Roadha Mihaaru
ޒިޔަތުގެ އިސްތިއުފާއިން އެތައް ބައެއްގެ ތައުރީފް

ޒިޔަތުގެ އިސްތިއުފާއިން އެތައް ބައެއްގެ ތައުރީފް

13 މެއި 2021

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓުގައި ނަން އޮތުމުން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުން އެތައް ބަޔެއްގެ ތައުރީފް ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓުގައި ނަން އޮތުމުން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުން އެތައް ބަޔެއްގެ ތައުރީފް ލިބިއްޖެ އެވެ.

ޒިޔަތު އިސްތިއުފާ ދެއްވީ އޭނާ އަށް ލިބުނު ކަމަށް އޮތް ފައިސާ އަކީ ކޮބައިކަން މީޑިއާގައި ހާމަކުރެއްވުމަށް ފަހު އަދި މިހާތަނަށް ވެސް އޭނާ ތަހުގީގަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވުމަށް ފަހުގަ އެވެ.

ޒިޔަތު އިސްތިއުފާ ދެއްވީ އެއީ ތަހުޒީބު މުޖުތަމައުތަކުގައި ކަން ކުރާ ގޮތް ކަމަށް ވިދާޅުވަމުންނެވެ. އޭނާ ވިދާޅުވީ އެ ލިސްޓުގައި ނަން އޮތުމުން އެ ގެއްލެނީ މުޅި އޮފީހުގެ ކަރާމާތް ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ އެކު ސަރުކާރުގެ އިސް މަގާމުތަކުގައި ދެތިން ބޭފުޅަކު އެބަތިއްބެވެ. އެއީ ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި ޖަޕާނުން ރާއްޖެ ކަނޑައަޅާފައިވާ ޑެެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު މަގާމު ދޫކޮށެއް ނުލައްވަ އެވެ.

ޒިޔާތު "މިހާރު" އަށް އިއްޔެ ވިދާޅުވީ އެއީ 2014 ވަނަ އަހަރު ހުޅު ހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރިއިރު ކެމްޕެއިނަށް ހަރަދުކުރަން ދިން ފައިސާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއެއް ހޯއްދަވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިސްތިއުފާއާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޒިޔަތު، އޮޑިޓް އޮފީހުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް މަގާމުން ވަކިވެވަޑައިގެން ނަމޫނާ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ނަން އޮތީ މައުލޫމާތު އެއްކުރާ މަރުހަލާގައި ކަމަށާއި ޒިޔަތާ ދެކޮޅަށް އަދި އެއްވެސް ކަމެއް ސާބިތުނުުވާ ކަމަށް ވިދާޅުވި އެވެ.

"މިއީ، މިފަދަ ގޮތަކަށް އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރު،" މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ރޮޒެއިނާގެ ޓްވީޓުގައި ވިދާޅުވި އެވެ.

ހުސެއިން އާދަމްގެ ނަމުގައި ޓްވީޓުކުރި މީހަކު ބުނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ބައިވެރިވި އެހެން ބޭފުޅުން ވެސް ނަމޫނާ ދައްކަވައި އިސްތިއުފާ ދެއްވުމަކީ މި އީދު ދުވަހު ރައްޔިތުންނަށް ލިބޭނެ އިތުރު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.

"ސަޅި، މިހެންވާން ޖެހޭނެ،" ޖެނީ ލަތީފްގެ ޓްވީޓުގައި ބުންޏެވެ.

ޒިޔަތު އިސްތިއުފާ ދެއްވިކަމަށް ބުނެ "މިހާރު" ގައި ޝާއިއުކުރި ހަބަރަށް ކޮމެންޓުކުރި ގިނަ މީހުން ވެސް ވަނީ ޒިޔަތުގެ އެ ނިންމެވުމަށް ތައުރީފުކޮށްފަ އެވެ.

"ތިޔަ ދެއްކެވީ ވަރަށް ރީތި ނަމޫނާއެއް. ފައިސާއަކީ ކޮން ފައިސާއެއްކަން ނޭނގި ވިޔަސް ފައިސާ ލިބުނު ކަމަށް އެއްބަސްވެއްޖެ. އަދި މިފަދަ ތުހުމަތެއް ކުރެވޭތީ ވަގުތުން އިސްތިއުފާ ދެއްވައިފި. ޒިޔަތާއި މެދު އަހަރެންގެ ހިތުގައިވާ ގަދަރު ވަރަށް ބޮޑަށް އިތުރުވެއްޖެ. ދެން މި ތިބީ މަގާމައިގެން ބޫތުކައިފައި ތިބި ބައެއް. ސޯޓު ބޭލުނީމަ ވެސް ހެވިލާފަ ނެރެގެން މަގުމަތީ ދުވާނެހާ ލަދުހަޔާތް ކުޑަ ބައެއް،" ޒިޔަތަށް ތައުރީފްކޮށް ކުރި ކޮމެންޓެއްގައި ބުންޏެވެ.

ވަހީދާގެ ނަމުގައި ކޮމެންޓުކުރި މީހަކު ބުނީ ޒިޔަތު އެ ދެއްކެވީ ވަރަށް ރީތި ނަމޫނާ އެއް ކަމަށެވެ. އެއީ ވަރަށް އިހުލާސްތެރި، ތެދުވެރި އަދި ތައުލީމީ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރައްވާނެ ކަމަށް ވެސް އެ ކޮމެންޓުގައި ބުންޏެވެ. "މި ރާއްޖޭގައި ކަންހިނގަނީ ތިހިނެއްނޫން. ގަދަފައި ވިއްދާފައި ވެސް މަސައްކަތްކުރާނީ އެހެން މީހެއްގެ ބޮލުގައި އަޅުވާފަ ނަމަވެސް ތިމާ މީހާގެ ވަޒީފާގައި ބަގުޑިބެއްދޭތޯ،" އެހެން ކޮމެންޓެއްގައި މީހަކު ބުންޏެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން އެއްވެސް އިރަކު ތަހުގީގީ އިދާރާއަކުން އޭނާއާ ސުވާލެއް ނުކުރެ އެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސްޓް ރިކަވަރީ ކޮމިޝަނާ އެކު ވަރަށް ގާތުން މަސައްކަތް ކުރެއްވިޔަސް، މިފަދަ ލިސްޓެއްގައި އޭނާގެ ނަން އޮތްކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.