Roadha Mihaaru
އެސްޖޭ އަތުން 30 މިލިއަން ރުފިޔާ ހޯދޭތޯ ބަލަނީ

އެސްޖޭ އަތުން 30 މިލިއަން ރުފިޔާ ހޯދަން އަންނަނީ މަސައްކަތްކުރަމުން: އޭޖީ އޮފީސް

06 އެޕްރީލް 2021

އޮފީސް ބައިތަކެއް ވެސް ހިމެނޭގޮތަށް ޒިކުރާ މިސްކިތް ހަދަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ދީފައިވާ 30 މިލިއަން ރުފިޔާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޮފީސް ބައިތަކެއް ވެސް ހިމެނޭގޮތަށް ޒިކުރާ މިސްކިތް ހަދަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ދީފައިވާ 30 މިލިއަން ރުފިޔާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އިއްޔެ ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ދާރުލް ޒިކްރާ" ގެ ނަމުގައި 10 ބުރިއަށް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ޖުލައި 9، 2018 ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ އެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާއަށްވާއިރު އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމި އެވެ.

މަޝްރޫއު ހަވާލުކުރިތާ އަހަރެއްވާން ކައިރިވިއިރު ވެސް އިމާރާތުގެ އަމަލީ މަސައްކަތެއް ނުފެށުނެވެ. އެހެންވެ ސަރުކާރުން އެންމެ ފަހުން އެއްބަސްވުން ބާތިލްކުރީ އެވެ. އޭރު ކުރީގެ ސަރުކާރުން އޮތީ އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފަ އެވެ.

އެ އެއްބަސްވުން އަތުލި މައްސަލައިގައި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން 111 މިލިއަން ރުފިޔާގެ ބޮޑު ބަދަލެއް ހޯދަން ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެކަމަކު ކޯޓުން މިދިޔަ ޖެނުއަރީ މަހު ހުކުމްކުރީ ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެސްޖޭ އިން އަމަލުކޮށްފައިނުވާކަން އެނގޭ ކަމަށެވެ. އެއާއެކު އެއްބަސްވުން ބާތިލްކުރަން އިސްލާމިކް މިނިސްޓްރީން ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެކަމަކު އެ މައްސަލަ އޮތް ހިސާބެއް އަދި ސާފެއް ނުވެ އެވެ.

އެސްޖޭގެ މައްސަލައާ ގުޅިގެން އޭޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުންޏަށް ދީފައިވާ 30 މިލިއަން ރުފިޔާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށެވެ. އެކަމުގައި އިތުރު ތަފްސީލެއް އަދި ނުދެއްވަ އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ދައުވާކޮށްދިނުމަށް އެދި އޭރުގެ މިނިސްޓަރު ޑރ. ޒިޔާދާއި އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނު ކުރީގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްސަލަ ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.