Roadha Mihaaru
ޕްރެޝަރު އޮތީ ރެއާލަށް، ބާސާއަކަށް ނޫން: ސެޓިއެން

ޕްރެޝަރު އޮތީ ރެއާލަށް، ބާސާއަކަށް ނޫން: ސެޓިއެން

01 މާޗް 2020

މެޑްރިޑް (މާޗް 1) - އެލް ކްލަސިކޯ މެޗަށް ނުކުންނައިރު ޕްރެޝަރު އޮތީ ރެއާލް މެޑްރިޑަށް ކަމަށާއި ބާސެލޯނާ އަށް ހަމަޖެހިލައިގެން ވެސް މެޗަށް ތައްޔާރުވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މާޗް 1) - އެލް ކްލަސިކޯ މެޗަށް ނުކުންނައިރު ޕްރެޝަރު އޮތީ ރެއާލް މެޑްރިޑަށް ކަމަށާއި ބާސެލޯނާ އަށް ހަމަޖެހިލައިގެން ވެސް މެޗަށް ތައްޔާރުވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ދެ ވަނައިގައި އޮތް ރެއާލް މިރޭ ވާދަކުރާއިރު، މިއީ މަގާމުގެ ވާދަވެރިކަމަށް ބަލާއިރު ވެސް މުހިއްމު މެޗެކެވެ. ބާސެލޯނާ މި ވަގުތު ބާސެލޯނާ އެއް ވަނައިގައި އޮތީ 25 މެޗުން 55 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ.

ރެއާލް ދަނޑުގައި މިރޭ ކުޅޭ މެޗުގެ ކުރިން ބާސެލޯނާގެ ކޯޗު ސެޓިއެން ބުނީ އޭނާގެ ޓީމަށް ވުރެ ނަތީޖާއެއް ނެރެން މަޖުބޫރުވެފައި އޮތީ ރެއާލަށް ކަމަށާއި އެހެންވެ ގަބޫލުކުރަންޖެހެނީ ޕްރެޝަރު އޮތީ ވެސް އެ ޓީމަށް ކަމަށެވެ.

"މާޒީ އަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް. އެއީ ކޮންމެ މެޗެއް ވެސް ތަފާތުވާނެ. ތެދެެއް އެއް ނަޒަރަކުން ބަލާއިރު މި މެޗު ބާސެލޯނާ އަށް މުހިއްމު އެއީ އެއް ވަނައިގައި ލީޑުފުޅާކުރަން. އެކަމަކު މީގެ ނަތީޖާ ނެރުމުގެ ޕްރެޝަރު އޮތީ ރެއާލަށް އެއީ އެ ޓީމަށް އޮތް މަގާމު ބަދަލުކުރެވެން އޮތީ މޮޅުވެގެން. އެހެންވީމަ ބާސެލޯނާ އަށް ވުރެން ރެއާލަށް ޕްރެޝަރު ބޮޑު،" ސެޓިއެން ބުންޏެވެ.

ސެޓިއެން ބުނީ ކޮންމެ ނަތީޖާއެއް މި މެޗުން ނުކުތް ނަމަވެސް މިއީ ލީގު ޗެމްޕިއަން ކަނޑައެޅޭނެ މެޗެއް ނޫން ކަމަށެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވެސް ސެޓިއެންގެ އެ ވާހަކަ އަށް ތާއީދުކުރެ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

"އަހަންނަށް ހިއެއް ނުވޭ އެއްވެސް ބަޔަކަށް މި މެޗުގެ ނަތީޖާ އިން މާ ބޮޑު އެއްޗެއް ގެއްލޭނެހެން. މިއީ ލީގު މަގާމުތަށް ކަނޑައަޅާ މެޗެއް ނޫން. އެއީ ކޮންމެ ގޮތެއް ވެސް އަދި ވެދާނެ. އަދި 12 މެޗު އޮންނާނެ މި މެޗު ނިމުނު ކަމުގައި ވިޔަސް،" ޒިދާން ބުންޏެވެ.

"ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވިޔަސް އަހަރެމެންގެ 100 ޕަސެންޓް ފޯކަސް އަކީ މެޗުން މޮޅުވުން،"

އެންމެ ފަހުން ކުޅުނު މެޗުގައި ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އަތުން ބަލިވެފައިވާއިރު، ރެއާލުން މިރޭގެ މެޗަށް ނުކުންނާނީ ޖެހިޖެހިގެން ދެ މެޗުން އަމިއްލަ ދަނޑުގައި ބަލިނުވުމުގެ އަޒުމުގަ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.