Roadha Mihaaru
ރެއާލުން އެތުލެޓިކޯ ބަލިވުމުގެ ފައިދާނަގައިފި

ރެއާލުން އެތުލެޓިކޯ ބަލިވުމުގެ ފައިދާނަގައިފި

21 ފެބުރުއަރީ 2021

މެޑްރިޑް (ފެބްރުއަރީ 21) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް 2-0 އިން ލެވަންޓޭ އަތުން ބަލިވިއިރު، އޭގެ ފައިދާނަގައި ދެ ވަނައިގައިގައި އޮތް ރެއާލް މެޑްރިޑުން 1-0 އިން ރެއާލް ވަލޮޑޮލިޑް ބަލިކޮށް އެތުލެޓިކޯއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

މެޑްރިޑް (ފެބްރުއަރީ 21) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް 2-0 އިން ލެވަންޓޭ އަތުން ބަލިވިއިރު، އޭގެ ފައިދާނަގައި ދެ ވަނައިގައިގައި އޮތް ރެއާލް މެޑްރިޑުން 1-0 އިން ރެއާލް ވަލޮޑޮލިޑް ބަލިކޮށް އެތުލެޓިކޯއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

އެތުލެޓިކޯ މި ވަގުތު އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 23 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ރެެއާލަށް 24 މެޗުން ވަނީ 52 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ ތިން ވަަނައިގައި އޮތީ 22 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކާޑިޒްއާ އެވެ.

ރޭ އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗުގައި ލެވަންޓޭ އިން ލީޑުނެގީ މެޗުގެ 30 ވަނަ މިނިޓްގައި އެތުލެޓިކޯގެ ހާމޯސޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ނަތީޖާ ހަމަހަމަކުރަން އެތުލެޓިކޯ އިން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ލެވަންޓޭގެ ޑެނީ ކާޑޭނާސް ކައިރިން ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. އެންމެ ރަނގަޅު ހަމަލާތައް ފޮނުވާލި އެއް ކުޅުންތެރިއަކީ ޔާއޯ ފެލިކްސް އެވެ. އެތުލެޓިކޯގެ ލުއިސް ސުއަރޭޒް ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ލެވަންޓޭގެ ފަހު ގޯލު ޖެހީ މެޗުގެ އިތުރުވަގުތުގައި ޑީ ފްރޫޓޯސް އެވެ. މިއީ ނަތީޖާ ހަމަހަަމަކުރަން ކޯނަރެއްގައި އެތުލެޓިކޯގެ ގޯލްކީިޕަރު ޔެން އޮބްލަކް ކުރިއަށް އަރައި ހުރި ވަގުތެއްގައި ކައުންޓަ އެޓޭކަކުން ޑީ ފްރޫޓޯސް ޖެހި ގޯލެކެވެ.

މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ފަހު ލީގުގެ މެޗެއްގައި އަމިއްލަ ދަނޑުގައި އެތުލެޓިކޯ ބަލިވި ފުރަތަމަ ފަހަރެވެ. އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ އެތުލެޓިކޯ އަތުގައި ބޮޑު ލީޑެއް ކުރިން އޮތް ނަމަވެސް އެ ދަމަހައްޓަން އުނދަގޫވާނެކަން ކުރިން ވެސް އެނގޭކަމަށެވެ. އަދިވެސް އެއް ވަނައިގައި އޮތުމަކީ ހިތްހަމަޖެހުމެއް ކަމަށް ސިމިއޯނީ ބުންޏެވެ.

ލީގުގެ ރެލިގޭޝަނުގައި އޮތް ވަލޮޑޮލިޑް ދަނޑުގައި ރޭ ރެއާލް މޮޅުކޮށްދިން ގޯލު ޖެހީ ކަސެމީރޯ އެވެ. ރެއާލްގެ މަރިއާނޯ ޑިއާޒް ޖެހި ދެ ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރެއާލުން ލީގުގައި ކުރިއަށްދާން ވިސްނަނީ އެތުލެޓިކޯ މެޗުތަކުގެ ނަތީޖާ އަށް ނޫން ކަމަށާއި ލީގު ހޯދުމަށް އޭނާގެ ޓީމަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.