Roadha Mihaaru
"ސަޕޯޓަރުންނަށްޓަކައި އެތުލެޓިކޯ ބަލިކުރުން މުހިއްމު"

ސަޕޯޓަރުންނަށްޓަކައި އެތުލެޓިކޯ ބަލިކުރުން މުހިއްމު: ޒިދާން

19 ނޮވެމްބަރ 2016

މެޑްރިޑް (ނޮވެމްބަރު 19) - ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވަން ޖެހެނީ ހަމައެކަނި ލީގުގައި ކުރިއަށް ދިއުމަށް ނޫން ކަމަށާއި ސަޕޯޓަރުންނަށްޓަކައި ވެސް މި މެޗުން މޮޅުވާން ބޭނުން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ނޮވެމްބަރު 19) - ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވަން ޖެހެނީ ހަމައެކަނި ލީގުގައި ކުރިއަށް ދިއުމަށް ނޫން ކަމަށާއި ސަޕޯޓަރުންނަށްޓަކައި ވެސް މި މެޗުން މޮޅުވާން ބޭނުން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ރެއާލް ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން 27 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓާ އެކު އެވެ.

ލީގުގައި މިދިޔަ ތިން ސީޒަނުގައި ވެސް ރެއާލަށް އެތުލެޓިކޯ ބަލިކުރެވިފައިނުވެ އެވެ. އަދި ޒިދާން ރެއާލާ ހަވާލުވި ފަހުން ބަލިވީ ހަމައެކަނި އެތުލެޓިކޯ އަތުންނެވެ. އެއީ މިދިޔަ ފެބްރުއަރީ މަހު ރެއާލް ދަނޑުގައި ކުޅުނު މެޗުން 1-0 އިންނެވެ.

"މެޑްރިޑަކީ ފުޓްބޯޅައިގެ ވާދަވެރިކަން އިންތިހާއަށް ބޮޑު ސަރަހައްދެއް. އެތުލެޓިކޯ އަތުން ބަލިވުމަކީ ސަޕޯޓަރުންނަށް ވެސް ހަޖަމުކުރަން އުނދަގޫ ނަތީޖާއަކަށް ވާނެ. އެ ހުރިހާ ކަމަކަށް ވިސްނާއިރު މި މެޗުން ސަޕޯޓަރުންނަށްޓަކައި ވެސް އެބަޖެހޭ މޮޅުވާން،" ކުރިން ރެއާލަށް ކުޅުނު ޒިދާން ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން ރެއާލްގެ ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. އޭގެ ތެރޭގައި ޕެޕޭ، ޓޯނީ ކްރޫސް، ކަސެމީރޯ އަދި އަލްވާރޯ މޮރާޓާ ހިމެނެ އެވެ. ރެއާލަށް އޮތް ހިތްހަމަ ޖެހުނަކީ އަނިޔާ އިން ރަނގަޅުވެ ސާޖިއޯ ރާމޮސް މި މެޗަށް ފިޓްވެފައިވުމެވެ.

ރެއާލް އެންމެ ފަހުން ކުޅުނު 10 މެޗުން އެޓީމު ކޮޅަށް ލަނޑެއް ނުވަދެ ނިމުނީ އެންމެ މެޗެއްގަ އެވެ. ޒިދާން ބުނީ ފަސޭހައިން ބައިކޮޅަށް ލަނޑު ވަނުމަކީ ބޮލު ރިހުމެއް ކަމަށެވެ.

"ރާމޮސް ފިޓްވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އޭނާ އަކީ ލީޑަރެއް. އަހަރެމެންގެ ކެޕްޓަން. މި ވަގުތު އަހަރެންނަށް އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ފަސޭހައިން ލަނޑު ވަންނަ މަައްސަލަ. ރާމޮސް އައުމާ އެކު އެ ކަމަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރަން،" ޒިދާން ބުންޏެވެ.

އެތުލެޓިކޯ ދަނޑުގައި ކުޅޭ މި މެޗަށް ނުކުންނައިރު އެ ޓީމުގެ އެންމެ އިތުބާރު ފޯވާޑް އެންޓޮއިން ގްރީޒްމަން އެއްކޮށް ފިޓެއް ނޫނެވެ. އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ވަކި ކުޅުންތެރިޔަކަށް ބަލައިގެން މި މެޗަށް ނުކުތުމުގެ ވިސްނުމެއް ނެތް ކަމަށާއި ރެއާލް ބަލިކުރަން ބޭނުންވަނީ ރަނގަޅަށް މަސައްކަތްކުރާ 11 ކުޅުންތެރިން ގޮވައިގެން ކަމަށެވެ.

އެތުލެޓިކޯ އާއި ރެއާލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.