Roadha Mihaaru
ރެއާލުގެ ފަސް ގޯލުގެ މޮޅާ އެކު ޒިދާނަށް އުފަލެއް

ރެއާލުގެ ފަސް ގޯލުގެ މޮޅާ އެކު ޒިދާނަށް އުފަލެއް

31 އޮކްޓޯބަރ 2019

މެޑްރިޑް (އޮކްޓޫބަރު 31) - ސްޕެނިޝް ލީގުގައި ރޭ ލެގަނޭސް އަތުން 5-0 އިން ރެއާލް މެޑްރިޑް މޮޅުވެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ތަފާތު ކުޑައިރު މި މޮޅާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ކޯޗު ޒިނެދިން ޒިދާން ހިތްހަމަޖެހޭ ކަމަށް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޮކްޓޫބަރު 31) - ސްޕެނިޝް ލީގުގައި ރޭ ލެގަނޭސް އަތުން 5-0 އިން ރެއާލް މެޑްރިޑް މޮޅުވެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ތަފާތު ކުޑައިރު މި މޮޅާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ކޯޗު ޒިނެދިން ޒިދާން ހިތްހަމަޖެހޭ ކަމަށް ބުނެފި އެވެ.

ބާސެލޯނާ އެއް ވަނައިގައި އޮތީ 10 މެޗުން 22 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ 10 މެޗުން 21 ޕޮއިންޓް ހަމަކޮށްގެންނެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ ރޮޑްރީގޯ، ޓޮނީ ކްރޫސް، ސާޖިއޯ ރާމޯސް، ކަރިމް ބެންޒެމާ އަދި ލޫކަ ޔޯވިޗް އެވެ. މީގެ ތެރެއިން ބެންޒެމާ އާއި ރާމޯސް ލަނޑު ޖެހީ ލިބުނު ޕެނަލްޓީންނެވެ. އިތުރު ވަގުތުގައި ޔޯވިޗް ޖެހި ގޯލަކީ އޭނާ ލީގުގައި ރެއާލަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެންޒެމާ (މ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެންޒެމާ (މ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

"އަހަރެމެން އެއް މެޗެއްގައި ފަސް ގޯލު ނުޖަހާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ. އަނެއްކާ ވެސް އެކަން ކުރެވުމުން ހިތްހަމަޖެހޭ. މި ކަހަލަ މޮޅެއްގެ އިންތިޒާރުގައި ވަރަށް ގިނަ ދުވަސްތަކެއް ގޮސްފި. ގިނަ ގޯލުތަކެއް ޖަހަން ފެށުމާ އެކު ހުރިހާ ކަމެއް ފަސޭހަވެގެންދޭ،" ރޭގެ މެޗަށް ފަހު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުންޏެވެ.

"މި ކަހަލަ މޮޅު ހޯދުން މިއީ ޓީމުގައި ދިމާވެފައި ހުރި އެކި މައްސަލަތަކަށް ވެސް ލިޔެއް ލިބިގެންދާނެ ކަމެއް،"

ޒިދާނަށް އަދިވެސް ރެއާލުގައި ހައްލު ހޯދަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ފޯމު ދަށް ވެފައިވާ އެޑެން ހަޒާޑްގެ ކުޅުން ރަނގަޅު ކުރުމުގެ އިތުރުން ވޭލްސްގެ ވިންގް ގަރެތު ބޭލްގެ މުސްތަގުބަލާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ހައްލެއް ގެނައުން ހިމެނެ އެވެ. ރޭގެ މެޗުގައި ހަޒާޑް ކުޅުނެވެ. ޒިދާން ބުނީ ބޭލް އަދި ކްލަބް ދޫކޮށްލަން ބޭނުންވާ އެއްވެސް އިރަކު އޭނާ ގާތުގައި ނުބުނާ ކަމަށެވެ.

މި ސީޒަން ފެށުމުގެ ކުރިން ބޭލް ބޮޑު މުސާރަ އަކަށް ޗައިނާ ކްލަބަކަށް ބަދަލުވުމާ ގާތަށް ޖެހިލިއިރު، ފަހު ވަގުތު ރެއާލުން އެ ޑީލް ހުއްޓުވީ ޒިދާންގެ އެންގުމަށެވެ. އޭގެ ފަހުން ޒިދާން ވަނީ ބޭލް އަށް ބައެއް މެޗުތަކުގައި ޓީމުން ފުރުސަތު ދީފަ އެވެ.