Roadha Mihaaru
ހުޅުމާލޭގެ ހަމަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2020

ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައިގެ މައްސަލައާ ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައިގެ މައްސަލައާ ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ޗައިނާގެ އެއް ޓޫރިސްޓަކަށާއި ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ މީހަކާއި އޮސްޓްރޭލިއާގެ މީހަކަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލައާ ގުޅޭ ގޮތުން، މިރޭ 7:30 ވާން އުޅެނިކޮށް ފުލުހުން ބޭއްވި ޕްރެސް ބްރީފިންގައި ބުނީ، އެ ބްރީފިންއާ ހަމައަށް ހައްޔަރުކުރީ ފަސް މީހަކު ކަމަށެވެ. އެކަމަކު، އޭގެ ދެ ގަޑިއެއްހާއިރު ފަހުން ފުލުހުން ބުނީ އިތުރު މީހަކު ވެސް ފަހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެހެންވެ، ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަމަށް ވެސް އައިސްފައިވާ އެ ޖަރީމާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ހަ މީހެކެވެ.

ހަމަލަދިން މީހުންގެ ތެރޭގައި މަޑުއްވަރީގެ ހަރުކަށި ފިކުރުގެ ބައެއް

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި، ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ކުރިއަރުވަން މަސައްކަތް ކުރާ ބަޔަކު ވެސް ހިމެނެ އެވެ. އެއީ ސިފައިންނާއި ފުލުހުން ދާދި ފަހުން، ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންނާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ހިންގި ރަށެކެވެ. އެ އޮޕަރޭޝަނަށް ފަހު، މަޑުއްވަރީން ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަންގާރަ ދުވަހުގެރޭ 7:50 ހާއިރު ދިން ހަމަލާގައި ހަރުކަށި ފިކުރުގެ މީހުން ބައިވެރިވެ އަދި އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ހަމަލަ ދީފައި ވަނީ ހުޅުމާލޭގެ ތިން ސަރަހައްދަކުން ކަމަށް ބައެއް މީހުން ބުނެ އެވެ. އެއީ ވައިޓްހާޕާއި ތަންދޫރީ ފްލޭމް އަދި ޓީޓައިމްސް ކައިރި އެވެ. ބިދޭސީ ތިން ފިރިހެނުންނަށް ވަޅީގެ ނުރައްކާތެރި ހަމަލަ އަމާޒުވި ރޭ ފުލުހުން ބުނެފައި ވަނީ އެ ކަން ކުރީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށެވެ.

ފުލުހުން މިރޭ ބުނިގޮތުގައި، ވަޅީގެ ހަމަލައިގައި ޒަހަމްވި ތިން ބިދޭސީންގެ ތެރެއިން ފަރުވާ އަށް ފަހު ހޮސްޕިޓަލުން މިހާތަނަށް ދޫކުރީ އެންމެ މީހެކެވެ. އަނެއް ދެ މީހުން އަދިވެސް ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އެވެ.

އެ ހަމަލަ އަށް ފަހު، އެކަމުގެ ޒިންމާ ނަގާ ކަމަށް ބުނެ، ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ބައެއް ކަމަށް ބެލެވޭ ބަޔަކު ރޭ ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެކަމަކު، ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ. ޓެރަރިޒަމްގެ ގާނޫނުގެ ދަށުން، އެފަދަ ވީޑިއޯ އާއްމުކޮށް ޝެއާ ކުރުމަކީ ކުށެކެވެ. އެ ކަންތައްތަކާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

"އެކަން ކަމަށް ޖާގަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރާނަން. އޭގެ ތެރޭގައި ފަހަރުގައި ބައެއް މައްސަލަތައް އަޅުގަނޑުމެން ތަހުގީގު ކުރަންޖެހޭ ކަމަށް ވަންޏާ އަޅުގަނޑުމެން އެކަންކަން ތަހުގީގު ކުރަމުން ދާނެ،" ޝިފާއު ވިދާޅުވި އެވެ.

ޓެރަރިޒަމަށް ހިތްވަރުދޭ ވީޑިއޯ ޝެއާކުރުމަކީ ކުށެއް

ޓެރަރިޒަމްގެ ގާނޫނުގައި ޓެރަރިޒަމް މާނައިގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ ކަންކަން، ހުޅުމާލޭގައި ދިން ހަމަލައިގެ ތެރޭގައި ފާހަގަކުރެވޭ ކަމަށް ޝިފާއު ވިދާޅުވި އެވެ. ޓެރަރިޒަމްގެ ގާނޫނަށް ފެތޭ ކަންކަން އެ ހާދިސާގެ ތެރެއިން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެނިހެން ބައެއް ގާނޫނުން ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑިޕާޓްމަންޓުގެ ހެޑް، ޝިފާއު މިރޭ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފުލުހުންގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑިޕާޓްމަންޓުގެ ހެޑް، ޝިފާއު މިރޭ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ވެސް އަދި ހަމަ އެއާއެކު، ޓެރަރިޒަމްގެ ގާނޫނު ނޫން، ޖިނާއީ އެކި އެކި ގާނޫނުތަކުގައި ހުރި ކުށްތައް މީގެ ތެރޭގައި އެކުލެވޭތީ، އަޅުގަނޑުމެންގެ ތަހުގީގުގައި ޓެރަރިޒަމްގެ ގާނޫނަށް ވެސް އަދި އަދި މި ދެންނެވި ގާނޫނުތަކަށް ވެސް ރިއާޔަތް ކުރެވިގެން މި ހާދިސާގެ ތެރެއިން، ހިންގާ ތަހުގީގުގެ ތެރޭގައި ޓެރަރިޒަމްގެ ގާނޫނަށް ފެތޭ ކަންތައްތައް ވެސް އަދި އެއާއެކީގައި އެހެނިހެން ބައެއް ގާނޫނުތަކަށް ފެތޭ ކަންތައްތައް ވެސް ތަހުގީގު ކުރަމުން ދަނީ،" ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިން ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާއު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ހަރުކަށި ފިކުރުގެ މީހުން މޮނީޓާ ކުރަންޖެހެ އެވެ. ޝިފާއު ވިދާޅުވީ މޮނިކޮން އަމުރުގެ ދަށުން ހަރުކަށި ފިކުރުގެ ބައެއް މީހުން މޮނިޓާ ކޮށްފައިވާނެ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ތުރުކީގެ މީހަކަށް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ވަޅިން ހަމަލަ ދިނެވެ.

އެކަމާ ގުޅޭ ގޮތުން މިރޭގެ ނިއުސް ބްރީފިންގައި ސުވާލު ކުރުމުން ފުލުހުން ބުނީ، އެ ހަމަލައާ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުމެއް އޮތްތޯ ބުނަން އުނދަގޫ ކަމަށެވެ. އެކަމާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

އެންމެންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކުރާނެ: ރައީސް

ހުޅުމާލޭގައި، ރާވައިގެން ބިދޭސީ ތިން މީހަކަށް ދިން ވަޅީގެ ހަމަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު، އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީން އަދި ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުން އެންމެ ބޮޑަށް އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ.

"މިފަދަ ހަމަލާތަކާއި ހަރުކަށި ފިކުރުގެ މިފަދަ އެހެން އަމަލުތަކަކީ ގައުމީ ސަލާމަތަށް ހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަން ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިފަދަ ފިނޑި އަމަލުތައް ހިންގަން މަސައްކަތް ކުރާ، އަދި އެފަދަ އަމަލުތައް ހިންގާނެ ކަމުގެ އިންޒާރުދޭ ފަރާތްތަކާ ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުން ދާނެ އެވެ.