Roadha Mihaaru
ހައްޔަރުކުރި މީހުން އުޅުނީ އައިސިސްއާ އެކު މީހުންމަރަން

ހައްޔަރުކުރި މީހުން އުޅުނީ އައިސިސްއާ ގުޅިގެން ގިނަ ބަޔަކު މަރަން: ފުލުހުން

14 ނޮވެމްބަރ 2022

ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން އުޅުނީ އައިސިސްއާ ގުޅިގެން ތަންތަން ގޮއްވަން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ހަވީރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުން ބުނީ، އެ މީހުން އުޅުނީ "ގިނަ ބަޔަކު މަރުވާ ގޮތަށް އެއްޗެއް ގޮއްވާލަން" ކަމަށެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން އުޅުނީ އައިސިސްއާ ގުޅިގެން ތަންތަން ގޮއްވަން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ހަވީރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުން ބުނީ، އެ މީހުން އުޅުނީ "ގިނަ ބަޔަކު މަރުވާ ގޮތަށް އެއްޗެއް ގޮއްވާލަން" ކަމަށެވެ.

ގޮއްވާލަން އުޅުނީ ކޮން ތަނެއްތޯ އާއި އޭގެ އިތުރު ތަފުސީލަށް އެދުމުން ފުލުހުން ބުނީ، އޭގެ މައުލޫމާތުތައް މި ވަގުތު ހާމަކުރެވެން ނެތް ކަމަށާއި އޭގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ.

އޮޕަރޭޝަންގައި އައްޑޫން 10 މީހަކު، މާލެ އިން އެކަކު އަދި ގުރައިދޫން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުކުހުން ބުންޏެވެ. އެއީ މުޅިން ވެސް އައްޑޫ މީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި އައްޑު އާއި މާލެ އާއި ގުރައިދޫގެ ވެސް ވަރަށް ގިނަ ތަންތަން އެ އޮޕަރޭޝަންގައި ބަލައިފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނާ ގުޅިގެން އައްޑޫގެ 11 ގެ އަކާއި މާލޭގެ ހަތަރު ގެއެއެއް ބަލައި ފާސްކުރި އެވެ. ފުލުހުން ބުނިގޮތުގައި ފާސްކުރި ބައެއް ތަންތަނުން ގޮވާ ޒާތުގެ ތަކެތި ފެނިފައިވެ އެވެ. އެ ތަކެތި ތަހުލީލު ކުރަމުން ވެސް އަންނަ ކަމަށެވެ.

ފުލުހުން ބުނީ، އެ 14 މީހުންގެ ތެރެއިން ނުވަ މީހަކު މީގެ ކުރިން ވެސް ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކުރި ކަމަށެވެ. އެ މީހުން ކުރިން ހައްޔަރުކުރީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުން ނުވަތަ އެކަމުގައި ބައިވެރިވުން ނުވަތަ އެފަދަ ކަމަކަށް ތާއީދުކުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން މިއަދު ބުންޏެވެ.

އެކަމަކު އޭގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ކޮންމެ މައްސަލައެއްގައި ޝަރީއަތަށް ސާބިތު ކުރެވޭ ވަރަށް ހެއްކި ނުލިބޭތީ ދޫވެފައި ތިބީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، މި ފަހަރު އެ މީހުން ކުރަން އުޅުނު ކަންތައް ކާމިޔާބުވި ނަމަ ގިނަ ބަޔަކު މަރުވީހެވެ.

"މި ހަމަލާ ރާވަމުން ދިޔައީ ގޮވާ ތަކެތި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ތަންތަނަށް ހަމަލާދީ، ގިނަ ބައެއްގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ކަން ފާހަގަކުރެވިފައިވޭ. މި އޮޕަރޭޝަންގެ މަގުސަދަކީ އާންމުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ރާވަމުން ދިޔަ ހަމަލާ ނާކާމިޔާބު ކޮށްލުން،" ޓެރަރިޒަމް އެންޑް ވަޔަލެންޓް އެކްސްޓްރިމިޒަމް ޔުނިޓްގެ ހެޑް، އިންސްޕެކްޓަ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވި އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި މީހުން މަރަން ފަސް ނުޖެހޭ، ހަރުކަށި ފިކުރުގެ 1،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. އެފަދަ މީހުންނާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގައި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ހުރި އެކި ސާމާނާއި ލިޔެކިޔުން އަދި ގޮވާތަކެތި ހަދާ އެއްޗެހި ވެސް ފެނިފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން، މެއި 6، 2021 ގައި ދިން ހަމަލާ ވެސް ރޭވީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އެ ހަމަލާއާ ގުޅިގެން ވެސް އައްޑޫން ބަޔަކު ހައްޔަރުކުރި އެވެ.