Roadha Mihaaru
ވީއޭއާރްގެ ވާހަކަ ދައްކަނީ ބަހަނާއެއް ހޯދަން: ޒިދާން

ވީއޭއާރްގެ ވާހަކަ ދައްކަނީ ބަހަނާއެއް ހޯދަން: ޒިދާން

13 ޖުލައި 2020

މެޑްރިޑް (ޖުލައި 13) - ވާދަވެރި ޓީމުތަކުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އާއި ރެއާލް މެޑްރިޑާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ އެ މީހުން ބޭނުންވާ ވަކިކަމަކަށް މިސްރާބު ބަދަލުކޮށްލައި ބަހަނާއެއް ހޯދުމަށް ކުރާ ކަމެއް ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

މެޑްރިޑް (ޖުލައި 13) - ވާދަވެރި ޓީމުތަކުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އާއި ރެއާލް މެޑްރިޑާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ އެ މީހުން ބޭނުންވާ ވަކިކަމަކަށް މިސްރާބު ބަދަލުކޮށްލައި ބަހަނާއެއް ހޯދުމަށް ކުރާ ކަމެއް ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ 35 މެޗުން 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 36 މެޗުން 79 ޕޮއިންޓާ އެކު އެވެ. ބާކީ ތިން މެޗު އޮތްއިރު ދެ މެޗުން މޮޅުވެގެން ވެސް ރެއާލަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެކަން ހާސިލްކުރުމުގެ ފެށުމެއްގެ ގޮތުގައި މިރޭ ރެއާލް ކުޅޭނީ ގްރަނާޑާއާ ދެކޮޅަށެވެ.

ލީގު އަލުން ފެށި ފަހުން ރެއާލް ރަނގަޅު ފޯމެއްގައި އޮތްއިރު، މެޗުތައް އެ ޓީމު ކޮޅަށް އެނބުރުމުގައި ވީއޭއާރް އިން ބަލާ ގިނަ ނިންމުންތަކެއް ރެއާލް ކޮޅަށް ޖެހޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. ރެއާލާ ލީގަށް ވާދަކުރަމުން އަންނަ ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވެސް ވަނީ ވީއޭއާރްގެ ގިނަ ނިންމުންތަކެއް ރެއާލް ކޮޅަށް ނިމޭ ކަމަށް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. ވީއޭއާރް ބަހުސްގައި ރެއާލާ އެއްކޮޅަށް ވާހަކަ ދެއްކި އެއް ކޯޗަކީ ލީގުގެ ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އެވެ.

ޒިދާން ބުނީ ކޮންމެ މީހަކަށް ވެސް އަމިއްލަ ވިސްނުމުގައި ވާހަކަތަކެއް ދެކެވިދާނެ ކަމަށާއި އެކަމާ އޭނާ އެހާ ބޮޑަށް އަޅާނުލާ ކަމަށެވެ.

"އެއީ އަހަރެން ވިސްނާ ކަމެއް ނޫން. އަހަރެންގެ ވަޒީފާ އޮތީ ދަނޑުމަތީގައި ޓީމު މޮޅުކޮށްދޭން. އެކަން އަހަރެން ކުރާތީ އެކަން ކާމިޔާބުވާތީ ވީއޭއާރާ އަހަރެމެންނާ ގުޅުވައިގެން ބަޔަކު ވާހަކަ ދައްކަނީ ބަހަނާއެއް ހޯދައިގެން އެހެން ކަމެއް ހާސިލްކުރަން ކަމަށް ވެދާނެ،" ޒިދާން ބުންޏެވެ.

އޭނާ ބުނީ ފެންނަން އޮތް ހަގީގަތަކީ ކޮންމެ މެޗަކުން މޮޅުވަން ރެއާލުން ކުރާ މަސައްކަތް ކަމަށާއި މި ކްލަބްގެ ތާރީހަށް ބެލިޔަސް ކާމިޔާބީ ފެންނަން އޮތް ކަމަށާއި އެއީ ވީއޭއާރާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނޫން ކަމަށެވެ.

"ކޮންމެ މީހެއް ވެސް ރެއާލާ ބެހޭގޮތުން ވާހަކަ ދައްކާނެ. ސަބަބަކީ މި ޓީމަކީ މުއްސަނދި ތާރީހެއް އޮތް ކާމިޔާބު މޮޅު ޓީމަކަށްވާތީ. އަހަރެން ބޭނުމީ މި ކާމިޔާބީތައް އިތުރަށް ފުރިހަމަކުރަން،" 34 ވަނަ ފަހަރަށް ރެއާލަށް ސްޕެނިޝް ލީގު ހޯދައިދޭން އަމާޒުހިފާފައިވާ ޒިދާން ބުންޏެވެ.

ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބާސެލޯނާ އަށް ވެސް އެބައޮތް ކަމަށާއި އޭނާ ލީގު ޗެމްޕިއަންކަން ކަށަވަރުކުރާނީ އެކަން ޔަގީންވުމުން ކަމަށާއި މި ވަގުތު ލީޑެއްގައި އޮތް ނަމަވެސް ފުޓްބޯޅައިގައި ކަންތައްތައް ބަދަލުވާނެ ގޮތެއް ބުނަން ނޭނގޭނެ ކަމަށް ޒިދާން ބުންޏެވެ.

ގްރަނާޑާއާ ދެކޮޅަށް ރެއާލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެެވެ.