Roadha Mihaaru
ހަމަނުޖެހުން ބޮޑުވީ ހަރުކަށި ފިކުރުގެ މީހުންގެ ގޮޅީގައި

ޖަލު އޮޕަރޭޝަންގައި ހަމަނުޖެހުން ބޮޑުވީ ހަރުކަށި ފިކުރުގެ މީހުން ތިބި ގޮޅީގައި

12 ޖޫން 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލަ އާއި ހަރުކަށި ފިކުރާ ދެކޮޅަށް މާފުށީ ޖަލުގައި ރޭ ފަތިހު ފެށި ބޮޑު އޮޕަރޭޝަނުގައި ހަމަނުޖެހުން ހިނގައި ބަޔަކަށް އަނިޔާވީ ހަރުކަށި ފިކުރުގެ މީހުން ތިބޭ ދެ ގޮޅިއެއްގައިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލަ އާއި ހަރުކަށި ފިކުރާ ދެކޮޅަށް މާފުށީ ޖަލުގައި ރޭ ފަތިހު ފެށި ބޮޑު އޮޕަރޭޝަނުގައި ހަމަނުޖެހުން ހިނގައި ބަޔަކަށް އަނިޔާވީ ހަރުކަށި ފިކުރުގެ މީހުން ތިބޭ ދެ ގޮޅިއެއްގައިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ސިފައިންނާއި ފުލުހުންގެ 300 ވަރަކަށް މީހުން ބައިވެރިވި އޮޕަރޭޝަންގައި ޖަލުގެ ބައެއް މީހުންނަށް އަނިޔާވި ކަމަށް ރިޕޯޓްކޮށްފައި ވާއިރު އެކަން ހިނގީ ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕްކޮށް، ހަރުކަށިފިކުރު ފަތުރާކަމުގެ ތުހުމަތުގައި 2019 ވަނަ އަހަރު ހައްޔަރުކުރި އިސްމާއިލް ހައްމާދާއި ލ. އަތޮޅުގައި ލޯންޗުތަކެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުކުރާ ހަރުކަށި ފިކުރުގެ މީހުން ތިބި ދެ ގޮޅީގައިކަން ވަނީ އެނގިފަ އެވެ. ލޯންޗްގައި ރޯކުރި މީހުންގެ ތެރޭގައި، ސަލްޓަން ޕާކް ބޮމުގެ ހަމަލާއަށް ފަހު ފިލައިގެން ޕާކިސްތާނަށް ގޮސް އުޅުނު މީހަކު ވެސް ހިމެނެ އެވެ.

މި މީހުން ތިބި ދެ ގޮޅިއަށް ވަންނަން އުޅުނުއިރު ވެސް އެ ތަނުގެ ތެރޭގައި ތިބި މީހުން ދިޔައީ ހަޅޭއްލަވަމުންކަން އެނގިފައި ވެ އެވެ.

ހަތިޔާރާއި ކުއްތާ ވެސް ހިފައިގެން ގޮސް ސިފައިންނާއި ފުލުހުން ގޮޅިއަކަށް ވަނީ އެއްފަހަރާ ކަހަލަ ގޮތަކަށް ކަމަށާއި ކޮންމެ ގޮޅިއެއް ފާސްކުރަން ގަޑިއިރެއްވަރު ހޭދަކުރިއިރު ކަމަށް ވަނީ އެނގިފަ އެވެ. އަދި ޑްރޯން ބޭނުންކޮށްގެން ވެސް އެ ސަރަހައްދު ބަލާފައިވެ އެވެ.

އެ ތަންތަން ފާސްކޮށް ނިންމުމަށްފަހު، އެހެން ގޮޅިތައް ބަލަމުން ދިޔައިރު ވެސް ހަރުކަށި ފިކުރުގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ދިޔައީ ހަޅޭއްލަވަމުންނެވެ. އެހެންވެ، ސަލާމަތީ ބާރުތަކުގެ ފައުޖުން އެ ދެ ގޮޅިއަށް ދެ ވަނަ ފަހަރަށް ވަދެ ބަޔަކު ގެންދިޔައީ އެވެ. ގަދަ ދައްކަމުން ދިޔަ އެ މީހުން އަނބުރާ ގޮޅިއަށް ގެންދިޔައިރު ޒަހަމްވެފައިވާ ކަމަށްވެ އެވެ.

ޖަލުގެ އޮޕަރޭޝަންތަކާ ބެހޭ ގޮތުން އަދި ރަސްމީކޮށް ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

ނަޝީދަށް ދިން ހަމަލާގައި ހަރުކަށި ފިކުރުގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވެ އެވެ. އަދި ޖަލަކީ ހަރުކަށި ފިކުރު ފަތުރާ އަދި އެ ފިކުރުގެ މީހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދީފައިވާ ޓެރަރިސްޓް ހަމަލާތައް ރޭވިގެން އައި ތަނުގެ ގޮތުގައި ވެސް ބެލެވިފައިވެ އެވެ.