Roadha Mihaaru
ހަރުކަށި ފިކުރުގެ "ބޮޑެއް" އަނެއްކާވެސް ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ މީހަކު އަނެއްކާވެސް މަޑުއްވަރިން ހައްޔަރުކޮށްފި

18 ޑިސެމްބަރ 2019

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރައި އަނިޔާވެރިކަން އިސްކުރަމުންދާތީ ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގައި ފުލުހުން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރައި އަނިޔާވެރިކަން އިސްކުރަމުންދާތީ ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގައި ފުލުހުން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނިގޮތުގައި ފަހުން ހައްޔަރުކުރީ 34 އަހަރުގެ ފިރިހެނެކެވެ. ފުލުހުންނާއި ސިފައިން އަދި ކަމާގުޅޭ އެހެން އިދާރާތަކުން ހިންގާ އޮޕަރޭޝަންގައި މީގެ ކުރިން ހައްޔަރުކުރީ 30 އަހަރުގެ ފިރިހެނެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ދެ މީހުން ވެސް އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅެ އެވެ. ފުރަތަމަ ހައްޔަރުކުރީ މަޑުއްވަރީގައި ދިރިއުޅެމުން ދިޔަ ނ. މަނަދޫ މީހެކެވެ. އޭނާ އެ ރަށުގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށް މަޑުއްވަރިން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ފަހުން ހައްޔަރުކުރީ މަޑުއްވަރީ އަށް ނިސްބަތްވާ މީހެކެވެ.

އެ ރަށުގެ އާއްމުންނާ މާބޮޑު ގުޅުމެއް ނޯންނަ މި މީހުން ދިރިއުޅޭ ގެތައް އަދިވެސް އަންނަނީ ބަލައި ފާސްކުރަމުންނެވެ. މި އޮޕަރޭޝަންގައި ތިން ކަނޑި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ އަޑު ފެތުރިފައިވާ ކަމަށް މަޑުއްވަރިން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އެކަމަކު ސަލާމަތީ ޚިދުމަތްތަކުން މިކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ. ބަލައިފާސްކުރުމާ ގުޅޭ މައުލޫމާތު ފުލުހުން އަދި އާއްމެއް ނުކުރެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގަނީ ދީނީގޮތުން ހައްދުފަހަނާޅާފައިވާ ފިކުރުގައި ޖިނާއީ ބޮޑެތި ކުށްތަކަށް އަރަގަންނަމުންދާ މީހުން ހޯދައި އެ މީހުންގެ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށެވެ. އެ ބަޔާނުގައި ބުނިގޮތުގައި އެ ރަށަށް އެރީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެ، ޓެރަރިސްޓު ޖަމާއަތްތަކަށް މީހުން ރެކްރޫޓްކޮށް ހިންގުމުގެ މަސައްކަތާ ވެސް ދެކޮޅަށެވެ.

އެ ރަށުގައި ހަރުކަށި ފިކުރު ފަތުރާ މީހުން އަނިޔާވެރި ގިނަ އަމަލުތަކެއް ހިންގާ ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ މީހުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުން މަހްރޫމްކޮށް ނާޖާއިޒު ފައިދާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މީހުން ގެންގުޅެނީ މުޖުތަމައާ ވަކިކޮށް، ގެ ތަކުގައި ބަންދުކޮށްގެން ކަމަށް ވެސް ތުހުމަތުކުރެ އެވެ.

ވަކިން ޖަމާއަތް ހަދައިގެން މަޑުއްވަރީގައި ނަމާދުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ބޭރު ރަށްރަށުގެ މީހުން ގެނެސް އެ މީހުން ގަބޫލުކުރާ ދީނީ މިންގަނޑުތައް އުނގަންނައި ދިނުން ވެސް ފުޅާ ދައިރާއެއްގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސީރިއާ ހަނގުރާމަ އަށް ވެސް ބައެއް މީހުން ދިޔަ އެވެ. އަނެއް ބަޔަކު އެއާޕޯޓުން ހުއްޓުވާފައި ވެސް ވެ އެވެ.