Roadha Mihaaru
އެލް ކްލަސިކޯ އަށް ސިޔާސީ ހިޔަނި އެޅުމުގެ ބިރު

އެލް ކްލަސިކޯ މެޗަށް ސިޔާސީ ހިޔަނި އެޅުމުގެ ބިރު

18 ޑިސެމްބަރ 2019

ބާސެލޯނާ (ޑިސެމްބަރު 18) - ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ސަމާލުކަން ބޮޑު އެއް މެޗު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ އެލް ކްލަސިކޯ މެޗުގައި ސިޔާސީ ހަމަނުޖެހުންތަކެއް ހިނގާ ދިއުމުގެ ބިރު އެބަ އޮތްކަމަށް ދެ ޓީމުގެ ކޯޗުން ވެސް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (ޑިސެމްބަރު 18) - ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ސަމާލުކަން ބޮޑު އެއް މެޗު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ އެލް ކްލަސިކޯ މެޗުގައި ސިޔާސީ ހަމަނުޖެހުންތަކެއް ހިނގާ ދިއުމުގެ ބިރު އެބަ އޮތްކަމަށް ދެ ޓީމުގެ ކޯޗުން ވެސް ބުނެފި އެވެ.

ބާސެލޯނާ ހިމެނޭ ކެޓަލޫނިއާ ވަކި ދައުލަތަކަށް ހެދުމަށް އެސަރަހައްދުގައި ސިޔާސީ ހަމަނުޖެހުންތަކެއް ހިނގަމުންދާ ދުވަސްވަރަކަށްވާތީ އެންމެ ފުރަތަމަ އެލްކްލަސިކޯ މެޗު ކުޅެން ރޭވި ތާރީހު ކަމަށްވާ އޮކްޓޫބަރު 26 ވަނަ ދުވަހު އެ މެޗު ނުކުޅެވުނެވެ. އެ މެޗު އެ މުއްދަތުގައި ބާސެލޯނާ ދަނޑުގައި ނުކުޅެވޭތީ ރެއާލް ދަނޑުގައި ކުޅެން ވެސް ހުށަހެޅުނެވެ. އެމަަކު ސްޕެއިނުގެ ފެޑެރޭޝަނާއި ލަލީގާ ބާއްވާ އެލްއެފްޕީން އެ ގޮތަށް ބޭނުމެއް ނުވި އެވެ.

ކެޓަލޫނިއާ މިނިވަން ދައުލަތަކަށް ހެދުމުގެ މަސައްކަތްތަކުގައި ބާއްވާ އެއްވުންތައް ލީޑުކުރުމުގައި އުޅޭ ޑިމޮކްރަޓިކް ސުނާމީ ގްރޫޕުން ވަނީ މިރޭ ކުޅޭ އެލްކްލަސިކޯ މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިން އެ ގްރޫޕަށް އެހީވެދޭ ފަރާތްތަށް ދަނޑަށް ވަނުމަށް ގޮވާލައިފަ އެވެ. އެ ގްރޫޕުން މި މެޗަށް ހާއްސަ ގޮތެއްގައި ވަންނަން މި ގޮވާލަނީ މިއީ މެޑްރިޑާއި ކެޓަލޫނިއާގެ ކުރިމަތިލުމެއްކަމަށް ބުނެ އެ ގޮތަށް ޕްރޮމޯޓްކުރުމަށް ފަހު އެވެ.

އެލްކްލަސިކޯ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މެޗަށް ނުރަނގަޅު ނުފޫޒެއް ވައްދަން އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް އެދޭ ކަމަށެވެ.

"އެލްކްލަސިކޯ މެޗަކީ އެންމެން ބަލާ މެޗެއް. ފުޓްބޯޅައިގެ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާ މެޗެއް. ފުޓްބޯޅައިގެ މަގުސަދަކީ އެންމެނަށް ވެސް ހަމަހަމަކަން ލިބުން. އެ މަގުސަދު ގެއްލޭފަދަ ކަންތައްތަކެއް ނުކުރުން އެދެން،" ވަލްވޭޑޭ ބުންޏެވެ.

"ފުޓްބޯޅައިގެ މި ފަދަ މެޗެއް ހުއްޓާލަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ގެއްލުން ވަނީ ފުޓްބޯޅަ އަށް."

މެޗެއްގެ ތެރެއިން ޒިދާން (ކ) އާއި ވަލްވޭޑޭ ސަލާމްކުރަނީ. -- ފޮޓޯ: އޭއެފްޕީ

މެޗެއްގެ ތެރެއިން ޒިދާން (ކ) އާއި ވަލްވޭޑޭ ސަލާމްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ވަލްވޭޑޭ އެކޭ އެއްގޮތަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާންގެ ކަންބޮޑުވުމަކީ ވެސް މެޗު ކުރިއަށް ނުގެންދެވޭނެ ހާލަތެއް ކުރިމަތިވުމެވެ. ކުރިން އެލް ކްލަސިކޯގެ ގިނަ މެޗުތަކެއް ކުޅުނު ޒިދާން ބުނީ މެޗު ހުއްޓާލަން ޖެހިއްޖެނަމަ ފުޓްބޯޅަ އަށް އެ ދެވެނީ ނުރަނގަޅު މެސެޖެއް ކަމަށެވެ.

"ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް އެބަހުރި. އެކަމަކު މެޗު ކުޅޭނެ މާހައުލެއް އޮތީމަ ކުޅެން ރާވާނީ. އެކަމަކު ހުއްޓާލަން ޖެހިއްޖެނަމަ އެ ދެވެނީ ފުޓްބޯޅަ އަށް ނުރަނގަޅު މެސެޖެއް. އެކަން ވެގެން ނުވާނެ،" ސީޒަނުގެ ފުރަތަމަ ކްލަސިކޯ އަށް ތައްޔާރުވަމުން އަންނަ ޒިދާން ބުންޏެވެ.

"ހަގީގަތަކީ ފުޓްބޯޅައިގެ ގިނަ ތަރިން ކުރާ އުއްމީދެއް ރެއާލް ނޫނީ ބާސެލޯނާ އަށް ކުޅުމަކީ. އޭގެ ފަހަތުގައި އޮންނަ އެންމެ ބޮޑު އެއް ސަބަބު މިއީ މި މެޗު ކުޅެލަން ލިބުން. އެކަމަކު މި މެޗަށް ވެސް ނުރަނގަޅު ކަންތައްތަކެއް ވަނުމަކީ ހިތާމައެއް. އުއްމީދަކީ މެޗު ކުރިއަށް ދިއުން. ގަބޫލުކުރަނީ ވެސް އެގޮތަށް،"

އެންމެ ފަހުން ކުޅުނު މެޗުގައި ނަތީޖާ ނުނެރެވުނު ނަމަވެސް ރެއާލާއި ބާސެލޯނާ މި ވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ދެ ވަނައިގައި އޮތް ރެއާލަށް 16 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެބައޮތެވެ.

ބާސެލޯނާ އާއި ރެއާލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.