Roadha Mihaaru
ރެއާލަށް މާ ކުރިން ސީޒަން ނިމިއްޖެ: ޒިދާން

ރެއާލަށް މާ ކުރިން ސީޒަން ނިމިއްޖެ: ޒިދާން

16 އެޕްރީލް 2019

މެޑްރިޑް (އޭޕްރީލް 16) - ރެއާލް މެޑްރިޑަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ސީޒަންގައި ހާސިލްކުރެވޭނެ އެއްޗެއް ނެތުމުން ކުޅުންތެރިންގެ އިތުބާރު ގެއްލިފައިވުން ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޭޕްރީލް 16) - ރެއާލް މެޑްރިޑަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ސީޒަންގައި ހާސިލްކުރެވޭނެ އެއްޗެއް ނެތުމުން ކުޅުންތެރިންގެ އިތުބާރު ގެއްލިފައިވުން ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ސްޕެނިޝް ލީގުގައި ރޭ ރެއާލް ކުޅުނު މެޗުން ރަށުންބޭރުގައި ވަނީ ލެގަނޭސްއާ 1-1 އިން އެއްވަރުވެފަ އެވެ. މިއީ ރެއާލް އަތުން ލީގުގައި ލެގަނޭސް ހޯދި ފުރަތަމަ ޕޮއިންޓެވެ.

ރެއާލް މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 32 މެޗުން 61 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 32 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 32 މެޗުން 74 ޕޮއިންޓް ލިބިފަ އެވެ.

އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދި ރެއާލް މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ކެޓީ ނެދަލެންޑްސްގެ އަޔަކްސް އަތުންނެވެ. އަދި ސްޕެނިޝް ކަޕްގައި ބާސެލޯނާ އަތުން ބަލިވެ އެ ޓީމަށް ވަނީ އެ މުބާރާތް ވެސް ނިމިފަ އެވެ. ލީގު ހޯދުމުގެ ވެސް ރެއާލަށް މިހާރު އޮތީ ގާތްގަނޑަކަށް ދޮރުބަންދުވެފަ އެވެ.

ޒިދާން ބުނީ ރެއާލަށް އެންމެ ރަނގަޅު ކުޅުން ދެއްކުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށެވެ.

"އަހަރެން އެންމެ ފަހުން މި ޓީމުގައި ހުރިއިރު އަބަދުވެސް އައީ މުބާރާތްތަކަށް ވާދަކުރަމުން. އޭރު ކުޅުންތެރިން މޮޓިވޭޓްކުރުމުގައި ފަސޭހަތަކެއް އެބަހުރި. މިހާރު މައްސަލަ އަކީ ރެއާލްގެ ގިނަ ކުޅުންތެރިންގެ ނަޒަރުގައި މިހާރު ސީޒަން އޮތީ ނިމިފައި. އެއީ ހާސިލްކުރެވޭނެ އެއްޗެއް ނެތީމަ،" ޒިދާން ބުންޏެވެ.

އަލުން ރެއާލާ ހަވާލުވުމަށް ފަހު ޒިދާން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަަށް ބުނެފަ އެވެ. އަދި މީޑިއާގައި މި ދުވަސްވަރު އެންމެ ގަދަޔަށް ދެކެވެނީ އަންނަ ސީޒަނަށް ރެއާލުން ގެންދާނެ ކުޅުންތެރިންގެ ވާހަކަތަކެވެ.

ޒިދާން ބުނީ އަންނަ ސީޒަނާ މެދު އެންމެ ރަނގަޅަށް ވިސްނަން ފަށާނީ ލީގުގައި ބާކީ އޮތް ހަ މެޗަށް ފަހު ކަމަށެވެ.

"އަހަރެންގެ ވަރަށް ބޮޑު އެދުމެއް ކުޅުންތެރިން ކުރިއަށް އޮތް ހަ މެޗުގައި ކުރިއަށް ވުރެން ރަނގަޅަށް ކުޅުން. އެއީ މި ސީޒަން ރަނގަޅަށް ނިންމާލައިފިނަމަ މިއީ ހުރިހާ ކުޅުންތެރިންނަށް ވެސް ބޯނަހެއް. އެއީ ޓީމުގައި އިތުރަށް ހުރުމުގެ ފުރުސަތު އޮންނާނެ،" ޒިދާން ބުންޏެވެ.

ޒިދާން އެނބުރި ރެއާލާ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. އަދި އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.