Roadha Mihaaru
ޕެނަލްޓީ މައްސަލައިގައި ޒިދާން ރުޅިގަދަ ވެއްޖެ

ޕެނަލްޓީ މައްސަލައިގައި ޒިދާން ރުޅިގަދަ ވެއްޖެ

10 މެއި 2021

މެޑްރިޑް (10 މެއި) ސެވިއްޔާ އާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި، ސެވިއްޔާއަށް ދިން ޕެނަލްޓީ މައްސަލައިގައި ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުދީން ޒިދާން ރުޅި ގަދަވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (10 މެއި) ސެވިއްޔާ އާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި، ސެވިއްޔާއަށް ދިން ޕެނަލްޓީ މައްސަލައިގައި ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުދީން ޒިދާން ރުޅި ގަދަވެއްޖެ އެވެ.

މެޗު 2-2 އެއްވަރުވީ ފަހު ވަގުތުގައި އެޑެން ހަޒާޑް ކާމިޔާބު ކުރި ލަނޑުންނެވެ. ސެވިއްޔާގެ ދެ ވަނަ ލަނޑަކީ، އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި އީވާން ރަކިޓިޗް ކާމިޔާބު ކުރި ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ދިނީ، ރެއާލްގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އެޑާ މިލިޓާއޯގެ އަތުގައި ޖެހުމުންނެވެ. އޭގެ ކުރިން ސެވިއްޔާގެ އޭރިއާގެ ތެރެއިންވެސް އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުނެވެ. ރެއާލްގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލް ކުރުމުން ވީއޭއާރް މެދުވެރކޮށް ބަލުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

"އަހަންނަކަށް އެއްވެސް ވަރަކަށް ސާފެއް ނުވި ޕެނަލްޓީ ދިނީ ކީއްވެކަމެއް،" މެޗަށް ފަހު ޒިދާން ބުންޏެވެ. "މިލިޓާއޯ ހޭންޑް ވަންޏާ ސެވިއްޔާގެ ކުޅުންތެރިޔާވެސް ހޭންޑްވާން ޖެހޭނެ. ރެފްރީ ދެއްކި ވާހަކަތައް އަހަންނަކަށް ގަބޫލެއް ނުކުރެވުނު. އަހަރެން މީ ރެފްރީންނާ އެގޮތަށް ވާހަކަ ދައްކާ މީހެއް ނޫން. އެކަމަކު މިއަދު އަހަރެން މިހުރީ ރުޅި އައިސްފައި."

މެޗުން ރެއާލް މޮޅުވި ނަމަ އެ ޓީމަށް ތާވަލުގެ އެއް ވަނައަށް ދެވުނީހެވެ. އެހެންނަމަވެސް ލިބުނު ޕޮއިންޓުން އެ ޓީމުން އޮންނަން ޖެހުނީ އެތުލެޓިކޯ މެޑްރިޑާ ދެ ޕޮއިންޓް ފަހަތުން ތާވަލުގެ ދެ ވަނައިގަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ސެވިއްޔާއިންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ފެނާންޑޯ ފްރެންޗިސްކޯ އެވެ. ދެ ވަނަ ހާފުގައި ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މާކޯ އެސެންސިއޯ ކާމިޔާބު ކުރި ލަނޑުންނެވެ.