ރ. މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގަނީ ދީނީގޮތުން ހައްދުފަހަނާޅާފައިވާ ފިކުރުގައި ޖިނާއީ ބޮޑެތި ކުށްތަކަށް އަރަގަންނަމުންދާ މީހުން ހޯދައި އެ މީހުންގެ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
18 ޑިސެމްބަރ 2019
ރ. މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގަނީ ދީނީގޮތުން ހައްދުފަހަނާޅާފައިވާ ފިކުރުގައި ޖިނާއީ ބޮޑެތި ކުށްތަކަށް އަރަގަންނަމުންދާ މީހުން ހޯދައި އެ މީހުންގެ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާއި ސިފައިން އަދި ކަމާގުޅޭ އިދާރާތަކުން މިއަދު އަންނަނީ މަޑުއްވަރީގެ ގެތަކެއް ބަލައި ފާސްކުރަމުންނެވެ.
އިސްލާމްދީނުގެ ނަމުގައި މީހުން މެރުމާއި ބޮން ގޮއްވުން ފަދަ އަނިޔާވެރި އަމަލުތަކަށް އަރައިގަންނަ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރަށް ތާއީދުކޮށް، މަޑުއްވަރީގައި އެ ފިކުރު ފަތުރައި ހަނގުރާމަ އަށް މީހުން ފޮނުވާ ކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ދިރިއުޅެ އެވެ. އެ ފިކުރުގައި، އެ ރަށް ނުރައްކަލަކަށް ހުށަހެޅިފައިވާ ކަން ކައުންސިލުން ވަނީ ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފަ އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނިގޮތުގައި އެ ރަށަށް އެރީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެ، ޓެރަރިސްޓު ޖަމާއަތްތަކަށް މީހުން ރެކްރޫޓްކޮށް ހިންގުމުގެ މަސައްކަތާ ދެކޮޅަށެވެ. އެ ރަށުގައި ހަރުކަށި ފިކުރު ފަތުރާ މީހުން އަނިޔާވެރި ގިނަ އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ މީހުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުން މަހްރޫމްކޮށް ނާޖާއިޒު ފައިދާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މީހުން ގެންގުޅެނީ މުޖުތަމައާ ވަކިކޮށް، ގެ ތަކުގައި ބަންދުކޮށްގެން ކަމަށް ވެސް ތުހުމަތުކުރެ އެވެ.
ދަރިމައިވުމާ ގުޅޭ ސިއްހީ އިންތިޒާމްތަކުން މަހްރޫމްކޮށް، ފުރާނަ އަށް ސިއްހަތަށް ނުރައްކާތެރި ހާލަތަކަށް އަންހެނުން ހުށަހެޅުމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ. ކުޑަކުދިންނަށް ވެކްސިން ނުދީ، ތައުލީމުން މަހްރޫމްކޮށް، ކައިވެނިކޮށްގެން ކަަމަށް ބުނެ އެ ކުދިންނަށް އަނިޔާވެރިވަމުންދާ ކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
"...ލިބެމުންދާ މައުލޫމާތާ ގުޅިގެން މިކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދައި ދެނެގަނެ، މިތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ހިންގޭ އޮޕަރޭޝަނެކެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ ހައްދުފަހަނާޅާފައިވާ ފިކުރުގެ ތެރެއިން ހައްގަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޖިނާއީ އަމަލުތައް ހިންގާ މީހުންނާ ދޭތެރޭގައި އެ އޮޕަރޭޝަންގައި ފިޔަވަޅު އަޅާނެ އެވެ. އޭގެތެރޭގައި، އެކަންކަން ދިފާއުކޮށް، ހިތްވަރުދޭން މަސައްކަތް ކުރާ މީހުން ހިމެނޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކަމާބެހޭ އިދާރާތަކުން މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނަށް އެ ރަށުގެ ރައްޔިތުންނާއި ކައިރި ރަށްތަކުން ވެސް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވަކިން ޖަމާއަތް ހަދައިގެން މަޑުއްވަރީގައި ނަމާދުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ބޭރު ރަށްރަށުގެ މީހުން ގެނެސް އެ މީހުން ގަބޫލުކުރާ ދީނީ މިންގަނޑުތައް އުނގަންނައި ދިނުން ވެސް ފުޅާ ދައިރާއެއްގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސީރިއާ ހަނގުރާމަ އަށް ވެސް ބައެއް މީހުން ދިޔަ އެވެ. އަނެއް ބަޔަކު އެއާޕޯޓުން ހުއްޓުވާފައި ވެސް ވެ އެވެ.
ފެނުނު ބިރުވެރި، ނުރައްކާތެރި ހާލަތު!
ހަރުކަށި ފިކުރު ފަތުރާތީ މަޑުއްވަރީ ގެތަކެއް ފާސްކުރަނީ
މަޑުއްވަރީން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް!
މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި
ތައުލީމުން މަހްރޫމްކޮށް، ވެކްސިން ނުދޭ މައްސަލަ ގިނަ!
އެލާޓަކު ނެތިން: ޕޮލިސް
ހަރުކަށި ފިކުރުގެ "ބޮޑެއް" އަނެއްކާވެސް ހައްޔަރުކޮށްފި
ސީރިއާގައި ތިބި ދިވެހިން ހަތް މަސް ތެރޭ ގެންނަނީ
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ
ޖަލުންް އަނިޔާވީ އަމިއްލައަށް ބޯ ފަޅާލި މީހަކަށް