Roadha Mihaaru
އެސްޖޭގެ ބަދަލު: މިސްކިތަކަށް 35 މިލިއަން ރުފިޔާ؟

އެސްޖޭގެ ބަދަލު: މިސްކިތަކަށް 35 މިލިއަން ރުފިޔާ؟

03 ފެބުރުއަރީ 2022

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީގެ ހަނދާނުގައި އޭނާގެ ރަށުގައި އެއްފަހަރާ 1،000 މީހުންނަށް ނަމާދުކުރެވޭ ޖާގައަކާއި 400 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި ކްލާސްރޫމެއް އަދި ލައިބްރަރީއެއް ހިމެނޭ ބޮޑު އިސްލާމީ މަރުކަޒެއް ހަދަން ކުރީގެ ސަރުކާރުން ހަވާލުކުރީ 25 މިލިއަން ރުފިޔާއަށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީގެ ހަނދާނުގައި އޭނާގެ ރަށުގައި އެއްފަހަރާ 1،000 މީހުންނަށް ނަމާދުކުރެވޭ ޖާގައަކާއި 400 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި ކްލާސްރޫމެއް އަދި ލައިބްރަރީއެއް ހިމެނޭ ބޮޑު އިސްލާމީ މަރުކަޒެއް ހަދަން ކުރީގެ ސަރުކާރުން ހަވާލުކުރީ 25 މިލިއަން ރުފިޔާއަށެވެ.

މި ފަހަރު، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެކަމަކު ކޯޓްޔާޑު ލައިގެން، 3،000 މީހުންނަށް ނަމާދުކުރެވޭނެ އެވެ. އެ މިސްކިތަށް ލަފާ ކޮށްފައިވާ އަގަކީ، 35 މިލިއަން ރުފިޔާ އެވެ.

އެ މިސްކިތް ހަދަން ހަވާލުކުރީ ބޮޑު ހައިޖާނުގަނޑެއް ހިނގި ޒިކުރާ މިސްކިތުގެ މަސައްކަތް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެކަމަކު އެއީ މިސްކިތުގެ މަސައްކަތުގެ އިކުއިޓީގެ ގޮތުގައި އޭރު ދިން 30 މިލިއަން ރުފިޔާ އާއި އިތުރަށް ހިނގާ ހަރަދުތައް އެ ކުންފުނިން ދޭ ގޮތަށް ހަދާ މިސްކިތެކެވެ. ހުޅުމާލޭގެ މިސްކިތް އެސްޖޭ އާ ހަވާލު ކުރީ ޒިކްރާ މިސްކިތް އަޅަން އެޑްވާންސްކޮށް ދިން 30 މިލިއަން ރުފިޔާގެ ބަދަލުގަ އެވެ.

ޒިކުރާ މިސްކިތުގެ މައްސަލައާ ގުޅިގެން ދެ ފަރާތުން ވެސް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ނަގައި، ކޯޓުން ބޭރުން ހައްލުކުރުމުގެ ސެޓްލްމަންޓް އެގްރިމެންޓުގައި މިދިޔަ މަހުގެ 23 ގައި ސޮއިކޮށްފައިވެ އެވެ.

ހުޅުމާލޭގައި އަޅާ މިސްކިތުގެ އަގަކީ ކޮބާ؟

އެކަމަކު، އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އެޗްޑީސީން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ފެންވަރުގެ މިސްކިތެއް އަޅަން ހޭދަވާނީ ގިނަ ވެގެން 20 މިލިއަން ރުފިޔާ އެވެ.

އޭނާ ވިދާޅުވި ގޮތުގައި 10 ބުރީގެ އިމާރާތެއްގެ ރޭޓަކީ، އަކަފޫޓެއް 1،400ރ. އަށް ކަމަށް ވާއިރު ހިޔާ ފްލެޓުތައް ކައިރީގައި އިމާރާތްކުރާ މިސްކިތާ ގުޅޭގޮތުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކުން އެ ތަނަށް ހޭދަވާނީ ގިނަ ވެގެން 15-20 މިލިއަން ރުފިޔާ އެވެ.

މިސްކިތް އަޅަން ހަވާލު ކުރުމާ އެކު އާންމުންގެ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި މިހާރަކަށް އައިސް، މިފަދަ ކޮންމެ ކަމެއްގައި ސަރުކާރުން ކޯޓަށް ނުގޮސް މައްސަލަ ހައްލުކުރާ ގޮތުން އާންމުން ތިބީ ވަރަށް ބޮޑަށް ރުޅި ވެސް ގަދަވެފަ އެވެ.

"އެސްޖޭ އަށް އެތައް މިލިއަން ރުފިޔާއެއް ދީ، އެ ފައިސާ އިން އެ މީހުން މުއްސަނދިކޮށްދީ، ކުރާނެހާ ވިޔަފާރިއެއްކޮށް ނިމުނު ފަހުން ދެން މި ބުނަނީ މިސްކިތެއް އަޅާށޭ،" އާންމުންގެ ތެރެއިން އެކަކު "މިހާރު" އަށް ފޮނުވި ކޮމެންޓެއްގައި ވެ އެވެ.

"35 މިލިއަން ރުފިޔާގެ މިސްކިތެއް އަޅަން މި ހަވާލު ކުރީ. އަދި މަންޒަރު ރީތިކޮށްލަން ވެގެން މި ބުނަނީ އިތުރަށް ހިނގާ ހަރަދު ވެސް ކުރާނީ އެސްޖޭ އިންނޭ. ބަލަ، ފުރަތަމަ އެވަރު ހޭދަވެގެންތާ އިތުރަށް ހަރަދު ކުރަން ޖެހޭނީ ވެސް."

އާންމުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މައްސަލަތައް ނިންމަން ވާނީ ކޯޓުންނެވެ. އަދި ކޯޓަށް ނުގޮސް، ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށް، ނުވަތަ ސަރުކާރަށް މައްސަލަ ނާކާމިޔާބު ވުމުގެ ބިރު އޮވެގެން ކޯޓުން ބޭރުގައި މައްސަލަ ނިންމުން އެއީ ކޮރަޕްޝަން ކަމަށް އާންމުން ތުހުމަތު ކުރެ އެވެ.

"ތިމަންނާމެންނަށް ކާމިޔާބު ނުވާނެހެން ހީވީމައޭ މިހެން މި ހެދީއޭ ކިޔައިގެން އެތައް ބައިވަރު ނުހައްގުން އެބަ މުއްސަނދިކޮށްދޭ،" އެކަކު ފާޅުކުރި ހިޔާލެއްގައި ވެ އެވެ.

އެ އެގްރިމެންޓް ހެދީ މިސްކިތް ހަދަން އެ ކުންފުންޏަށް ކުރީގެ ސަރުކާރުން ދިން 30 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ދައުލަތުން ކުރި ދައުވާ ޑިސްޕިއުޓް މަރުހަލާގައި ހައްލުކުރުމަށް ފަހުގަ އެވެ. އެއީ، 30 މިލިއަން ރުފިޔާގެ ބަދަލުގައި ދެ ފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން މިސްކިތެއް އަޅައިދިނުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅުމުންނެވެ.

އެ ހުށަހެޅުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ދެ ފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވެ އެވެ. އެހެންވެ، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފައާ އެކު އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ނިންމުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވެސް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި އެސްޖޭ ކޮންސްޓްރަކްޝަނުގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

ކޯޓުން ބޭރުން ޒިކްރާ މިސްކިތުގެ މައްސަލަ ހައްލުކޮށް، ސެޓްލްމަންޓް އެގްރިމެންޓުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު (ވ) އަދި އެސްޖޭގެ ޑިރެކްޓަރު ޝިހާދު ސޮއިކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކޯޓުން ބޭރުން ޒިކްރާ މިސްކިތުގެ މައްސަލަ ހައްލުކޮށް، ސެޓްލްމަންޓް އެގްރިމެންޓުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު (ވ) އަދި އެސްޖޭގެ ޑިރެކްޓަރު ޝިހާދު ސޮއިކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ތަކުރާރުކޮށް ވިދާޅުވި އެއް ވާހަކައަކީ ޒިކުރާ މިސްކިތުގެ މަސައްކަތް ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމެވެ. ނަމަވެސް މިނިސްޓްރީގެ ސްޓޭންޑް ބަދަލުވެ، މިހާރު ވިދާޅު ވަނީ އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ސެޓްލްމަންޓް އެގްރިމެންޓެއް ހެދުމަކީ މި ވަގުތަށް އެންމެ ރަނގަޅު ކަންތައް ކަމަށެވެ.

މިއީ އެންމެ ފައިދާ ހުރި ގޮތް: މިނިސްޓަރު

މިނިސްޓަރު ރޭ "މިހާރު" އަށް ވިދާޅުވީ އާ ސަރުކާރު އައި އިރު ވެސް ޒިކްރާ މިސްކިތާ ގުޅޭ މައްސަލަ ވަރަށް ބޮޑު ވެފައިވާ ކަމަށެވެ. އެހެންވެ އޭޖީ އޮފީހާއި މިނިސްޓްރީގެ ގާނޫނީ ޓީމާ މަޝްވަރާކޮށް، އެ ކުންފުންޏާ އެކު މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ލަފާދީފައިވާ ކަމަށް އޭރު ވިދާޅުވި އެވެ.

"މިނިސްޓްރީއާ ހަވާލުވުމަށް ފަހު ފާހަގަވީ އެކަންތައް ގޮސްފައި ވަނީ އުސޫލުން ބޭރުން ކަމަށް. އަޅުގަނޑުމެންނަށް އޭޖީ އާއި މިނިސްޓްރީގެ ގާނޫނީ ޓީމުން ވެސް ލަފާދީފައި އޮތީ އެ ބޭފުޅުން [އެސްޖޭ ކޮންސްޓްރަކްޝަން] ކަންތައް ކޮށްފައި އޮތީ ގާނޫނާ ގަވާއިދުގެ ތެރެއިންނެއް ނޫނޭ، އުސޫލުން ބޭރުންނޭ. އޭގައި އެބަހުއްޓޭ ކަންތައްތަކެއް،" ޑރ. ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޯޓުގައި މައްސަލަ ކުރިއަށްދާތީ ދެ ފަރާތުން ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގައި އިސްނެގީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ކަމަށެވެ. އެކަމާ ގުޅިގެން އެސްޖޭއިން ދެ ސިޓީއެއް ފޮނުވުމުން އޭޖީގެ ލަފާ ހޯދައި، ދެ ފަރާތުން އެއްބަސްވުމަކަށް އާދެވުނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގްރިމެންޓް ހެދީ އެސްޖޭ ކޮންސްޓްރަކްޝަނަށް މީގެ ކުރީ ސަރުކާރުން ދިން 30 މިލިއަން ރުފިޔާ އަށް ވާ ވަރުގެ މިސްކިތެއް އަޅައިދިނުމަށެވެ. އެޗްޑީސީން ދިން ބިމުގައި މިސްކިތެއް އަޅަން ދާނެ އަގެއް އެ ކުންފުނިން ދީފައިވާ ކަމަށާއި އެސްޖޭއިން މިސްކިތަށް ދާނެ ހަރަދުގެ ގޮތުގައި ހުށަހެޅީ 35 މިލިއަން ރުފިޔާ އެވެެ. އެއީ، ދައުލަތުން ކުރިން ދިން ފައިސާއަށްވުރެ ފަސް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

"މިސްކިތް އަޅަން އެ އިތުރުވާ ފައިސާ އެއީ އެސްޖޭއިން އިތުރަށް ކޮށްދޭ ހަރަދެއްގެ ގޮތުގައި ތިމަންނަމެން ކުރިއަށްގެންދާނަމޭ، އެހެންވީމަ ސެޓްލްމަންޓަކަށް ހިނގާށޭ ދާން. ކޯޓުން ބޭރުން އެއްބަސްވުމަކަށް އެދިފައި އިނީމަ އޭޖީގެ ލަފާގެ މަތިން އެ މީހުންނާ ވާހަކަދެއްކި، 35 މިލިއަން ރުފިޔާގެ އަގުހުރި މިސްކިތް އަޅައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.

ޑރ. ޒާހިރު ވިދާޅުވީ މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވިޔަސް އިސްތިއުނާފަށް ދާއިރު، އެ ހުރިހާ މަރުހަލާއަކަށް ހިނގައްޖެ ނަމަ 2-3 އަހަރު ނަގާ ކަމަށެވެ. އެހެންވެ، މި ދަނޑިވަޅު ވިސްނުނީ އެސްޖޭއާއެކު ވާހަކަދައްކައި މައްސަލަ އަށް ހައްލެއް ގެނައުމަކީ އާއްމުންނަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަށް ވާނެ ކަމަށެވެ.

މިސްކިތެއް އެބަ ބޭނުންވޭ. ދައުލަތުން އެ ދީފައި ހުރި ފައިސާ ވެސް އެބަ ބޭނުންވޭ. އެ ފައިސާ އެންމެ އަވަހަށް ދެވޭނެ ގޮތެއް އަދި ބަދަލުގައި މިސްކިތެއް އެޅުން ކަމުގައި ވިޔަސް ވިސްނުނީ އޭޖީގެ ލަފާ ހޯދާފައިި، އެ ގޮތޭ އެންމެ ރަނގަޅުވާނީ.-- މިނިސްޓަރު

"މިސްކިތެއް އެބަ ބޭނުންވޭ. ދައުލަތުން އެ ދީފައި ހުރި ފައިސާ ވެސް އެބަ ބޭނުންވޭ. އެ ފައިސާ އެންމެ އަވަހަށް ދެވޭނެ ގޮތެއް އަދި ބަދަލުގައި މިސްކިތެއް އެޅުން ކަމުގައި ވިޔަސް ވިސްނުނީ އޭޖީގެ ލަފާ ހޯދާފައިި، އެ ގޮތޭ އެންމެ ރަނގަޅުވާނީ. އެހެންވެ، އެ މީހުންނާ އެކީގައި އެއްބަސްވުމަކަށް އާދެވުނީ އެ ދީފައި ހުރި ލާރީގެ ބަދަލުގައި މިސްކިތެއް އެޅުވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ މިސްކިތުގެ ކުރެހުން. މި ތަން ހަދާނީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ މިސްކިތުގެ ކުރެހުން. މި ތަން ހަދާނީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތަށް 30 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރި ނަމަވެސް އިސްތިއުނާފު މަރުހަލާއާ އެކު އެ ފައިސާ ލިބުން ލަސްވެދާނެ ކަމަށެވެ. އެ ކަންކަމަށް ބެލުމަށްފަހު ބުރަ ވެވުނީ އެންމެ ރަނގަޅު ގޮތަކީ ދައުލަތަށް ވީހާ ވެސް އަވަހަކަށް އެ ފައިސާ ހޯދައިދިނުން ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ދައުލަތުން އެސްޖޭ ކޮންސްޓްރަކްޝަނާ ދެކޮޅަށް އަދި އެ ކުންފުނިން ދައުލަތާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ނަގަން ޖެހޭނެ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ ޒިކްރާ މިސްކިތުގެ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފަ އެވެ. ނަމަވެސް އޭރު ޒިކްރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތުގައި ސޮއިކުރިތާ އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އަމަލީ މަސައްކަތެއް ނުފަށަ އެވެ.

އެ މައްސަލަ ސިވިލް ކޯޓުން ޖެނުއަރީ 12، 2021 ގައި ނިންމީ އެ ބޮޑު ބަދަލު ދޭން ނުޖެހޭނެ ކަމަށެވެ. އެހެންވެ، އެ ކުންފުނިން ވަނީ އެ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.

މިސްކިތުގެ މަސައްކަތު އެއްބަސްވުމުގައި އަދި ސޮއެއް ނުކުރެ އެވެ. އެތަން ނިންމަން ދޭނީ 427 ދުވަހަށް، އަންނަ އަހަރުގެ ރޯދަ މަހު މިސްކިތް ބޭނުންކުރަން ފެށޭ ވަރަށެވެ.

މި ސަރުކާރު އައި ފަހުން، މިގޮތަށް ހުރި ވަރަށް ގިނަ މަޝްރޫއުގައި އާންމުން ހިތްހަމަ ނުޖެހޭ، ނުވަތަ ފާޑުކިޔާ ގޮތަށް ބަދަލުދީފި އެވެ. އެސްޖޭ އަށް ވެސް މި ދިނީ "ބަދަލެކެވެ".