Roadha Mihaaru
ފަހު ވަގުތު ސެވިއްޔާ ބަލިކޮށް ރެއާލް ހަމަޖެހިލައިފި

ފަހު ވަގުތު ސެވިއްޔާ ބަލިކޮށް ރެއާލް ހަމަޖެހިލައިފި

23 އޮކްޓޯބަރ 2022

މެޑްރިޑް (އޮކްޓޫބަރު 22) - ސްޕެނިޝް ލީގު އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ސެވިއްްޔާއާ ދެކޮޅަށް ކުޅުނު މެޗު ފަހު ވަގުތު ޖެހި ލަނޑުތަކުން 3-1 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (އޮކްޓޫބަރު 22) - ސްޕެނިޝް ލީގު އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ސެވިއްްޔާއާ ދެކޮޅަށް ކުޅުނު މެޗު ފަހު ވަގުތު ޖެހި ލަނޑުތަކުން 3-1 އިން މޮޅުވެއްޖެ އެވެ.

ފުރަތަމަ ހާފު ނިންމާލީ ލޫކާ މޮޑްރިޗް ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑުން ރެއާލް މެޑްރިޑް ލީޑުގައި އޮވެގެންނެވެ. މެޗުގެ ފަސް ވަނަ މިނިޓުގައި އޭނާ މި ލަނޑު ޖަހީ ވިނީޝިއުސް ޖޫނިއާ ދިން ޕާހަކުންނެވެ.

ދެ ވަނަ ހާފު ފެށިގެން 54 ވަނަ މިނިޓުގައި ސެވިއްޔާ އަށް އެއްވަރު ކޮށްދިނީ އެރިކް ލަމޭލާ އެވެ. ނަމަވެސް މެޗުގެ 77 ވަނަ މިނިޓުގައި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އެއްފަހަރާ ގެނައި ތިން ބަދަލާ އެކު މެޗުގެ އޮއިވަރު ބަދަލުވި އެވެ.

އެންޓޯނިއޯ ރުޑިގާ އާއި މާކޯ އަސެންސިއޯ އަދި ލޫކަސް ވަސްގޭޒް ކުޅެން އެރުވިތާ ދެ މިނިޓު ތެރޭގައި ރެއާލަށް އަލުން ލީޑު ނަގައިދިނީ ވަސްގޭޒް އެވެ. އޭނާ މި ލަނޑު ޖެހީ ވެސް ވިނީޝިއުސް ދިން ޕާހަކުންނެވެ. ކައުންޓާ އެޓޭކެއްގައި އަސެންސިއޯ މުޅިން ހުސްކޮށްލާފައި ވިނީޝިއުސް އަށް ދިން ބޯޅަ ހިފައިގެން ކުރިއަށް އަރައި، އޭނާ ވަނީ އަރިމަތިން ހުސްކޮށް އެރި ވަސްގޭޒް އަށް ޖައްސާލައިފަ އެވެ.

ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ވިނީޥިއުސް ޖޫނިއާ ބޯޅަ ހިފައިގެން ކުރިއަށް ދަނީ، އޭނާ ވަނީ ރެއާލުން މެޗުގައި ދެ ފަހަރަށް ލީޑު ނަގަން ވެސް އެހީ ވެފައި. -- ފޮޓޯ: އޭއެފްޕީ

ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ވިނީޥިއުސް ޖޫނިއާ ބޯޅަ ހިފައިގެން ކުރިއަށް ދަނީ، އޭނާ ވަނީ ރެއާލުން މެޗުގައި ދެ ފަހަރަށް ލީޑު ނަގަން ވެސް އެހީ ވެފައި. -- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ ފެޑެރިކޯ ވެލްވާޑޭ އެވެ. އަސެންސިއޯ ޖައްސާލި ބޯޅަ އޭރިއާ ބޭރުގައި ހުރެ ގޯލުތެރަށް ފޮނުވާލައިގެން ވެލްވާޑޭ ވަނީ މިހާތަނަށް ލީގުގައި ހަ ގޯލު ކާމިޔާބު ކޮށްފަ އެވެ. އޭނާ ވަނީ ލީގުގައި ރެއާލުން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

ނަމަވެސް މި ލަނޑަށް ފަހު، މެޗުގެ ބާކީ ބައިގައި އުރުގުއޭގެ ވިންގާ ވެލްވާޑޭ އަށް އަނިޔާ ވެފައި ވާކަމަށް ރެއާލްގެ ކޯޗު އަންޗެލޮޓީ ހާމަ ކުރެ އެވެ. އަނިޔާ މާ ސީރިއަސް ކަމަށް ލަފާ ނުކުރެވުނަސް، އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭ މުއްދަތު ދެނެގަނެވޭނީ ޓެސްޓުތަކަށް ފަހު ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ހާމަކުރާ ގޮތުގައި މި ހަފްތާ ޗެމްޕިއަންސްލީގު ގުރޫޕް ސްޓޭޖުގައި ރެއާލުން ކުޅޭ މެޗުގައި ވެލްވާޑޭގެ އިތުރުން ކަރިމް ބެންޒެމާ އަށް ވެސް ނުކުޅެވޭނެ އެވެ. ނަމަވެސް ބެންޒެމާގެ އަނިޔާ މާ ސީރިއަސް ނޫން ކަމަށް އަންޗެލޮޓީ ވަނީ ޔަގީން ކޮށްދީފަ އެވެ.

"އޭނާ (ވެލްވާޑޭ) ތަންކޮޅެއް ބަލިކޮށް ފެނުނީ، އެހެންވެ އަނިޔާގެ ހާލަތު ދެނެގަންނަން ޖެހޭ. އަންގާރަ ދުވަހުގެ ރޭ (ޗެމްޕިއަންސް ލީގުގައި އާރުބީ ލައިޕްޒިގާ ދެކޮޅަށް) ކުޅެން އޭނާ ފިޓް ވާނެ ކަމެއް ނޭނގޭ،" އަންޗެލޮޓީ ބުންޏެވެ.

"އަންގާރަ ދުވަހުގެ ރޭގެ މެޗަށް ކަރީމް ބެންޒެމާ ފިޓެއް ނުވާނެ. އެކަމަކު އުއްމީދު ކުރަނީ އާދިއްތަ ދުވަހުގެ ރޭ (ލަ ލީގާގެ މެޗަށް) އޭނާ އެނބުރި ދަނޑަށް ނުކުމެވޭނެ ކަމަށް. އޭނާގެ ހާލަތާ މެދު ހާސްކަމެއް ނެތް، އެއީ އޭނާއަށް އިއްޔެ ވަރަށް ކުޑަ އަނިޔާއެއް ވީ."

މި ނަތީޖާއާއެކު ރެއާލް މެޑްރިޑް ވަނީ ކުޅުނު 11 މެޗުން 31 ޕޮއިންޓް ހަމަކޮށްފަ އެވެ. ސެވިއްޔާ އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ދެ ޕޮއިންޓް ކުރީގައި، 10 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ.

މިއީ ސެވިއްޔާގެ އާ ކޯޗު ޖޯޖް ސަމްޕައޯލީ އާއެކު މިހާތަނަށް ކުޅުނު ފަސް މެޗުން ބަލިވި ފުރަތަމަ މެޗެވެ. ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން އެއްވަރު ވިއިރު، ރޭގެ ކުރިން ލީގުގައި ވަނީ އެއް މެޗުން މޮޅުވެ، ދެ މެޗު އެއްވަރު ކޮށްފަ އެވެ.

ލީގު ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 10 މެޗުން 25 ޕޮއިންޓް ވަނީ ލިބިފަ އެވެ. ބާސެލޯނާ މިރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.

ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ވަނީ ރަށުން ބޭރުގައި 1-0 އިން ރެއާލް ވަލަޑޮލިޑް އަތުން ބަލިވެފަ އެވެ. ސޮސިއެޑާޑަށް ލިބިފައި ވަނޯީ 22 ޕޮއިންޓެވެ. އެ ޓީމުގެ ފަހަތުން، ތާވަލްގެ ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ފަސްވަނައިގައި އޮތް ރެއާލް ބެޓިސް ވެސް މިރޭ ބައްދަލު ކުރާނެ އެވެ.