Roadha Mihaaru
އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ ލީގު ޗެމްޕިއަންކަމާ ގާތަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ ލީގު ޗެމްޕިއަންކަމާ ގާތަށް

07 އެޕްރީލް 2019

ބާސެލޯނާ (އޭޕްރީލް 7) - މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ކުޅުނު އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 2-0 އިން ކުރިހޯދައި ބާސެލޯނާ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (އޭޕްރީލް 7) - މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ކުޅުނު އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 2-0 އިން ކުރިހޯދައި ބާސެލޯނާ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ރޭގެ މޮޅާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު 31 މެޗުން 73 ޕޮއިންޓާ ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 31 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން 2-1 އިން އެއިބާ އަތުން މޮޅުވިއިރު، އެ ޓީމަށް 31 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.

މެޗު ފަށައިގެން ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބާސެލޯނާގެ ޖޯޑީ އަލްބާ އަށެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. އޭގެ ފަހުން ބާސެލޯނާގެ ފިލިއްޕޭ ކުޓީނިއޯ ފޮނުވާލި ބޯޅަ އެތުލެޓިކޯ ގޯލުގައި ރޭ މޮޅު ކުޅުމެއް ދެއްކި ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

އެތުލެޓިކޯ އަށް މި މެޗުގައި އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 28 ވަނަ މިނިޓްގައި އެތުލެޓިކޯގެ ފޯވާޑް ޑިއޭގޯ ކޮސްޓާ މެޗުގެ ރެފްރީ ގިލް މަޒާނޯ އަށް ބޭއަދަބީ ބަހުން މުހާތަބު ކުރުމުން އޭނާ އަށް ރަތް ކާޑު ދެއްކުމުންނެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ގަޑިއިރެއްހާއިރު އެތުލެޓިކޯ އިން ބާސެލޯނާ ހިފެހެއްޓިއިރު، އެކަމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ކީޕަރު އޮބްލަކް އަށެވެ. އޭނާ ވަނީ ބާސެލޯނާގެ އެޓޭކްތައް ހުއްޓުވުމުގައި ކުރިހޯދައިފަ އެވެ.

ބާސެލޯނާ މި މެޗުން މޮޅުވި ލަނޑުތައް ޖެހީ މެޗުގެ ފަހު ފަސް މިނިޓް ތެރޭގަ އެވެ. އެ ގޮތުން 85 ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް ބާސެލޯނާ ފުރަތަމަ ގޯލު ޖެހީ އޭރިއާ ބޭރު ރޮނގުކައިރިންނެވެ. ސުއަރޭޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. އޭގެ މިނިޓެއް ފަހުން މެސީ ބާސެލޯނާގެ ލީޑުފުޅާކޮށްދިނީ އޭރިއާ ތެރެއިން ހަމަޖެހިލާފައި ކާމިޔާބުކުރި ގޯލުންނެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މިއީ ލީގު ކާމިޔާބު ކުރުމަށް އެ ޓީމުން އެޅި ބޮޑު ފިޔަވަޅެއްކަމަށާއި ދެން ހަމަޖެހިލުމުގެ ފުރުސަތެއް ލިބޭނެ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގަށް ފޯކަސް ކުރުމުގެ ވިސްނުން އިސްކުރަން ފުރުސަތު ލިބުމަކީ ވެސް ބޮޑު އުފަލެއްގެ ގޮތުގައި ވަލްވޭޑޭ ސިފަކުރި އެވެ.

އެންމެ ފަހުން ކުޅުނު މެޗުން ވެލެންސިއާ އަތުން ބަލިވުމުން ރޭގެ މެޗަށް ޒިނެދިން ޒިދާން ރެއާލް މެޑްރިޑް ގޮވައިގެން ނުކުތީ މޮޅުވެ އަލުން ފޯމަކަށް އެޅުމަށެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި ވެސް ފެށުން ދިޔައީ އެ ޓީމު ބޭނުންވި ގޮތަކަށް ނޫނެވެ. މާކް ކާޑޯނާގެ ގޯލުން މެޗުގެ 39 ވަނަ މިނިޓްގައި އެއިބާ އިން ލީޑުނެގިއިރު، ދެ ވަނަ ހާފްގައި ރެއާލް މޮޅުކޮށްދިނީ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ. އޭނާ ލަނޑުތައް ޖެހީ 59 އާއި 81 ވަަނަ މިނިޓްގަ އެވެ.