Roadha Mihaaru
އެތުލެޓިކޯ އެއް ވަނައިގައި ލީޑުނަގައިފި

ސުއަރޭޒްގެ ގޯލުން އެތުލެޓިކޯ އެއް ވަނައިގައި ލީޑުނަގައިފި

31 ޑިސެމްބަރ 2020

މެޑްރިޑް (ޑިސެމްބަރު 31) - ސްޕެނިޝް ލީގުގައި ރޭ ލުއިސް ސުއަރޭޒްގެ ގޯލުން 1-0 އިން ގެޓަފޭ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މެޑްރިޑް (ޑިސެމްބަރު 31) - ސްޕެނިޝް ލީގުގައި ރޭ ލުއިސް ސުއަރޭޒްގެ ގޯލުން 1-0 އިން ގެޓަފޭ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް ރޭ ވަނީ ރަށުން ބޭރުގައި އެލްޗޭއާ 1-1 އިން އެއްވަރުވެފަ އެވެ. އެތުލެޓިކޯ އެއްް ވަނައިގައި އޮތީ 14 މެޗުން 35 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. މި ވަގުތު އެތުލެޓިކޯ ދެ ޕޮއިންޓުގެ ލީޑެއްގައި އޮތް ނަމަވެސް މެޗު ހަމަކުރާއިރު އެ ޓީމުން އެއް ވަނައިގައި ރަނގަޅު ލީޑެއް ނެގުމުގެ ފުރުސަތު ބޮޑެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެތުލެޓިކޯ އިން ޖެހި ހަމައެކަނި ގޯލު ސުއަރޭޒް ކާމިޔާބުކުރީ މެޗުގެ 20 ވަނަ މިނިޓްގަ އެވެ. މި މެޗުގައި ގެޓަފޭ އިން ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، އެތުލެޓިކޯ އިން ލީޑުފުޅާކުރަން ލިބުނު ބޯޅަތަކުގެ ބޭނުމެއް ނުހިފި އެވެ.

އެތުލެޓިކޯ އިން އެންމެ ފަހުން ލީގު ތަށި އުފުލާލީ 2014 ވަނަ އަހަރު އެވެ. އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ އެތުލެޓިކޯ އިން ލީގު ޗެމްޕިއަންކަން ހޯދާ ވާހަކަ މި ސީޒަނުގައި ދައްކަނީ އެ ޓީމަށް ޕްރެޝަރު ކުރުމަށް ކަމަށާއި މި ވަގުތު އޭނާގެ ޓީމުން ޕޮއިންޓް ޓޭބަލަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ރޭ ރެއާލް ކުޅުނު މެޗުގެ 20 ވަނަ މިނިޓްގައި ލޫކަ މޮޑްރިޗްގެ ގޯލުން އެ ޓީމުން ލީޑުނެގި އެވެ. މިއީ ރެއާލްގެ މާކޯ އަސެންސިއޯ ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި އައި ވަގުތު މޮޑްރިޗް ކާމިޔާބުކުރި ގޯލެކެވެ. ޕެނަލްޓީ އަކުން ދެ ވަނަ ހާފުގައި ފިޑެލް ވަނީ އެލްޗޭ އަށް އެއްވަރުކޮށްދީފަ އެވެ. މި މެޗު އެއްވަރުވެގެން ނިމުމާ އެކު ފަސް މެޗަށް ފަހު ލީގުގައި ރެއާލްގެ މޮޅުވުމުގެ ސިލްސިލާ އަށް ވަނީ ނިމުން އަތުވެފަ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މި ސީޒަނުގައި ގިނަ ޓީމުތަކެއް އަތުން ހީނުކުރާ ޕޮއިންޓްތަކެއް ގެއްލޭނެ ކަމަށާއި މިއީ އޭނާގެ ޓީމުން އަމިއްލަ އަށް ހެދި ގޯސްތަކެއްގެ ސަބަބުން މޮޅެއް ނުލިބުނު މެޗެއް ކަމަށެވެ.