Roadha Mihaaru
ބޮމުގެ މައްސަލާގައި ޕީޖީ ޝަމީމް ކޯޓުގައި ވަކާލާތުކުރާނެ

ބޮން ގޮއްވާލި މައްސަލާގައި ކޯޓުގައި ވަކާލާތުކުރައްވާނީ ޕީޖީ ޝަމީމް

09 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަމިއްލަފުޅަށް ކޯޓުގައި ވަކާލާތު ކުރައްވަން ނިންމަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަމިއްލަފުޅަށް ކޯޓުގައި ވަކާލާތު ކުރައްވަން ނިންމަވައިފި އެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލުމުން ނަޝީދާއި އިތުރު ބަޔަކަށް އަނިޔާވެ، ނަޝީދު ގެންދަވަނީ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ.

ހަމަލާގެ ތުހުމަތަށް ތިން މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އަދި ނުއުފުލަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް މިރޭ "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި ކޯޓުގައި އޭނާ އަމިއްލައަށް ވަކާލާތު ކުރައްވަން ނިންމެވީ އެ މައްސަލާގެ ސީރިއަސްކަމަށް ބެލުމަށް ފަހު ކަމަށެވެ.

މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ޕީޖީގެ ހައިސިއްޔަތުން ޝަމީމް ކޯޓުގައި ވަކާލާތު ކުރެއްވި އެވެ. އެހެން ނަމަވެސް މިއީ ވަރަށް މަދު ނޫނީ ނުކުރާ ކަމެކެވެ. އާންމު އުސޫލުން ކޯޓުތަކުގައި ޕީޖީ ތަމްސީލު ކުރާނީ ޕީޖީ އޮފީހުގެ ވަކީލުންނެވެ.

މީގެކުރިން 2008 ގައި ހއ. ހޯރަފުށީގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވަޅިން ހަމަލާދޭން އުޅުނު މައްސަލާގައި ވެސް ދައުލަތުން ފަރާތުން ވަކާލާތު ކުރެއްވީ ޝަމީމެވެ. އޭރު ޕީޖީ އޮފީސް އުފެދިފައި ނުވާތީ ޝަމީމް އޭރު މަސައްކަތް ކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހުގަ އެވެ. އެ މައްސަލާގައި ދައުވާލިބުނު މީހާގެ މައްޗަށް ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ.

ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ މީހުން ވަނީ އެކަމުގައި ބައިވެރިވި ކަމަށް ކޯޓުން އިންކާރުކޮށްފަ އެވެ. އެކަމަކު ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ.