Roadha Mihaaru
ދެން އޮތީ ފައިސާ ހަރަދުކުރި ގޮތް ބެލުން: އައްބާސް

ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި ނިމިއްޖެ، ދެން އޮތީ ފައިސާ ހަރަދުކުރި ގޮތް ބެލުން: އައްބާސް

10 އޯގަސްޓް 2021

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި ނިމިފައިވާ ކަމަށާއި ފުލުހުން ދެން އަމާޒު ހިފާނީ ހަމަލާއާ ގުޅިފައި ތިބި މީހުންނާއި ހަމަލާ ދިނުމަށް ފައިސާ ހަރަދުކުރި ގޮތް ތަހުގީގު ކުރުމަށް ކަމަށް، އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު އައްބާސް ފާއިޒް މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި ނިމިފައިވާ ކަމަށާއި ފުލުހުން ދެން އަމާޒު ހިފާނީ ހަމަލާއާ ގުޅިފައި ތިބި މީހުންނާއި ހަމަލާ ދިނުމަށް ފައިސާ ހަރަދުކުރި ގޮތް ތަހުގީގު ކުރުމަށް ކަމަށް، އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު އައްބާސް ފާއިޒް މިރޭ ވިދާޅުވެއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގް ކުރައްވައި ކުރެއްވި ޓުވީޓެއްގައި، އިނގިރޭސި ވިލާތުގެ އައްބާސް މިހެން ވިދާޅުވީ، މި ހަމަލާގެ ފަހަތުގައި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ބަޔަކު ތިބޭނެ ކަމަށާއި އަދި އެ ބަޔަކު ހޯދަން އާންމުން ގޮވާލައިފައި ވަނިކޮށެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފައިވާއިރު، މި މަހުގެ ތެރޭގައި އެ މީހުންގެ ޝަރީއަތް ފެށޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެ އެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ އެސެސްމަންޓާ ގުޅޭގޮތުން ރައީސަށް މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވެވި ފުރަތަމަ ބައްދަލުވުމަށް ފަހު، މިދިޔަ މަހު އައްބާސް ވިދާޅުވެފައި ވަނީ، ފުލުހުންގެ ތަހުގީގު މިހާތަނަށް ގެންގޮސްފައި ވަނީ ވަރަށް ފަރުވާތެރިކަމާ އެކު، ހުރިހާ ދިމާލަކަށް ނަޒަރު ހިންގައި، ފުރިހަމަކޮށް ކަމަށެވެ.

"މިހާތަނަށް ބަލާއިރު ފުލުހުން ތަހުގީގު ކޮށްފައި ވަނީ ވަރަށް ފަރުވާތެރިކަމާ އެކު [މައްސަލައިގެ] ހުރިހާ ދިމާލަކުން ވެސް ބަލައިގެން. އެއާ އެކު، ޕްރޮސިކިއުޓާ ޖެނެރަލްގެ ފުރިހަމަ މަސައްކަތަށް ބަލާއިރު ކޯޓުގައި ވަރުގަދަ ދައުވާއެއް އުފުލޭނެ ކަމަށް ބެލެވޭ،" އެމްނެސްޓީ އިންޓަނޭޝަނަލްގައި މަސައްކަތް ކުރެއްވި އައްބާސް ވިދާޅުވެފައި ވެ އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގާއި ކޯޓުގެ ހުރިހާ މަރުހަލާއެއް ވީހާ ވެސް އިންސާފުވެރިކޮށް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދަން، އައްބާސްއާ އެކު ބޭއްވި އެ ބައްދަލުވުމުގައި ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ.

ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މެއި 19، 2021 ގައި އައްޔަންކުރެއްވި އައްބާސް ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި އެމްޑީޕީގެ މެއި 6 ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގުތަކުގައި ޕީޖީން ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ އިތުރުން މައްސަލައިގައި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާ ގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި ރިޕޯޓެއް ތައްޔާރުކުރަން ޖެހިއްޖެ ނަމަ އެ ކަން ވެސް އޭނާ ކުރައްވާނެ އެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ސީދާ ގުޅުން ހުރި އަށް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ފުލުހުން ހާމަކޮށްފައިވަނީ ފަސް މީހެއްގެ ވަނަވަރެވެ. އެތަނުން، ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު، ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުންނަށް ފިލަން އެހީތެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު ވަނީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދޫކޮށްލައިފަ އެވެ.