Roadha Mihaaru
ހޫނުކޮށް ދިޔަ މެޑްރިޑް ޑާބީން އެތުލެޓިކޯ ޕޮއިންޓެއް ހޯދައިފި

ހޫނުކޮށް ދިޔަ މެޑްރިޑް ޑާބީން އެތުލެޓިކޯ ޕޮއިންޓެއް ހޯދައިފި

30 ސެޕްޓެމްބަރ 2024

ހޫނުކޮށް ދިޔަ މެޑްރިޑް ޑާބީ މެޗުގައި ފަހު ވަގުތު އެންހެލް ކޮރެއާ ޖެހި ލަނޑުން އެތުލެޓިކޯ މެޑްރިޑުން ވާދަވެރި ރެއާލް މެޑްރިޑާ 1-1 އިން އެއްވަރުކޮށްފި އެވެ.

ހޫނުކޮށް ދިޔަ މެޑްރިޑް ޑާބީ މެޗުގައި ފަހު ވަގުތު އެންހެލް ކޮރެއާ ޖެހި ލަނޑުން އެތުލެޓިކޯ މެޑްރިޑުން ވާދަވެރި ރެއާލް މެޑްރިޑާ 1-1 އިން އެއްވަރުކޮށްފި އެވެ.

އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތް ބާސެލޯނާ މި ހަފުތާގައި ކުޅުނު މެޗުން އޮސަސޫނާ އަތުން 4-2 އިން ބަލިވެފައިވާތީވެ، ރޭ ރެއާލް މޮޅުވި ނަމަ އެ ޓީމަށް ބާސެލޯނާއާ އެއް ޕޮއިންޓަށް ކައިރިކުރެވުނީހެވެ. ރެއާލް މިހާރު ދެ ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ އޮތީ 16 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

އަނިޔާގެ ސަބަބުން ކީލިއަން އެމްބާޕޭ ނުލާ ރެއާލުން ކުޅުނު މެޗުގައި އެ ޓީމުން ވަނީ އެތުލެޓިކޯގެ މައްޗަށް ކޮންޓްރޯލް ނަގައިފަ އެވެ. އެތުލެޓިކޯގެ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ރެއާލުން ކުރި ހޯދީ 64 ވަނަ މިނެޓުގައި އެޑާ މިލިއާޓޯ ޖެހި ގޯލުންނެވެ. ވީނިޝިއަސް ޖޫނިއާ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް މިލިޓާއޯ ގޯލަށް ވައްދާލީ ކޮންޓްރޯލްކޮށްލުމަށް ފަހު އެހާމެ ބާރަށެވެ.

އޭގެ ފަހުން އެތުލެޓިކޯ ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކަން ފެށުމުން ރެފްރީ ވަނީ މެޗު 15 މިނެޓަށް މެދުކަނޑާލައިފަ އެވެ. އެތުލެޓިކޯ އަށް ކުރިން ކުޅުނު ރެއާލުގެ މިހާރުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ އަށް ވެސް އަމާޒުކޮށް އެތުލެޓިކޯ ސަޕޯޓަރުން އުކި އެއްޗެހީގެ ތެރޭގައި ކުނި ކޮތަޅާއި، ލައިޓަރު ހިމެނެ އެވެ. ސަޕޯޓަރުން މައިތިރިކުރެވުނީ އެތުލެޓިކޯ ކުޅުންތެރިން ވަރަށް ބޮޑަށް ވާހަކަދައްކައިގެންނެވެ.

ރެއާލް މޮޅުވާން ދަނިކޮށް ކޮރެއާ މެޗު އެއްވަރުކުރީ 90 މިނެޓު ހަމަވެގެން ދިން އިތުރު ވަގުތުގެ 8 މިނެޓުގެ ތެރެއިން ފަސް ވަނަ މިނެޓުގަ އެވެ. ހަވީ ގަލާން ދިން ބޯޅަ އޭނާ ގޯލަށް ވައްދާލިއިރު ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް ރެއާލް ކުޅުންތެރިން އެޕީލްކުރުމުން ރެފްރީ އެއް ލަނޑެއް ކަމަށް ބަލައިގަތީ ވީއޭއާރް އިން ބެލުމަށް ފަހު އެވެ.

އޭގެ ފަހުން ރެއާލުގެ ފްރަން ގާސިއާ އަށް އެތުލެޓިކޯގެ މާކޯސް ލޮރެންޓޭ ކުރި ފައުލަކަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. އެންމެ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ސީދާ ރަތްކާޑެއް ކަމަށެވެ.