Roadha Mihaaru
މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު މަޑުއްވަރީން ހައްޔަރުކޮށްފި

18 ޑިސެމްބަރ 2019

ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން މިއަދު ފެށި އޮޕަރޭޝަނެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން މިއަދު ފެށި އޮޕަރޭޝަނެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސިފައިންނާ ގުޅިގެން ހިންގާ އޮޕަރޭޝަނުގައި އުމުރުން 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރުގައި ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާ މީހުން ހޯދައި އެ މީހުންގެ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާއި ސިފައިން އަދި ކަމާގުޅޭ އިދާރާތަކުން މިއަދު އަންނަނީ މަޑުއްވަރީގެ ގެތަކެއް ބަލައި ފާސްކުރަމުންނެވެ.

އިސްލާމްދީނުގެ ނަމުގައި މީހުން މެރުމާއި ބޮން ގޮއްވުން ފަދަ އަނިޔާވެރި އަމަލުތަކަށް އަރައިގަންނަ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރަށް ތާއީދުކޮށް، މަޑުއްވަރީގައި އެ ފިކުރު ފަތުރައި ހަނގުރާމަ އަށް މީހުން ފޮނުވާ ކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ދިރިއުޅެ އެވެ. އެ ފިކުރުގައި، އެ ރަށް ނުރައްކަލަކަށް ހުށަހެޅިފައިވާ ކަން ރަށު ކައުންސިލުން ވަނީ ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފަ އެވެ.