18 ޑިސެމްބަރ 2019
ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ބޮޑު އޮޕަރޭޝަނެއް ފަށައި ބައެއް ގެތައް ބަލައި ފާސްކުރަން ފަށައިފި އެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ބޮޑު އޮޕަރޭޝަނެއް ފަށައި ބައެއް ގެތައް ބަލައި ފާސްކުރަން ފަށައިފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު "މިހާރު" އަށް ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި، އެ ރަށުގެ ބައެއް ގެތައް ފާސްކުރަމުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި އޮޕަރޭޝަނާ ގުޅޭ ތަފްސީލް ސަލާމަތީ ޚިދުމަތްތަކުން އާއްމު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިވަގުތު ބައެއް ގެތައް ބަލައި ފާސްކުރަމުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ ތެރޭގައި، ކަނޑުމަތީގައި މާރީމާރީ ހިންގައި އެކަކު މަރާލަން އުޅުނު ހާދިސާގައި ތުހުމަތުކުރެވޭ އިސްމާއިލް ހައްމާދާއި އިސްމާއިލް އާސިފް ނިސްބަތްވަނީ މަޑުއްވަރީ އަށެވެ. ހައްމާދަށް، އާސިފް ހަމަލާދިނީ ހަރުކަށި ފިކުރުގެ ތެރެއިން އެ މީހުން ހިންގި ކަމެއްގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން ކަމަށް ވެ އެވެ. ދެ މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ހައްމާދު ހައްޔަރުކުރީ، ކައިވެނީގެ ނަމުގައި 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހަދައި ބަލިވެ އިނދެ ވިހެއި މައްސަލައިގަ އެވެ.
މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ. --ފޮޓޯ: މަޑުއްވަރީ އޮންލައިން
އިސްލާމްދީނުގެ ނަމުގައި މީހުން މެރުމާއި ބޮން ގޮއްވުން ފަދަ އަނިޔާވެރި އަމަލުތަކަށް އަރައިގަންނަ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރަށް ތާއީދުކޮށް، މަޑުއްވަރީގައި އެ ފިކުރު ފަތުރައި ހަނގުރާމަ އަށް މީހުން ފޮނުވާ ކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ދިރިއުޅެ އެވެ. އެ ފިކުރުގައި، އެ ރަށް ނުރައްކަލަކަށް ހުށަހެޅިފައިވާ ކަން ކައުންސިލުން ވަނީ ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފަ އެވެ.
ރ. މަޑުއްވަރީ: އެ ރަށުގައި ހައްދުފަހަނާޅައި ދިއުމުގެ ފިކުރު ފެތުރޭތާ އަހަރުތަކެއް ވެއްޖެ.
ވަކިން ޖަމާއަތް ހަދައިގެން އެ ރަށުގައި ނަމާދުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ބޭރު ރަށްރަށުގެ މީހުން ގެނެސް އެ މީހުން ގަބޫލުކުރާ ދީނީ މިންގަނޑުތައް އުނގަންނައި ދިނުން ވެސް ފުޅާ ދައިރާއެއްގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސީރިއާ ހަނގުރާމަ އަށް ވެސް ބައެއް މީހުން ދިޔަ އެވެ. އަނެއް ބަޔަކު އެއާޕޯޓުން ހުއްޓުވާފައި ވެސް ވެ އެވެ.
- މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާތީ 2010 ގައި އިސްލާމިކް މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް ނަސޭހަތް ދޭން އުޅުމުން ނުކިޔަމަންތެރިކަން ދެއްކި. އެ މީހުންނަށް ޖެހުނީ އެނބުރި އަންނަން.
- އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން މިދިޔަ މަހުގެ ތެރޭގައި "މިހާރު" އަށް ކިޔައިދިން ގޮތުގައި ވަކިން ޖަމާއަތް ހަދައިގެން ގާތްގަނޑަކަށް 26 މީހުން އުޅޭ.
- އެ ޖަމާއަތުގެ ނަސޭހަތް އަޑުއަހައި، ދަސްކުރަން އެހެން ރަށްތަކުގެ މީހުން ވެސް މަޑުއްވަރީއަށް ދޭ.
- މަޑުއްވަރީން 2014 ގައި މީހަކު ގެއްލިގެން ރިޕޯޓްކުރި. ކަމާބެހޭ އިދާރާތަކުން ބެލިއިރު، އެނގުނީ އެ އަތޮޅު މީދޫ ބަޔަކާ އެކު ހަނގުރާމަ އަށް ސީރިއާ އަށް އެތެރެވެފައިވާ ކަން.
- އޭގެ ފަހުން ވެސް ސީރިއާ އަށް ދާން އުޅުނު މަޑުއްވަރީގެ ބަޔަކު ވަނީ އެއާޕޯޓުން ހިފަހައްޓާފައި.
ހަރުކަށި ފިކުރުގެ މީހުން ތަބާވެ މަޑުއްވަރީގައި ވެސް ކުރިއަރުވަނީ، ލޭގެ ގުޅުން ކަނޑާލުމާއި މީހުންގެ މުދަލަށް އަރައިގަތުމާއި އަނިޔާވެރިކަން އިސްކުރުމުގެ ފިކުރުތަކަކާއި ވިސްނުންތަކެކެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި އެ ރަށުގެ ބޮޑު މިސްކިތް އަޅާފައި ވަނީ ގަބުރުމަތީގަ އެވެ. އެހެންވެ އެތަނުގައި ނަމާދުކުރުން ހުއްދަ ނުވާނެ ކަމަށެވެ.
ރ. މަޑުއްވަރީ ބަނދަރުމަތި: އެ ރަށުގައި ހަރުކަށި ފިކުރު ފަތުރާ ބަޔަކު ހޯދަން ފުލުހުންނާއި ސިފައިން އަންނަނީ އޮޕަރޭޝަނެއް ހިންގަމުން. -- ފޮޓޯ: މަޑުއްވަރީ ކައުންސިލްގެ އިދާރާ
ރާއްޖޭގައި ހަރުކަށި ފިކުރު އެންމެ ބޮޑަށް ފަތުރާ ރަށްތައް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީިސީ) އަށް އެނގެ އެވެ. މަޑުއްވަރީގައި ބޮޑު އޮޕަރޭޝަނެއް ހިންގާ އިރު، ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ހަރުކަށި ފިކުރު ރާއްޖޭގެ ކަންކޮޅުތަކުގައި ފެތުރިފައި ވަނީ ނުރައްކާތެރި މިންވަރަކަށް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. ޖެހިލުމެއް ނެތި މީހުން މަރާ ހިސާބަށް ހައްދުފަހަނާޅާފައިވާ 1400 އެއްހާ މީހުން އުޅޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެތެރެއިން ބަޔަކު ވަނީ، 2017 ގައި އައިއެސްގެ ލީޑަޝިޕުގެ އިރުޝާދާ އެއްގޮތަށް ރާއްޖޭގައި ބޮން ހަދައި ވައިގެ މަގުން ގޮއްވާލަން އުޅެފަ އެވެ. ސަލާމަތީ ބާރުތަކަށް އެނގިގެން އެކަން ހުއްޓުވީ އެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ފަށާފައިވާއިރު ހަނގުރާމަ އަށް ހިތްވަރުދޭ ކަމަށް ތުހުމަތުކުރެވޭ ތިން މީހެއްގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ރޭ ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މަޑުއްވަރީން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް!
މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި
މަޑުއްވަރީ އަށް އެރީ ހަރުކަށި ފިކުރުގެ ބޮޑުން ހޯދަން!
ފެނުނު ބިރުވެރި، ނުރައްކާތެރި ހާލަތު!
"އެލާޓް ލެވެލް މަތިކުރީ ނުރައްކަލެއް އޮވެގެން ނޫން"
ތައުލީމުން މަހްރޫމްކޮށް، ވެކްސިން ނުދޭ މައްސަލަ ގިނަ!
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ
ޖަލުންް އަނިޔާވީ އަމިއްލައަށް ބޯ ފަޅާލި މީހަކަށް
ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނެއް ޖަލުގައި ފަށައިފި
ހައްޔަރުކުރީ ހަރުކަށި ފިކުރުގެ މަޑުއްވަރީގެ ބައެއް