Roadha Mihaaru
ސަލްމާން މިސްކިތުގެ ޑިޒައިނުގެ މައްސަލާގައި އިންޒާރެއް

ސަލްމާން މިސްކިތުގެ ޑިޒައިނަކީ ކޮޕީއެއް ކަމަށް ބުނެ ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފި

27 ޖުލައި 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގައި އިމާރާތްކުރި ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ ކޮޕީއެއް ކަމަށް ބުނާ މައްސަލައިގައި ދިވެހި ދައުލަތާ ދެކޮޅަށް ދައުވާކުރާނެ ކަމުގެ އިންޒާރު މެލޭޝިއާގެ ކުންފުންޏަކުން ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގައި އިމާރާތްކުރި ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ ކޮޕީއެއް ކަމަށް ބުނާ މައްސަލައިގައި ދިވެހި ދައުލަތާ ދެކޮޅަށް ދައުވާކުރާނެ ކަމުގެ އިންޒާރު މެލޭޝިއާގެ ކުންފުންޏަކުން ދީފި އެވެ.

ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އެހީގައި، މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި ގާތްގަނޑަކަށް 370 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ކުރަން ހަވާލުކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. އެ ކުންފުންޏާ އެކު ޔާމީންގެ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ.

ނަމަވެސް ޓާމެކްސްއާ ހަވާލު ކޮށްގެން، މިސްކިތް އިމާރާތްކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އާކިޓެކްސް އިން ހުށަހެޅި ޑިޒައިނާ އެއްގޮތަށް ކަމަށް ބުނެ އެ ކުންފުނިން ވަނީ އެ މައްސަލައިގައި ދައުވާކުރާނެ ކަމުގެ އިންޒާރު ސިޓީއަކުން ދީފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ، ދިވެހި ދައުލަތާ ދެކޮޅަށް ދައުވާކުރާނެ ކަމުގެ އިންޒާރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މެލޭޝިއާގެ ކުންފުނިން ދިނުމުން އެ މައްސަލަ މިހާރު ވާނީ އެޓާނީ ޖެނެރަލްގެ އޮފީހާ ހިއްސާކޮށްފައި ކަމަށެވެ.

މެލޭޝިއާގެ ކުންފުނިން މިނިސްޓްރީ އަށް ފޮނުވި ސިޓީއާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ، އެ މިސްކިތުގެ ކުރެހުން "ވަގަށް" ނަގާފައި ވަނީ ކުޑަކުޑަ ބަދަލެއް ގެނެސްގެން ކަމަށާއި ކޮޕީ ރައިޓްސްގެ ދައުވާ ކުރާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށެވެ.

މެލޭޝިއާގެ ކުންފުނިން ފޮނުވި ސިޓީއާ އެކު ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގައި އެ ކުންފުނީގެ އިސް ބޭފުޅުންނާ ގުޅިގެން ބޭއްވި ބައްދަލުވުމެއްގެ ފޮޓޯ އާއި ކުންފުނިން ހުށަހެޅި ޑިޒައިން ވެސް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭރު ރައީސް އޮފީހުގައި ބޭއްވި މީޓިންއެއްގައި ބައިވެރިވި މީހުންގެ ފޮޓޯ ވެސް އެބަހުރި. އޭގަ ސަރުކާރުގެ ފަރާތުން ބައިވެރިވި މީހުންނާއި އެ ކުންފުނިން ބައިވެރިވި މީހުންގެ ފޮޓޯ އެބަހުރި. އެ މީހުން މި ބުނަނީ ތިމަންނަމެންނާ ވާހަކަ ދައްކައިފައި އެހެން ބަޔަކާ ހަވާލު ކޮށްގެން މަސައްކަތްކުރަނިކޮށްނޭ ފެނުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި މައްސަލާގައި އޭޖީ އޮފީހުގެ ބަހެއް ނުލިބޭތީ މައްސަލަ ގޮސްފައިވާ ކިހާ ހިސާބެއް އަދި ސާފެއް ނުވެ އެވެ.

ސަލްމާން މިސްކިތުގެ މަސައްކަތް މިދިޔަ އަހަރު ކުރީ ކޮޅު ނިންމައި ސަރުކާރާ ހަވާލު ކުރި ނަމަވެސް އަދިވެސް މިސްކިތް ނުހުޅުވަ އެވެ. މިސްކިތް ހުޅުވާނެ ކަމަށް ބުނެ ތަފާތު ތާރީހުތައް ދިން ނަމަވެސް މި ފަހުން މިނިސްޓްރީން ބުނެފައިވާ ގޮތުން ލަސްވަނީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ސައޫދީ އަރަބިއްޔާގެ އޮފިޝަލުންނަށް ކޮވިޑާ ގުޅިގެން ވަޑައިގެންނެވޭ ފަދަ ހާލަތަކަށް ނުދާތީ އެވެ.