Roadha Mihaaru
ޒިކުރާ މިސްކިތުގެ އެއްބަސްވުން ބާތިލްކުުރަނީ

ޒިކުރާ މިސްކިތުގެ އެއްބަސްވުން ބާތިލްކުުރަނީ

12 މެއި 2019

ޒިކުރާ މިސްކިތް ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒިކުރާ މިސްކިތް ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިސްކިތް 10 ބުރި އަށް އިމާރާތް ކުރަން އެ ކުންފުންޏާ އެކު ސޮއިކުރީ ޖުލައި، 9، 2018، ގަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޮފީސް ބައިތަކެއް ވެސް ހިމަނައިގެން "ދާރުލް ޒިކްރާ"ގެ ނަމުގައި މިސްކިތް އިމާރާތް ކުރަން ވީ އެއްބަސްވުމާ އެސްޖޭ ކުންފުނިން ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާ ގުޅިގެން އެއްބަސްވުން ބާތިލްކުުރުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެއްބަސްވުން ބާތިލްވާނެ ދުވަހެއް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން އެސްޖޭ ކޮންސްޓްރަކްޝަނުން ވާހަކައެއް ނުދައްކަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ އެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވަނީ ސަރުކާރުންނެވެ. ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ. އެއްބަސްވުން ބާތިލްކުރުމަށްފަހު އެ ފައިސާ ހޯދާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.

މި އަހަރުގެ ރޯދަ މަހަށް އެ މިސްކިތުގެ ފުރަތަމަ ތިން ބުރި ނިންމައި ހުޅުވާނެ ކަމަށް އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވި އެވެ. ނަމަވެސް އަހަރެއްވާން ކައިރިވެފައިވާއިރު ވެސް މިސްކިތުގެ އެއްވެސް މަސައްކަތެއް ނުފެށެ އެވެ.