Roadha Mihaaru
ހައްޔަރުކުރީ ހަރުކަށި ފިކުރުގެ މަޑުއްވަރީގެ ބައެއް

ހުޅުމާލޭގައި ދިން ހަމަލައިގެ ތުހުމަތަށް ހައްޔަރުކުރީ މަޑުއްވަރީގެ ހަރުކަށި ފިކުރުގެ ބައެއް

06 ފެބުރުއަރީ 2020

ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައިގެ މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރ. މަޑުއްވަރީގެ ހަރުކަށި ފިކުރުގެ ބައެއް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައިގެ މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރ. މަޑުއްވަރީގެ ހަރުކަށި ފިކުރުގެ ބައެއް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ތިން މީހެކެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ވެސް އަންގާރަ ދުވަހުގެ ރޭ 7-8 އާ ދެމެދު ދިން މި ހަމަލައިގެ ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރުގެ ބަޔަކަށެވެ. އެކަމަކު، އެ މީހުންގެ ރަށެއް އަދި ހާމައެއް ނުކުރެ އެވެ.

ޗައިނާގެ އެއް ޓޫރިސްޓަކަށާއި ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް އަމާޒުވި ވަޅީގެ ހަމަލައާ ގުޅޭ ނިއުސް ބްރީފިންއެއް މިރޭ ހަތެއް ޖަހާއިރު ބާއްވަން ފުލުހުން ވަނީ ނިންމައިފަ އެވެ. ޝަހީދު ހުސައިން އާދަމް ބިލްޑިންގްގެ ކުރިމަތީގައި ބާއްވާ މި ބްރީފިންގައި މާ ގިނަ ތަފްސީލްތަކެއް އަދި ހާމަކުރާނެ ކަމަކަށް ނުބެލެވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުން ނޫސްވެރިންނަށް އެ ބްރީފިންގައި ފުރުސަތު ދޭނީ މަދު ސުވާލު ތަކަކަށެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ދާދި ފަހުން މަޑުއްވަރީގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރު ކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ހުޅުމާލޭގައި އަންގާރަ ދުވަހުގެ ރޭ ވަޅިން ހަމަލަ ދިން މީހުންނާ، އޭގެ ތެރެއިން ބައެެއް މީހުންނާ ގުޅުން އޮވެ އެވެ.

ހުޅުމާލޭގައި އަންގާރަ ދުވަހުގެ ރޭގެ ހަމަލަދީފައި ވަނީ ތަފާތު ތިން ސަރަހައްދަކުން ގާތްގަނޑަކަށް އެއް ވަގުތެއްގައި ކަމަށް ބައެއް މީހުން ބުނެ އެވެ. އެއީ ވައިޓްހާޕާއި ތަންދޫރީ ފްލޭމް އަދި ޓީޓައިމްސް ކައިރި އެވެ. އެ ރޭގެ ހަމަލަ އަށް ފަހު، ފުލުހުން ބުނެފައިވާ ގޮތުގައި އެ ޖަރީމާ ހިންގީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.

މި ހަމަލަތަކުގެ ޒިންމާ ނަގާ ކަމަށް ބުނެ، ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ބައެއް ކަމަށް ބެލެވޭ ބަޔަކު ރޭ ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެކަމަކު، ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ފެހި ކުލައިގެ ޖުއްބާއެއް ލައިގެން ކަޅު ކުލައިގެ ފޮތިގަނޑަކުން މޫނު ނިވާކޮށްގެން ހުރެ، ދިވެހި ބަހުން ވާހަކަ ދެއްކި ފިރިހެން މީހާ ވަނީ ދެން ރާވާފައިވާ ހަމަލާތައް ދޭނެ ތަނަކާއި ވަގުތެއް ވެސް ނުވިސްނޭނެ ކަމަށް ބުނެ ވަރުގަދަ އިންޒާރުތަކެއް ދީފަ އެވެ.

އިނގިރޭސި ބަހުން ސަބްޓައިޓްލް އަރުވާ އެ ވީޑިއޯ އާންމުވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ރޭ ބުނީ، ވަޅީގެ ހަމަލައިގެ މައްސަލަ، ކަމާ ގުޅުން ހުރި މުއައްސަސާތަކާ އެކު، ބަލަމުން އަންނަ ކަމަށެވެ.