05 ފެބުރުއަރީ 2020
ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާ މީހަކަށް ހުޅުމާލޭގައި ރޭ ވަޅިން ހަމަލަދިން މައްސަލައިގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ނަގާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިރޭ އާންމުކޮށްފި އެވެ.
ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާ މީހަކަށް ހުޅުމާލޭގައި ރޭ ވަޅިން ހަމަލަދިން މައްސަލައިގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ނަގާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިރޭ އާންމުކޮށްފި އެވެ.
މިއީ، ރާއްޖޭގައި މިފަދަ ބޮޑު ޖަރީމާއެއްގެ ޒިންމާ މިފަދަ ޖަމާއަތަކުން ނެގި ކަމަށް ބުނާ ފުރަތަމަ ފަހަރެވެ.
ރޭގެ އަށެއް ޖަހާކަންހާއިރު، އެއް ފަހަރާ ކަހަލަ ގޮތަކަށް ދިން ހަމަލައިގެ ޒިންމާ ނެގީ ރާއްޖޭގައި މަނާކޮށްފައިވާ ޖަމާއަތެއް ކަަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ރާއްޖޭގެ ގޮފިން ކަމަށް ވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ހަމަލަ އަމާޒުވި ތިން މީހުންގެ ތެރެއިން އެކަކީ ޗައިނާގެ ޓޫރިސްޓެކެވެ. ދެން ތިބީ ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ މީހަކާއި އޮސްޓްރޭލިއާގެ މީހެކެވެ.
ހުޅުމާލޭގައި ދިން ހަމަލައިގެ ޒިންމާ އުފުލުމުގެ އިތުރުން، ވަރުގަދަ އިންޒާރުތަކެއް ވެސް، ފެހި ކުލައިގެ ޖުއްބާއެއް ލައިގެން ކަޅު ކުލައިގެ ފޮތިގަނޑަކުން މޫނު ނިވާކޮށްގެން ހުރެ، ދިވެހި ބަހުން ވާހަކަ ދެއްކި ފިރިހެން މީހާ ވީޑިއޯގައި ދީފައި ވެ އެވެ.
އެގޮތުން، ދެން ހުރި ހަމަލާތައް ދޭނެ ތަނަކާއި ވަގުތެއް ވެސް ނުވިސްނޭނެ ކަމަށް އެ ވީޑިއޯގައި ބުނެ އިންޒާރު ދިނެވެ. އަދި ވެރިންނަކީ މުރުތައްދު ވެފައިވާ ބައެއް ކަމަށް ތުހުމަތުކޮށް ބުނީ، ރައްޔިތުންނަށް އޮޅުވާލައި އެ މީހުންގެ އަނބިންނާއި ދަރިން އަތުލައިގެންފައި އަރާމުގައި ތިބެވޭނެ ކަމަށް ދުށުމަކީ ކުށްހީއެއް ކަމަށެވެ.
ހުޅުމާލޭގައި ރޭ ދިން ހަމަލައިގެ ޒިންމާ ނަގައި ހަރުކަށި ފިކުރުގެ މީހުން އާއްމު ކޮށްފައިވާ ވީޑިއޯގައި ވާހަކަ ދައްކާ މީހާ.
"އޭގެ ބަދަލެއްގެ ގޮތުން އަހަރެމެން ކަލޭމެންގެ ބަލި ފަޔަށް މި އެރީ. އަދި މި ޒަހަމްގެ މައްޗަށް އަންނަން އޮތީ އިތުރު ޒަހަމްތަކެއް،" އިނގިރޭސި ބަހުން ސަބްޓައިޓްލް އަރުވާ ވީޑިއޯގައި ބުންޏެވެ.
ޖަލަށް ދާން ޖެހިދާނެތީ ބިރުން ދީން "ވިއްކާލި" ޝެއިހުނަށް ދޭ އިންޒާރެއް ކަމަށް ބުނެ، ވީޑިއޯގައި ވާހަކަ ދެއްކި މީހާ ބުނީ، ހަދާ ދޮގުތަކުގެ ރައްދު ކައިރި ވެއްޖެ ކަމަށެވެ. އެ އަށް ފަހު ހަނގުރާމަ އަށް ގޮވާލާ ގުރުއާންގެ އާޔަތްތައް އޭނާ ކިޔަ އެވެ.
ވީޑިއޯގައި ދެއްކި ބައެއް ވާހަކަތަކަށް ބަލާއިރު، ހުޅުމާލޭގައި ވަޅިން ރޭ ހަމަލަދިނީ ރާއްޖޭގެ ޓޫރިޒަމް ފުނޑާލުމުގެ ނިޔަތުގައި ކަން އެނގެ އެވެ. އޭގައި ބުނެފައި ވަނީ "ބޭރުގެ ކާފަރުންނަށް މިއީ ސުވަރުގެ ކަމަށް ތި ދައްކާ ދެއްކުން އަވާމެންދުރަކަށް ވެއްޖެ" ކަމަށެވެ. އަދި ބުނީ، ދެން މި ގައުމުން އެ މީހުންނަށް ލާނީ "އަލިފާނުގެ ރަހަ" ކަމަށެވެ.
ވަޅީގެ ހަމަލައިގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް 24 ގަޑިިއިރު ވީއިރު ވެސް އެއްވެސް ބަޔަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ރޭ ބުނެފައި ވަނީ އެ ތިން މީހުންނަށް ހަމަލަދިނީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށެވެ.
ބައެއް މީހުން ބުނާ ގޮތުގައި، ވަރަށް ބޮޑަށް ރާވައިގެން، މި ހަމަލަތައް ދިނީ ހުޅުމާލޭގެ ތިން ސަރަހައްދަކުންނެވެ. އެއީ ޓީޓައިމްސް ކެފޭ ކައިރި އާއި ވައިޓް ހާޕް ކައިރި އަދި ތަންދޫރީ ފްލޭމްސް ކައިރިންނެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ތުރުކީގެ މީހަކަށް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލަ ދިނެވެ. އެކަމަކު، ދެ މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރެއް ނުކުރާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ރޭގެ ހަމަލަ އަމާޒުވި ތިން މީހުންގެ ހާލު ބެއްލެވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާއި ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އަދި ފުލުހުންގެ ބައެއް އިސްވެރިން ހުޅުމާލޭ ހޮސްޕިޓަލަށް ފަހުން ވަޑައިގަތެވެ.
ރާއްޖޭގައި ދީނީގޮތުން ހައްދު ފަހަނައަޅާފައިވާ މީހުން ހުއްޓުވުމަށް ކުރިއާ ޚިލާފަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން، ގާނޫނުތަކަށް ބަދަލު ގެނެސް، ހަރުކަށި ފިކުރުގެ ޖަމާއަތްތައް ރާއްޖޭގައި މަނާކޮށް، އެފަދަ ޖަމާއަތްތަކުގެ ލިސްޓެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ދާދި ފަހުން ހިންގި އޮޕަރޭޝަނެއްގައި ރ. މަޑުއްވަރީން ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ކައިވެނީގެ ނަމުގައި ކުޑަ އަންހެން ކުދިން ގެންގުޅު މީހުންނެވެ. އެކުދިން ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ނަގައިފަ އެވެ.
އަދި ދީނުގެ ނަމުގައި، ކުދިންނަށް ވެކްސިން ނުދޭ މައިންބަފައިންނާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ. ވެކްސިން ދިނުމަކީ ގާނޫނީ ގޮތުން މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅައި، އެކަން ނުކުރާ މީހުންނަށް މި މަހުގެ 22 ން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ އެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުނެފައި ވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށެވެ. އަދި އެފަދަ ޖަމާއަތްތަކުން ރާވައިގެން ރާއްޖޭގައި އެކި ކަހަލަ ނުރައްކާތެރި ކަންކަން ހިންގަމުން ދާ ކަމަށް ބުނެފައި ވެ އެވެ.
ހަރުކަށި ފިކުރުން ދީފާނެ ގެއްލުމަކަށް ތިބީ ތައްޔާރަށް
ހުޅުމާލޭގެ ހަމަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ ހަރުކަށި ފިކުރުގެ މަޑުއްވަރީގެ ބައެއް
ހުޅުމާލޭގެ ހަމަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރު
ހުޅުމާލޭގެ ހަމަލާއާ ގުޅިގެން އިތުރު މީހަކު ހައްޔަރަށް
ހުޅުމާލޭގެ ހަމަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު
ރޭގެ ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރެއް ނުކުރޭ
ޗައިނާ ދެ މީހަކަށާއި އޮސްޓްރޭލިއާ މީހަކަށް ހަމަލަދީފި
އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރާނަން: ރައީސް
އަލީ ސޯލިހަށް ހަމަލަދިނީ މަރާލާނެ ކަމުގެ އިންޒާރާއެކު!