Roadha Mihaaru

މެލޭޝިއާ އެއާލައިނުން ވެސް ރާއްޖެއަށް ދަތުރުތައް އިތުރުކޮށްފި

މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއާލައިނުން ވެސް ޔޫރަޕުގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

މެލޭޝިއާ އެއާލައިނުން ރާއްޖެއަށް އިތުރު ދަތުރުތައް

މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއާލައިނުން ވެސް ޔޫރަޕުގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

އެ އެއާލައިނުން ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ކޮންމެ ދުވަހަކު ޝެޑިއުލް ފްލައިޓެއް ބާއްވަ އެވެ.

ނަމަވެސް، އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން، ހަފުތާއަކު ހަތް ފްލައިޓުން 11 ފްލައިޓަށް ރާއްޖެ އަށް ސީދާ ދަތުރުތައް އިތުރު ކުރާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

މިގޮތުން، ހަފުތާއަކު ބާއްވާ އިތުރު ހަތަރު ފްލައިޓް ޝެޑިއުލް ކޮށްފައިވަނީ، ކޮންމެ ހޯމަ، ބުދަ، ހުކުރު އަދި އާދީއްތަ ދުވަހަށެވެ.

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ސީދާ ދަތުރުތައް ކުރަނީ، މެލޭޝިއާ އެއާލައިންސްގެ އިތުރުން އެއާ އޭޝިޔާ އާއި ބަޓިކް އެއާ އިންނެވެ.

އެއާ އޭޝިއާ އިން ރާއްޖެއަށް ހަފުތާއަކު 17 ފްލައިޓު ޝެޑިއުލް ކޮށްފައިވާއިރު، ބަޓިކް އެއާ އިން އަންނަނީ ރާއްޖެ އަށް ހަފްތާއަކު ހަތް ފްލައިޓް ބާއްވަމުންނެވެ.

ރާއްޖެ އަށް ޓޫރިސްޓުން އަންނަ މިންވަރު އެންމެ ބޮޑަށް އިތުރުވާ، ޔޫރަޕުގެ ފިނި މޫސުމާ ދިމާކޮށް، ބޮޑެތި އެހެން އެއާލައިންތަކުން ވެސް ވަނީ ރާއްޖެ އަށް އިތުރު ދަތުރުތައް ކުރަން ނިންމައިފަ އެވެ.

މިގޮތުން، ގަތަރު އެއާވޭސް އިން ރާއްޖެ އަށް ދުވާލަކު ތިން ފްލައިޓުން، ހަތަރު ފްލައިޓަށް އިތުރުކުރަން ނިންމާފައިވާއިރު، ކޮންޑޯ އިން ވަނީ ހަފުތާއަކު ފަސް ފްލައިޓު ބާއްވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަނާއި ރާއްޖެއާ ދެމެދު އުދުހޭ، ވާޖިން އެޓްލާންޓިކްއިން ވެސް އަންނަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން، ހަފްތާއަކު ހަތަރު ފްލައިޓު ޝެޑިއުލްކުރަން ނިންމައިފަ އެވެ.