01 ޖޫން 2021
މީގެ އަހަރުތަކެއް ކުރިން ހިނގި އެންމެ ނުރައްކާތެރި މަރުތަކުގެ ފުނަށް ވަދެ ތަހުގީގުކުރާ "މަރު ކޮމިޝަން" އިން ނެރުނު ރިޕޯޓްތައް ބުނާ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫތައް ފެތުރިފައިވާ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އޮޕަރޭޓްކުރާ ގޮތާއި ނުރައްކާ، އެހެން ކުށްތައް ހިންގާ ގޮތާ އެތައް ހާސް ކަމެއް ތަފާތެވެ.
މީގެ އަހަރުތަކެއް ކުރިން ހިނގި އެންމެ ނުރައްކާތެރި މަރުތަކުގެ ފުނަށް ވަދެ ތަހުގީގުކުރާ "މަރު ކޮމިޝަން" އިން ނެރުނު ރިޕޯޓްތައް ބުނާ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫތައް ފެތުރިފައިވާ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އޮޕަރޭޓްކުރާ ގޮތާއި ނުރައްކާ، އެހެން ކުށްތައް ހިންގާ ގޮތާ އެތައް ހާސް ކަމެއް ތަފާތެވެ.
ބޮޑެތި ގޭންގުތަކުގެ މެދުގައި ހިނގާ މާރަމާރީތަކާއި ވަޅިން ހަމަލާ ދިނުމުގެ ކުށް ކުރާ މީހާ އަދި އެކަމުގައި ބައިވެރިވާ މީހުން ހައްޔަރުކުރުމަށް ފަހު އެ ގްރޫޕްތައް މޮނިޓާކުރަން ފެށުމުން އިތުރަށް އެކަމުގެ ނުރައްކާ އޮތް މިންވަރު ވަރަށް ބޮޑަށް ކުޑަވެ އެވެ. އެ ކުށްތަކުގެ ފަހަތުގައި ސިޔާސީ މޯޓިވް އޮވެގެން ގޭންގުތައް ލައްވާ ކުރުވާ މީހުން ފަހަތުން ގޮސް، ފަންޑުކުރި މީހުންނާ ހިސާބަށް ވެސް ދެވިދާނެ އެވެ.
ނަމަވެސް ފުލުހުންގެ އިންޓެލިޖަންސުން އެއްކޮށްފައިވާ މައުލޫމާތުތަކާ ހަވާލާދީ މަރު ކޮމިޝަންގެ ރިޕޯޓްތައް ބުނާ ގޮތުން ހަރުކަށި ފިކުރުގެ ޖަމާއަތްތައް، ނުވަތަ މިހާރުު ކިޔާ ގޮތުން "އަނދިރި ދައުލަތް" ހިނގަނީ ވަރަށް ބޮޑަށް ރޭވިގެން ކޮންމެ މިޝަނެއް ކުދިކުދި ސެލްތަކާ ހަވާލުކޮށްގެން ނުވަތަ އެ ސެލްތަކުން އިސް ނަގައިގެންނެވެ. ކޮންމެ ސެލްއަކަށް އަމީރަކު ހުންނައިރު، އޭނާގެ ލަފާގެ މަތިން، ނުރައްކާތެރި ހަމަލާތައް ރާވައި ހިންގަ އެވެ. އެކަމަކު އެއް ސެލްއަކުން ހިންގާ ކަމެއް އަނެއް ސެލްތަކުގެ މީހުންނަަކަށް ނޭނގެ އެވެ.
މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް އުޅަނދުތަކުގައި ރޯވެ އަނދަނީ: މިއީ ބަދަލުހިފުމަށް ހިންގި އަމަލެއް ކަމަށް ފުލުހުން ވަނީ ބުނެފައި.---ފޮޓޯ: އެމްއެންޑީއެފް
ބޮޑު ހަމަލާއަކަށް ފަހު އެއް ސެލްއެއްގެ މީހުން ހައްޔަރުކޮށް ޑިސްއޭބަލް ކޮށްލިޔަސް، އެހެން ސެލްތައް އެކްޓިވޭޓްވެ އިތުރު ހަމަލާތައް ދީފާނެ ކަމުގެ ނުރައްކާ އޮވެ އެވެ. މެއި 6، 2021 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު، ޓެރަރިސްޓް ހަމަލާއެއް ރާވާ ކަމުގެ ތުހުމަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ހައްޔަރުކުރަނީ ވެސް އެ ސަބަބާ ހެދި އެވެ.
ނަމަވެސް ސަލާމަތީ ބާރުތަކުގެ ބައެއް ފަރާތްތަކުން "މިހާރު" އަށް ބުނި ގޮތުގައި ރަށްރަށަށް އަރައި ބޮޑެތި އޮޕަރޭޝަންތައް ހިންގައި ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކުރަން ފެށުމުން ބަދަލުހިފުމުގެ އަމަލުތައް މީގެ ކުރިން ވެސް ހިންގާފައިވެ އެވެ.
މަރު ކޮމިޝަންގެ ރިޕޯޓުން އަޑީ ދައުލަތުގެ ބިތުފަންގި ނެގުމާއި، އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ ވިހޭ މައްސަލާގައި ރ. މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ގިނަ ބަޔަކު ހައްޔަރުކޮށް، ބައެއް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން ބަދަލު ހިފުމުގެ ހަމަލާތަކެއް އޭގެ ދުވަސްކޮޅެއް ފަހުން ހިނގާފައިވާ ކަން ސަލާމަތީ ބާރުތަކަށް ވަނީ ފާހަގަކުރެވިފަ އެވެ.
މީހަކަށް ފޯނު ކޮށްފައި ބުނީ މި ހުރިހާ ދުވަހު ވެސް މަޑުމަޑުން މި ތިބީއޭ، އެއްޗެކޭ ވެސް ނުބުނެ ކަމެއް ނުކުރަން. ކަލޭމެން ތި ކިޔާ ހަރުކަށި ފިކުރުގައި އަހަރުމެން މި އުޅުނީ ނޫންހޭ. އެކަމަކު ތިމަންމެންގެ ގޭގެއަށް ވަދެ ކުޑަކުދިންނާއި އަނބިދަރިން ނެރެ އެ މީހުން ފަލީހަތްކޮށް ބަންދުކޮށް ހެދީމާ ދެން ތިމަންނަމެން ނުތިބޭނަމޭ މަޑަކުން
"މީހަކަށް ފޯނު ކޮށްފައި ބުނީ މި ހުރިހާ ދުވަހު ވެސް މަޑުމަޑުން މި ތިބީއޭ، އެއްޗެކޭ ވެސް ނުބުނެ ކަމެއް ނުކުރަން. ކަލޭމެން ތި ކިޔާ ހަރުކަށި ފިކުރުގައި އަހަރުމެން މި އުޅުނީ ނޫންހޭ. އެކަމަކު ތިމަންމެންގެ ގޭގެއަށް ވަދެ ކުޑަކުދިންނާއި އަނބިދަރިން ނެރެ އެ މީހުން ފަލީހަތްކޮށް ބަންދުކޮށް ހެދީމާ ދެން ތިމަންނަމެން ނުތިބޭނަމޭ މަޑަކުން،" ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަންތަކާ ގުޅިގެން ދިން އިންޒާރުގެ ކޯލެއް ލިބުނު ސަލާމަތީ ބާރުތަކުގެ ބޭފުޅަކު ވިދާޅުވި އެވެ.
މަޑުއްވަރީ އޮޕަރޭޝަންތަަކަށް ބަދަލުހިފަން، ލ. ގަމު ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އދ. މަހިބަދޫ ފަޅު ތެރޭ އަޅާފައި އޮތް ފަސް ލޯންޗެއްގައި ރޯކޮށްލި އެވެ. އޭގެ ތެރޭގައި ވެސް ސަލާމާތީ ބާރުތަކުގެ އުޅަނދެއް އޮތެވެ. އެ ދުވަސްވަރު ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ވެސް ވަޅިން ހަމަލާ ދިނެވެ. އެ މައްސަލަތަކަކީ ސީދާ ޓެރަރިޒަމް ހަމަލާތަކެއް ކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ.
އެނގިފައިވާ ގޮތުގައި އެ ދުވަސްވަރު ބައެއް ރިސޯޓްތަކަށް އަރަން ވެސް ހަރުކަށި ފިކުރުގެ ބައެއް ސެލްތަކުން ދިމާކޮށްލި އެވެ. ހުއިފިލަނޑާ ނަގަން ކަމަށް ބުނެ، ޑިންގީތަކަށް އަރައިގެން ގޮސް ރިސޯޓުތަކަށް އަރަން އުޅުނު ގިނަ މިޝަންތައް ފުލުހުންނާއި ސިފައިން ވަނީ ނާކާމިޔާބު ކޮށްލައިފަ އެވެ. ނަމަވެސް ހަމަ އެ ދުވަސްވަރު ނ. އަތޮޅު ރަންދެލި ރިސޯޓުގެ ވޯޓާ ވިލާއެއްގައި ހިނގި އަލިފާނުގެ ހާދިސާ އަކީ ވެސް ޓެރަރިޒަމްއާ ގުޅުން ހުރި އަމަލެއް ކަމަށް ތަހުގީގީ އިދާރާތަކަށް ވަނީ ފާހަގަކުރެވިފަ އެވެ. ތ. ތިމަރަފުށީގައި ދޭން އުޅުނު ހަމަލާ ވެސް އެ ކަންކަމާ ގުޅެ އެވެ.
އެހެންވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު ހިންގާ އޮޕަރޭޝަންތަކާ ގުޅިގެން ވެސް ބަދަލު ހިފުމުގެ ހަމަލާތަކެއް ކުރިމަތިވުމުގެ ނުރައްކާ ނެތް ކަމަށް ބުނެވޭކަށް ނެތެވެ. އެހެންވެ ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް "ނަޝީދުގެ ހައި ލެވަލް ސެކިއުރިޓީ އަށް ވީހެން" ވެގެން ނުވާނެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން "މިހާރު" އަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން އާންމު ގޮތެއްގައި ސީރިޔާގައި ހަދާ ޓްރެއިނިންގެ ތެރޭގައި ފިޒިކަލް އާއި އެޑްވާންސް ޓްރެއިނިންގެ އިތުރުން ޖިހާދަށް ބައިއަތު ހިފައިގެން ޖާނުން ފިދާވާން މެންޓަލީ ވެސް ތައްޔާރު ކުރެ އެވެ. އެ މީހުންނަށް އެކްސްޕްލޯސިވް ޓްރެއިނިން އާއި އިންޓެލިޖެންސް ޓްރެއިނިން އަދި ސެލްފް ޑިފެންސް މާޝަލް އާޓްސް ދަސްކޮށްދެ އެވެ.
އޭގެ އަށް މަސް ދުވަހުގެ ކޯސް ފުރިހަމަކޮށްފައި ތިބި އެތައް ދިވެހިންނެއް އުޅެ އެވެ. އައިސިސްގެ ހަނގުރާމަތަކުގައި ޓްރެއިނަރުންނަށް ވެސް ވެފައި އެބަތިއްބެވެ. އަދި އެނބުރި މާލެ އައިސް ޖަލުތަކުގައި ނުވަތަ އާންމުންގެ ތެރޭގައި ވެސް އެ މީހުން އުޅެ އެވެ.
މީހުން މަރަން ފަސް ނުޖެހޭ 1،400 ވަރަކަށް ދިވެހިން ތިބި ކަމަށް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާރު އެތައް ބަޔަކު ހައްޔަރު ކުރަމުން އައި ނަމަވެސް ބައެއް މީހުންގެ ތަހުގީގު ފުރިހަމަވުމުގެ ކުރިން ކޯޓު މަރުހަލާގައި އެބަ ދޫވެ އެވެ. އެއީ ބަދަލު ހިފުމަށް ލިބޭ އިތުރު ބާރަކަށް ވެދާނެ އެވެ. އެ މީހުން އަނެއްކާ ވެސް އާންމުންގެ ތެރެއަށް ދޫވުމުގެ ބިރު ބޮޑީ އެހެންވެ އެވެ.
ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ވަޅިން ދިން ހަމަލާއަށް ފަހު، ޒަހަމްވި މީހުންނަށް ފަރުވާ ދޭން ހޮސްޕިޓަލުގައި: މިއީ ވެސް ބަދަލުހިފަން ދިން ހަމަލާތަކެއް ކަމަށް ވަނީ ބެލެވިފަ. ---ފޮޓޯ: ސޯޝަލް މީޑިއާ
ދުނިޔޭގެ ކައުންޓާ ޓެރަރިޒަމްގެ އިދާރާތައް ބުނާ ގޮތުން ގައުމެއްގައި އެފަދަ ނުރައްކާތެރި ޓެރަރިސްޓުން އުފެދި، އެ ފިކުރު ފެތުރެނީ އާންމުކޮށް އެއް ޓްރެންޑަކަށެވެ. ބޭރުން ގައުމެއްގައި ހަރުކަށި ފިކުރަށް ގެނބިފައި ތިބި ބަޔަކު ބަޔަކު ގައުމުގެ ސަގާފަތާއި އާދަކާދަތަކުގެ ތެރެއަށް އެ ފިކުރު ވައްދަން މަސައްކަތް ކުރެ އެވެ. އަދި ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިޖުރަކުރަން ބާރު އަޅަ އެވެ. އޭގެ ތެރެއިން، ފުރައިގެން ގޮސް އުޅެނިކޮށް ބޯޑަރުތަކުން އަތުލައިގަނެ ހައްޔަރުކުރާ މީހުން ގިނަ ފަހަރަށް އަލުން މުޖުތަމައު ތެރެއަށް ދޫވަނީ އެވެ. ދޫ ނުވާ މީހުން ޖަލުގައި ރެކްރޫޓިން ފަށަ އެވެ. ބޯޑަރު ހުރަސްކުރާ މީހުން ޓްރެއިންވެ، ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ގައުމަށް އައިސް ޓެރަރިޒަމްގެ އަމަލުތައް ހިންގަން މަސައްކަތް ކުރެ އެވެ.
"ހަރުކަށި ފިކުރުގެ މީހުންގެ މައްސަލާގައި ޖުޑިޝަރީގެ ކޮންމެ ފެއިލިއާ އަކީ އެ ޖަމާއަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެއް. ރާއްޖޭގައި މިހާތަނަށް އައި ޓެރަރިސްޓް ހަމަލާތަކުގެ ތެރެއިން ޝަރުއީ މަރުހަލާ ފުރިހަމަވެ ސަކްސަސްފުލް ކޭސްއެއް ފެންނާކަށް ނެތް،" ރާއްޖޭގެ މަސްހަރު ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
އެކަމުގެ މިސާލުތައް ވޭތުވެދިޔަ އަހަރުތަކުގައި ފެންނަން އެބަހުއްޓެވެ. މިފަހުން އައި ހުރިހާ ޓެރަރިސްޓް ހަމަލާތައް ހިންގާފައި ވަނީ ސެޕްޓެމްބަރު 29، 2007 ވަނަ ދުވަހު ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއާ ވެސް ގުޅުން ހުރި މީހުންނެވެ.
މަރު ކޮމިޝަނަށް ސިއްރު ހެކި ދިން ހަތަރު ފަރާތެއް ބުނެފައިވާ ގޮތުގައި ބްލޮގާ ޔާމީން ރަޝީދު، ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް މަރާލުމުގެ ފަހަތުގައި ފުރުގާން މިސްކިތުގައި ހަރުކަށި ފިކުރު ފަތުރަން އުޅުނު މީހުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސަލްޓަން ޕާކުގައި ބޮން ގޮއްވައިލި "ޑޮޓް" ގްރޫޕާ ގުޅުން ހުރި އަލްގައިދާ ޖަމާއަތުން ރެކްރޫޓްކޮށް ތަމްރީން ކޮށްފައިވާ މީހުން ހިމެނެ އެވެ.
އަނެއް މިސާލަކީ އއ. ހިމަންދޫގައި މައްސަލާގައި އިސްކޮށް އުޅުނު އަބްދުﷲ އަލީ އެވެ. އޭނާ ހައްޔަރުކޮށް ހުކުމް ކުރުމުން ޖަލުގައި ހޭދަކުރި 15 އަހަރު ދުވަހަކީ މާލޭގައި ހިންގާ ބޮޑެތި ގޭންގުތަކުގެ ތެރެއަށް ހަރުކަށި ފިކުރު ވައްދާ، އެތައް ބައެއްގެ ސިކުނޑި ދޮވެ، މީހުން ރެކްރޫޓް ކުރަން ލިބުނު ފުރުސަތަކަށްވި އެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ އިންޓަނެޓް ފޯރަމްތަކުގައި، ނަޝީދުގެ ހަމަލާއަށް ފަހު ނެރެފައިވާ ބައެއް ލިޔުންތަކާއި ފޮތްތަކުގައި ސީދާ ސުއިސައިޑް ވެސްޓް ނުވަތަ އަމިއްލައަށް މަރުވެގެން ހަމަލާ ދިނުމަށް ބޭނުންކުރާ އާލާތްތައް ތައްޔާރުކުރާނެ ގޮތާއި އެކަންކަން "ހަލާލް ކޮށް" ހިތްވަރު ދީފައި އެބަހުއްޓެވެ. އެކަން ހުއްޓުމެއް ނެތި ކުރިއަށްދާއިރު މިއީ ބަދަލުހިފުމުގެ ނުރައްކާތެރި އަމަލެއް ހިންގަފާނެ ކަމަށް ފާރަވެރިވި ތިބެންޖެހޭ ސަބަބެކެވެ. -- މާނައަކީ، މިފަދަ ކޮންމެ އޮޕަރޭޝަނަކަށް ފަހު، ހަރުކަށި ފިކުރުގެ މީހުން އެކްޓިވޭޓް ވަމުންދާ ކަމެވެ. މިހާރު އަނެއްކާ ވެސް މި ފެންނަނީ އެ މަންޒަރެވެ.
މިއީ ބަރީއަވެވެން ނެތް ބޮޑު ކުށެއް!
ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނެއް ޖަލުގައި ފަށައިފި
ބަންދުން ދޫކޮށްލި 5 މީހުންގެ މައްސަލަ އިސްތިއުނާފަށް
ޓެރަރިޒަމްގެ އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފި
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
އާންމުން ރަތަށް: މިއީ ގައުމެއްތަ؟
ގޮއްވާލައިފައި ވަނީ މި ސައިކަލް، ގޮއްވާލި މީހާ ފެނުނު
ހަރުކަށި ފިކުރުގެ "ބޮޑެއް" އަނެއްކާވެސް ހައްޔަރުކޮށްފި
24 ގަޑިއިރަށް ބަންދު ކުރެވޭ ގޮތަށް ބިލް ބަދަލުކޮށްފި
"ތަމްރީނު ފެށީ ވަކި ކަމެއް މެދުވެރިވެގެނެއް ނޫން"