Roadha Mihaaru
ބޮން ގޮއްވި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފި

ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފި

03 އޯގަސްޓް 2021

ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ގޮއްވާލައިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހަކަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ގޮއްވާލައިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހަކަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ކަންމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިޑީއެއް ގޮއްވާލުމުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، ފުރާނަ ސަލާމަތް ކުރަން ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ.

އެ މައްސަލައިގެ ތުހުމަތަށް 10 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން އެދި ފުލުހުން މިދިޔަ މަހު ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ނަމަވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހަކަށް ދައުވާކޮށް، ޕީޖީ އޮފީހުން މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. މިކަން ޕީޖީ އޮފީހުން ކަށަވަރުކޮށްދިނަސް ދައުވާ ކުރި މީހުންގެ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ދައުވާ ކުރި މީހުންނާއި ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށް މިއަދު މެންދުރު 2:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ޕީޖީ ހުސައިން ޝަމީމް ވަނީ ނިންމަވައިފަ އެވެ.

ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން އެންމެ ފުރަތަމަ ޕީޖީ އޮފީހަށް ފޮނުވީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްސަލައިގަ އެވެ. އެ މީހުންގެ މައްސަލަ ފޮނުވީ މިދިޔަ ޖުލައި 21 ގަ އެވެ.

އަދި އޭގެ ފަހުން ނ. މަދަނޫ ނޫރީގެ އަލީ ހައިޝަމްގެ މައްސަލައިގައި ވެސް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ޖުލައި 29 ގައި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލަ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހަމަލާގައި އިސްކޮށް ހަރަކާތްތެރިވީ، ތަސްލީމް، އިސްހާގު އަދި ހައިޝަމް އެވެ. ނަޝީދަކީ އަވަހާރަ ކޮށްލަން ޖެހޭ ބޭފުޅެއް ކަމަށް ވިސްނައިދިނީ ތަސްލީމް ކަމަށް ފުލުހުން ބުނެ އެވެ. އަދި އިސްހާގަކީ ހަމަލާ ދިން ސެލްގެ އިސް މީހެއް ކަމަށާއި ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރީ ހައިޝަމް ކަމަށް ފުލުހުން ބުނެފައިވެ އެވެ.