Roadha Mihaaru
ޖަލުގެ ބޮޑު އޮޕަރޭޝަން: ހަތިޔާރާއެކު 300 މީހުން

ޖަލުގެ އެންމެ ބޮޑު އޮޕަރޭޝަން: ސިފައިންނާއި ފުލުހުންގެ 300 މީހުން ހަތިޔާރާ އެކު

12 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި އެ ހަމަލާގެ ފަހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން ޖަލުތަކުގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ސިފައިންނާއި ފުލުހުންގެ 300 ވަރަކަށް މީހުން ބައިވެރިވާ ކަމަށާއި މިއީ ޖަލުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މިފަދަ އޮޕަރޭޝަންކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި އެ ހަމަލާގެ ފަހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން ޖަލުތަކުގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ސިފައިންނާއި ފުލުހުންގެ 300 ވަރަކަށް މީހުން ބައިވެރިވާ ކަމަށާއި މިއީ ޖަލުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މިފަދަ އޮޕަރޭޝަންކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި 300 އާ ގާތްކުރާ އަދަދެއްގެ ސިފައިންނާއި ފުލުހުންގެ ފައުޖު ރޭ ފަތިހު ޖަލަށް ދިޔައިރު އެ އޮޕަރޭޝަންގައި ކޮމިޝަނަ އޮފް ޕްރިޒަންސް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަނެ އެވެ. ކޮމިޝަނަ އޮފް ޕްރިޒަންސް ވެސް މިފަދަ އޮޕަރޭޝަނެއްގައި ކުރިން ބައިވެރިވެ ވަޑައިގަތްކަމެއް އެނގިފައެއް ނުވެ އެވެ.

ބޮޑު ފައުޖެއް ހަތިޔާރާ އެކު ޖަލަށް ގޮސް ތަންތަނާއި މީހުން ފާސްކުރަމުން ގެންދާއިރު ނަޝީދަށް ދިން ހަމަލާގައި ހަރުކަށި ފިކުރުގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވެ އެވެ. އަދި ޖަލަކީ ހަރުކަށި ފިކުރު ފަތުރާ އަދި އެ ފިކުރުގެ މީހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދީފައިވާ ޓެރަރިސްޓް ހަމަލާތައް ރޭވިގެން އައި ތަނުގެ ގޮތުގައި ވެސް ބެލެވިފައިވެ އެވެ.

މި އޮޕަރޭޝަން މާފުށި ޖަލުގެ އިތުރުން މާލޭ ޖަލުގައި ވެސް ކުރިއަށްދާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި މިއީ ސިފައިންނާއި ފުލުހުންނާއި ކަރެކްޝަންސް ބައިވެރިވެގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ޖަލު އޮޕަރޭޝަން ކުރިއަށްދާކަން ހާމަކުރީ ކަރެކްޝަންސް އިން ކުރި ޓްވީޓެއްގަ އެވެ. ނަމަވެސް އެކަމާ ބެހޭ މާބޮޑު ތަފްސީލެއް ނުދެ އެވެ. މިކަމާ ބެހޭ ގޮތުން ސިފައިންނާއި ފުލުހުން ވެސް އަދި ވާހަކައެއް ނުދައްކަ އެވެ.

"މެއި 2021 ވަނަ ދުވަހު ރަތްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން މިސާވިސްގެ މާލޭ ޖަލާއި މާފުށީ ޖަލުގައި 3 މުވައްސަސާ ގުޅިގެން މިއަދު ދަނީ ހާއްސަ އޮޕަރޭޝަނެއް ހިނގަމުންނެވެ." ކަރެކްޝަންސް އިން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

ޖަލު ފާސްކުރުމުގެ އޮޕަރޭޝަންތައް ފުލުހުންނާއި ޕްރިޒަންސްގެ އޮފިސަރުން ކުރިން ވެސް ހިންގަ އެވެ. ކުރިން ހިންގާފައިވާ އޮޕަރޭޝަންތަކުގައި، ޖަލަށް ވެއްދުން މަނާ ތަކެތީގެ ތެރޭގައި ހިމެނޭ ފޯނާއި އެކި އާލަތްތައް ގިނަ އަދަދަކަށް ހޯދަ އެވެ. ނަމަވެސް އެކި ގޮތްގޮތުން އަނެއްކާވެސް އެފަދަ ތަކެތި ޖަލަށް ވައްދައި ކުށް ކުރުމުގައި ބޭނުންކުރެ އެވެ.

ނަޝީދަށް ދިން ހަމަލާގެ ތުހުމަތު މިހާތަނަށް ފަސް މީހަކަށް ކޮށްފައި ވާއިރު އޭގެ ތެރެއިން އެންމެ ފަހުން އަތުލަގަނެވުނު މީހާ ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގަ އެވެ. އެނގިފައިވާ ގޮތުގައި އެއީ ހަމަލާގައި ވަރަށް އިސް ދައުރެއް އަދާކުރި މީހެއް ކަމަށް ތުހުމަތުކުރެވެ އެވެ.