Roadha Mihaaru
ރެއާލް އެއްވަރު، އެތުލެޓިކޯ އަތުން ބާސެލޯނާ ބަލިވެއްޖެ

ރެއާލް އެއްވަރުވިއިރު އެތުލެޓިކޯ އަތުން ބާސެލޯނާ ބަލިވެއްޖެ

22 ނޮވެމްބަރ 2020

މެޑްރިޑް (ނޮވެމްބަރު 22) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން ވިޔަރެއާލްއާ 1-1 އިން އެއްވަރުވިއިރު، އެތުލެޓިކޯ މެޑްރިޑުން 1-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ނޮވެމްބަރު 22) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން ވިޔަރެއާލްއާ 1-1 އިން އެއްވަރުވިއިރު، އެތުލެޓިކޯ މެޑްރިޑުން 1-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި ރެއާލް ސޮސިއެޑާޑް އޮތީ ނުވަ މެޗުން 20 ޕޮއިންޓާ އެކު އެވެ. ރޭގެ ޕޮއިންޓާ އެކު ރެއާލް އޮތީ ނުވަ މެޗުން 17 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ. ބާސެލޯނާ އަށް އަށް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ލީގުގެ 10 ވަނައިގަ އެވެ. މިއީ 1991 ވަނަ އަހަރަށް ފަހު ބާސެލޯނާ އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.

ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލް އިން ފަށައިގެން ރަނގަޅަށް ކުޅެ ދެ ވަނަ މިނިޓްގައި މަރިއާނޯ ޑިއާޒް ބޮލުން ޖެހި ގޯލާ އެކު ލީޑުނެގި އެވެ. ލީޑުފުޅާކުރަން ރެއާލަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވި ދިޔައިރު، ވިޔަރެއާލުން އެއްވަރުކުރީ ދެ ވަނަ ހާފްގަ އެވެ. މެޗުގެ 76 ވަނަ މިނިޓްގައި ސެމިއުލް ޗުކުވޭޒޭ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ވިޔަރެއާލްގެ ސްޕެއިން ފޯވާޑް ޖެރާޑް މޮރޭނޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން މޮރޭނޯ އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ރެއާލްގެ ޑިފެންޑަރު ރަަފައެލް ވަރާން ވަނީ ބްލޮކްކޮށްފަ އެވެ.

ވިޔަރެއާލްގެ ޕައު (ވ) ކައިރިން ރެއާލްގެ މޮޑްރިޗް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ވިޔަރެއާލްގެ ޕައު (ވ) ކައިރިން ރެއާލްގެ މޮޑްރިޗް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރެއާލުން މޮޅުވާން ކުރި މަސައްކަތާ ބަލާއިރު މި މެޗުން އެއް ޕޮއިންޓް މަދު ކަމަށާއި އޭނާގެ ނަޒަރުގައި މިއީ ތިން ޕޮއިންޓް ލިބެން ޖެހޭ މެޗެއް ކަމަށެވެ.

ބާސެލޯނާ ދޫކޮށް އެތުލެޓިކޯއާ މި ފަހަރު ގުޅުނު ފޯވާޑް ލުއިސް ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އޭނާ ނުލައި ކުޅުނު ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެތުލެޓިކޯ އަށް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ވިންގް ޔަނިކް ކަރާސްކޯ އެވެ.

މެޗުގައި ބާސެލޯނާ އަށް ދިމާވި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ ކަކުލަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. ބާސެލޯނާ އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ ޖެހި ބޯޅަ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

މިއީ ސްޕެނިޝް ލީގުގައި އެތުލެޓިކޯގެ ކޯޗުކަމުގައި ޑިއޭގޯ ސިމިއޯނީ ހުއްޓައި އެ ޓީމުން ބާސެލޯނާ ބަލިކުރި ފުރަތަމަ ފަހަރެވެ. ސިމިއޯނީ ބުނީ މެޗަށް ނުކުތީ ވެސް މޮޅެއް ހޯދަން ކަމަށާއި އެކަން ހާސިލްވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ކީޕަރަށް ހެދުނު ގޯހެއްގެ ސަބަބުން މެޗުގެ ނަތީޖާ އަށް އަސަރުކުރުމަކީ ވަރަށް ހިތްދަތި ގޮތެއް ކަމަށާއި އެއީ ބާސެލޯނާ ފަދަ ޓީމަކަށް ވާންޖެހޭނެ ގޮތެއް ނޫން ކަމަށެވެ.