Roadha Mihaaru

މެލޭޝިއާގައި ކިޔަވާ ބޭރު ދަރިވަރުންގެ ކޮލެޖް ފީއިން 6 ޕަސެންޓުގެ ޓެކްސްއެއް ނަގަނީ

މެލޭޝިއާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ ކޮލެޖު ފީ އިން ހަ ޕަސެންޓުގެ ޓެކްސެއް އަންނަ މަހުން ފެށިގެން ނަގަން ނިންމައިފި އެވެ.

މެލޭޝިއާގައި ބޭރު ދަރިވަރުންގެ އަތުން ޓެކްސް ނަގަނީ

މެލޭޝިއާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ ކޮލެޖު ފީ އިން ހަ ޕަސެންޓުގެ ޓެކްސެއް އަންނަ މަހުން ފެށިގެން ނަގަން ނިންމައިފި އެވެ.

މި ޓެކްސް ދައްކަން ޖެހޭނީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ފުރުސަތުދޭ، އަމިއްލަ ޕްރީސްކޫލްތަކާއި ސްކޫލްތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކުންނެވެ.

މިއީ މެލޭޝިއާގެ ޓެކްސްގެ ނިޒާމު ހަރުދަނާކޮށް، އާމްދަނީ އިތުރު ކުރާއިރު މެލޭޝިއާގެ ރައްޔިތުންނަށް އަސަރު ނުކުރާ ގޮތަށް ތައާރަފްކުރާ އާ ޓެކުހެކެވެ.

އެގޮތުން، ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ކަނޑައަޅާފައިވާ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ވަނީ ލާޒިމުކޮށްފަ އެވެ.

މީގެ އިތުރުން ބޭރުގެ ދަރިވަރުންނަށް ކިޔަވަން ފުރުސަތު ދޭ ހުރިހާ ތައުލީމީ މަަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ލާޒިމުވާނެ އެވެ.

އެ ތަންތަނުގައި ކިޔަވާ މެލޭޝިއާގެ ދަރިވަރުންނަށް އެ ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މެލޭޝިއާއިން 2015 ވަނަ އަހަރު އެކުލަވާލި އެޑިއުކޭޝަން ތަރައްގީ ކުރުމުގެ ގައުމީ ޕްލޭންގެ ދަށުން، މި އަހަރުގެ ނިޔަލަށް ބޭރުގެ 250،000 ދަރިވަރުންނަށް އެ ގައުމުގައި ކިޔެވުމުގެ ފުރުސަތު ދިނުމުގެ އަމާޒެއް ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް، އެ ޓެކުހާއެކު އެ އަމާޒު ހާސިލުކުރަން ދަތިވާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުން ދާއިރު، އެ ދަރިވަރުންނަށް މި ޓެކުހުގެ ސަބަބުން ކޮލެޖު ފީ ބޮޑުވެގެންދާނެ އެވެ.