Roadha Mihaaru
ޒިކުރާގެ މައްސަލަ ހައްލުކޮށް ހުޅުމާލޭގައި މިސްކިތެއް

ޒިކުރާ މިސްކިތުގެ މައްސަލަ ހައްލުކޮށް އެސްޖޭ އިން ހުޅުމާލޭގައި މިސްކިތެއް އަޅަނީ

23 ޖެނުއަރީ 2022

ޒިކުރާ މިސްކިތުގެ އެއްބަސްވުން ބާތިލްކޮށް އެސްޖޭ ކޮންސްޓްރްކަޝް ކުންފުންޏަށް ކުރިން ދީފައިވާ 30 މިލިއަން ރުފިޔާ އާއި އިތުރަށް ހިނގާ ހަރަދުތައް ވެސް އެސްޖޭ އިން ދޭ ގޮތަށް ހުޅުމާލޭގައި މިސްކިތެއް އަޅަން ސެޓްލްމަންޓް އެގްރިމެންޓުގައި މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒިކުރާ މިސްކިތުގެ އެއްބަސްވުން ބާތިލްކޮށް އެސްޖޭ ކޮންސްޓްރްކަޝް ކުންފުންޏަށް ކުރިން ދީފައިވާ 30 މިލިއަން ރުފިޔާ އާއި އިތުރަށް ހިނގާ ހަރަދުތައް ވެސް އެސްޖޭ އިން ދޭ ގޮތަށް ހުޅުމާލޭގައި މިސްކިތެއް އަޅަން ސެޓްލްމަންޓް އެގްރިމެންޓުގައި މިއަދު ސޮއިކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ސެޓްލްމަންޓް އެގްރިމެންޓުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލްކުރުމުން 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެ ކުންފުނިން ވަނީ އޭޕްރީލް، 2019 ގައި ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. ކުރެހުން ހުށަހެޅި ނަމަވެސް ބިމުގެ ރަޖސްޓްރީ ނެތުމުން މަސައްކަތް ނުފެށި އުފެދުނު މި މައްސަލާގައި ސިވިލް ކޯޓުގެ ޑިސްޕިއުޓުން ހައްލެއް ނުލިބި ޝަރީއަތަށް ވެސް ދިޔަ އެވެ.

އެކަމަކު އެ މަރުހަލާ ފެށި ފަހުން ދައުލަތުން ބޭނުންވެގެން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ޝަރީއަތުން ބޭރުން މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށް އަންގައިފަ އެވެ. އަދި އޭގެ ފަހުން އޭޖީ އޮފީހުން ވަނީ، ޒިކްރާ މިސްކިތް އަޅަން ދިން 30 މިލިއަން ރުފިޔާ ހޯދަން ވެސް ކޯޓަށް ހުށަހަޅައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުުގެ ލަފައާއެކު އެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށްފައިވާ ކަމަށެވެ. އެ އެގްރިމެންޓު ހެދީ، މިސްކިތް އިމާރާތްކުރުމަށް 30 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ހިނގާ ހަރަދު އެސްޖޭގެ ސީއެސްއާރުގެ ގޮތުގައި ކޮށްދިނުމަށް އެއްބަސްވާ ގޮތަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމާ އެކު ދެ ފަރާތުން އުފުލާފައިވާ ހުރިހާ ދައުވާއެއް ކޯޓުން ނެގުމަށް ވެސް އެއްބަސްވެފައިވެ އެވެ.

މިސްކިތެއް އިމާރާތްކުރާ ގޮތަށް ސެޓްލްމަންޓް އެގްރިމެންޓް ހެދިއިރު، ހިޔާ ފްލެޓްތައް ކައިރީގައި ޖާގަ ބޮޑު މިސްކިތެއް އަޅަން އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ބުދަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެސްޖޭ އިން އިމާރާތްކޮށްދޭނީ މި މިސްކިތް ކަމަށް ވަނީ އެނގިފަ އެވެ.

ހުޅުމާލޭ ދެ ވަނަ ފޭސްގައި އިސްލާމިކް މިނިސްޓްރީން އަޅާ މިސްކިތުގެ ކުރެހުން: މި މިސްކިތް ހަދާނީ އެސްޖޭ ކޮންސްޓްރަކްޝަނުން.

ހުޅުމާލޭ ދެ ވަނަ ފޭސްގައި އިސްލާމިކް މިނިސްޓްރީން އަޅާ މިސްކިތުގެ ކުރެހުން: މި މިސްކިތް ހަދާނީ އެސްޖޭ ކޮންސްޓްރަކްޝަނުން.

ޑިޒައިންގައި ވާގޮތުން މިއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި ކޯޓްޔާޑާ އެކު، 3،000 މީހުންގެ ޖާގަ އެ މިސްކިތުގައި އޮންނާނެ އެވެ.

"ދާރުލް ޒިކްރާ"ގެ ނަމުގައި ޒިކްރާ މިސްކިތް 10 ބުރި އަށް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ސޮއިކުރީ ޖުލައި، 9، 2018 ގަ އެވެ. އެއްބަސްވުމުގައި ސޮއިކުރިތާ އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް މަސައްކަތް ނުފެށުމުން މި ސަރުކާރުން އެއްބަސްވުން ބާތިލްކުރީ އެވެ. އޭރު، ޔާމީންގެ ވެރިކަމުގައި އޮތީ މަޝްރޫއުގެ އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފަ އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި ޒިކްރާ މިސްކިތުގެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ.