Roadha Mihaaru
ޒިދާންގެ 200 ވަނަ މެޗުގައި ރެއާލަށް މުހިއްމު މޮޅެއް

ޒިދާންގެ 200 ވަނަ މެޗުގައި ރެއާލަށް މުހިއްމު މޮޅެއް

15 ޖޫން 2020

މެޑްރިޑް (ޖޫން 15) - ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އޭނާގެ ކޯޗިން ކެރިއަރުގައި އިރުޝާދު ދިން 200 ވަނަ މެޗުގައި ރޭ ސްޕެނިޝް ލީގުގައި ރެއާލުން 3-1 އިން އެއިބާ އަތުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޖޫން 15) - ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އޭނާގެ ކޯޗިން ކެރިއަރުގައި އިރުޝާދު ދިން 200 ވަނަ މެޗުގައި ރޭ ސްޕެނިޝް ލީގުގައި ރެއާލުން 3-1 އިން އެއިބާ އަތުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

ޒިދާނަކީ ރެއާލްގެ ޒަމާންވީ ތާރީހުގައި އެ ޓީމަށް 200 މެޗުގައި ކޯޗުކޮށްދިން ތިން ވަނަ ކޯޗެވެ. އަނެއް ދެ ކޯޗުންނަކީ ވިސެންޓޭ ޑެލް ބޮސްކޭ އާއި މިގޭލް މުނޯޒް އެެވެ. ޑެލް ބޮސްކޭ ވަނީ 246 މެޗުގައި ރެއާލަށް ކޯޗުކޮށްދީފަ އެވެ. މުނޯޒް އެންމެ ކުރީގައި އުޅެނީ 605 މެޗުގައި އެ ޓީމަށް އިރުޝާދު ދީގެންނެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ރެއާލުން ރޭގެ މެޗު ކުޅުނީ އާއްމުކޮށް އެ ޓީމުގެ ހޯމް މެޗުތައް ކުޅޭ ސަންޓިއާގޯ ބާނަބެއުގައެއް ނޫނެވެ. އެ ދަނޑުގެ ބަދަލުގައި ރެއާލުން ދެން މި ސީޒަނުގެ ހޯމް މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އެ ޓީމުގެ ޓްރެއިނިން ދަނޑު ކަމަށްވާ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގަ އެވެ. އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރެއާލްގެ މެޗުތައް ކުޅެން ދިން ފުރުސަތު ރެއާލުން ބޭނުމެއް ނުކުރި އެވެ.

ރޭގެ މޮޅާ އެކު ރެއާލުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފަ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 28 މެޗުން 61 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 28 މެޗުން ވަނީ 59 ޕޮއިންޓް ލިބިފަ އެވެ.

ދެ މަހަށް ފަހު އެނބުރި އައި މެޗުގައި ރެއާލަށް މެޗުގެ ހަތަރު ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްގެ އަނެއް ދެ ގޯލު ޖެހީ ސާޖިއޯ ރާމޯސް އާއި މާސެލޯ އެވެ. ދެ ވަނަ ހާފުގައި އެއިބާގެ ހަމައެކަނި ގޯލު ޖެހީ ޕެޑްރޯ ބީގަސް އެވެ.

ފެބްރުއަރީ މަހު ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހުނު ރެއާލްގެ އެޑެން ހަޒާޑް ވަނީ ރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. އެކަމަކު ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަަބަބުން ހަޒާޑް ވަނީ ދެ ވަނަ ހާފުގައި ބަދަލުކޮށްފަ އެވެ.

"ކުރިން ވެސް އެނގޭ މެޗު އެއްކޮށް ކުޅޭނެ ފިޓްނަސްއާ އެއްވަރަށް ހަޒާޑަށް ނުހިފެހެއްޓޭނެކަން. ގަޑިއިރެއްހާއިރު ހަޒާޑް ކުޅުނު. އެކަމަކު ފަހުން އޭނަގެ ކުޑަހުޅަށް ލިބުނު އަނިޔާއެއް ސީރިއަސް ވެދާނެތީ ބަދަލުކުރީ،" ރޭގެ މެޗަށް ފަހު ހަޒާޑާ ބެހޭގޮތުން ޒިދާން ބުންޏެވެ.

ރޭ އެތުލެޓިކް ބިލްބާއޯ އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި އޮސަސޫނާ އާއި ރެއާލް ސޮސިއެޑާޑް ވެސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.