Roadha Mihaaru
ރެއާލް ދެ ވަނަ އަށް، އެތުލެޓިކޯ އެއްވަރު

ބެންޒެމާގެ ގޯލުތަކުން ރެއާލް ދެ ވަނަ އަށް، އެތުލެޓިކޯ އެއްވަރު

14 މާޗް 2021

މެޑްރިޑް (މާޗް 14) - ސްޕެނިޝް ލީގުގައި ރޭ ކަރިމް ބެންޒެމާގެ ދެ ގޯލުން ފަހަތުން އަރައި 2-1 އިން އެލްޗޭ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ ދެ ވަނަ އަށް ޖެހިލިއިރު، ރަށުންބޭރުގައި ކުޅުނު މެޗުން ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ލަނޑެއް ނުޖެހި ގެޓަފޭއާ އެއްވަރުވެއްޖެ އެވެ.

މެޑްރިޑް (މާޗް 14) - ސްޕެނިޝް ލީގުގައި ރޭ ކަރިމް ބެންޒެމާގެ ދެ ގޯލުން ފަހަތުން އަރައި 2-1 އިން އެލްޗޭ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ ދެ ވަނަ އަށް ޖެހިލިއިރު، ރަށުންބޭރުގައި ކުޅުނު މެޗުން ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ލަނޑެއް ނުޖެހި ގެޓަފޭއާ އެއްވަރުވެއްޖެ އެވެ.

އެތުލެޓިކޯ އަށް މޮޅުނުވެވުމުން ލީގުގެ އެއް ވަނައިގައި އެ ޓީމުގެ ލީޑުކުޑަވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. އެތުލެޓިކޯ މި ވަގުތު އެއް ވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 27 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ބާސެލޯނާ އޮތީ 26 މެޗުން 56 ޕޮއިންޓާ އެކު އެވެ. މާދަމާރޭ ހުއެސްކާ އަތުން ބާސެލޯނާ މޮޅުވެއްޖެނަަމަ އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ. އަދި އެތުލެޓިކޯގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ.

ރެއާލް ދަނޑުގައި ކުޅުނު ރޭގެ މެޗުގެ 61 ވަނަ މިނިޓްގައި އެލްޗޭ އަށް ލީޑުނަގައިދިނީ ޑެނީ ކާލްވޯ ބޮލުން ޖެހި ގޯލުންނެވެ. މެޗުގެ 73 ވަނަ މިނިޓްގައި ރެއާލަށް އެއްވަރުކޮށްދިނީ ބެންޒެމާ އެވެ. މިއީ ލޫކަ މޮޑްރިޗް ނަގައިދިން ހުރަހަކުން ބެންޒެމާ ބޮލުން ޖެހި ގޯލެކެވެ. ރެއާލް މޮޅުކޮށްދިން ގޯލު ބެންޒެމާ ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. ރޮޑްރީގޯ ދިން ބޯޅަ ބެންޒެމާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ބެންޒެމާގެ ފަރާތުން މިހާރު އެ ފެންނަ ލީޑަޝިޕަށް ތައުރީފު ހައްގު ކަމަށާއި ލީގުގެ ރޭހުގައި ރެއާލް ދެމި އޮތުމުގައި ބެންޒެމާގެ ގޯލުތައް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ.

ރޭގެ މެޗުގައި އެތުލެޓިކޯގެ ޔާއޯ ފެލިކްސް ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު ފެލިކްސް ގޯލު ޖެހުމުގެ ކުރިން އެ ޓީމުގެ މާކޯސް ލޮރެންޓޭ އަށް ބޯޅަ ނެގުނީ އަރިމަތިން ބޭރުވި ފަހުން ކަމަށްވާތީ އެ ގޯލު ބަލައިނުގަންނަން ނިންމީ އެވެ. ގެޓަފޭ އިން ފަހު 20 މިނިޓް ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ އެލަން ނިޔޯމަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ގެޓަފޭގެ ކުޅުންތެރިއަކު މަދުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެތުލެޓިކޯގެ ލުއިސް ސުއަރޭޒް ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މެޗު ދިޔައީ އޭނާ ހީކުރި ގޮތަށް ކަމަށާއި މޮޅެއް ނުލިބުނަސް ހާލަތުގެ ގޮތުން ޕޮއިންޓެއް ލިބުން ވެސް އެއީ ރަނގަޅެއް ކަމަށެވެ.