޭ ހަތް މީހަކު މިހާރު ބަންދުގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރީ ހަމަލަ އަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިންނެވެ.

ޝަމީމް ވިދާޅުވީ އެ މީހުންގެ ތަހުގީގު ވެސް ކުރިއަށް ގެންދާ ކަމަށެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު އަންނަ ހޮނިހިރު ދުވަހު ބާއްވާ މީޑިއާ ބްރީފިންގައި ހިއްސާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހަމަލައިގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހުގައި އެދިފައިވާއިރު، އަދުހަމް، މުޖާޒު އަދި ތަހުމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން މިއަދު ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ. އަދި އެ މައްސަލައިގައި ފަހުން ހައްޔަރު ކުރި ނ. މަނަދޫ ނޫރީގެ، އަލީ ހައިޝަމް 30 ދުވަހަށް ބަންދު ކުރަން މިއަދު ނިންމި އެވެ.