Roadha Mihaaru

މަހާތިރުގެ 100 ވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް މައުމޫންގެ ފަރާތްޕުޅުން ހުކުރު މިސްކިތުގެ މުންނާރުގެ މޮޑެލްއެއް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދުގެ 100 ވަނަ އުފަން ދުވަހާ ދިމާކޮށް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ދައްކައިދޭ މޮޑެލްއެއް މިއަދު އަރުވައިފި އެވެ.

މަހާތީރުގެ އުފަންދުވަހުގެ ހަދިޔާއަކަށް މުންނާރުގެ މޮޑެލް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

09 ޖުލައި 2025

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދުގެ 100 ވަނަ އުފަން ދުވަހާ ދިމާކޮށް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ދައްކައިދޭ މޮޑެލްއެއް މިއަދު އަރުވައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުކަން 22 އަހަރު ވަންދެން ކުރެއްވި އަދި އެ ގައުމުގެ ތަރައްގީގެ ބާނީގެ ގޮތުގައި ބަލައިގަންނަ މަހާތިރުގެ 100 ވަނަ އުފަން ދުވަހަކީ މާދަމާ އެވެ. އެ މަނިކުފާނު ބޮޑުވަޒީރުކަން ކުރެއްވީ 1981 އިން 2003 އާ ހަމައަށެވެ.

ހުކުރު މިސްކިތުގެ މުންނާރުގެ ތާރީހު

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އަރާފައިވާ ހުކުރު މިސްކިތުގެ މުންނާރައަކީ ރާއްޖޭގެ ދީނީ އަދި ތާރީހީ އެންމެ މުހިންމު އެއް ބިނާ އެވެ. މިހާރު 300 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެ މުންނާރު ބިނާކޮށް ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެއިރު އަރަބިކަރައިގެ މުންނާރުތައް ހުންނަ ގޮތަށް ކަމަށްވެ އެވެ.

ހިރިގަލާއި އުވައިން ބިނާކޮށްފައިވާ މުންނާރަކީ މާލޭގެ އެންމެ މަޝްހޫރު އެއް ބިނާ ވެސް މެ އެވެ.

ފަލަސްތީނުގެ މައްސަލަ އަށް މައުމޫނާއި މަހާތިރު އަލިއަޅުވާލެއްވި

އުމުރުފުޅުން 88 އަހަރު ގުނަމުން ގެންދަވާ މައުމޫން މި ވަގުތު ޗުއްޓީ ދަތުރުފުޅެއްގައި މެލޭޝިއާ އަށް ވަޑައިގެން އުޅުއްވާއިރު، އެ މަނިކުފާނުގެ އޮފީހުން ބުނީ މަހާތިރުގެ އަރިހަށް ވަޑައިގެން މަހާތިރުގެ 100 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ވަނީ އެ މަނިކުފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެންފައި ކަމަށެވެ.

ޕެޑާނާގެ ލީޑާޝިޕް ފައުންޑޭޝަނުގައި އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ދެ ބޭފުޅުންގެ މެދުގައި އޮތް އެކުވެރިކަމާއި އިހުތިރާމު ދެމެހެއްޓުމުގެ ގޮތުން ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި ލީޑަޝިޕްގެ ދާއިރާއިން ހިއްސާ ކުރެއްވި ތަޖުރިބާތަކަށް އަލިއަޅުއްވާލައްވައިފަ އެވެ. އިސްލާމީ ދުނިޔޭގެ ސުލްހައާއި އަމާން ކަމަށް ދެ ބޭފުޅުން ކުރައްވާ އުއްމީދުތަކަށް ވެސް އަލިއަޅުއްވައިލެއްވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.

މައުމޫން ވަނީ މަހާތިރުގެ ވެރިކަމާއި މުސްލިމުންގެ އެއްބައިވަންތަކަމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައިފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެ ގައުމުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދުނިޔޭގެ ގިނަ ލީޑަރުން ނުކުޅެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި މައުމޫނާ އެކު ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ބައިވެރިވެވަޑައިގަތެވެ.

މައުމޫންގެ ވެރިކަމުގައި ރާއްޖެ އިން މަހާތިރާ އެކު ވަރަށް ގާތް ގުޅުމެއް ބޭއްވި އެވެ. ހާއްސަކޮށް މައުމޫނާއި މަހާތިރާ ދެމެދު ރަހުމަތްތެރިކަމުގެ ގުޅުން ވެސް ވަރަށް ބޮޑަށް ބަދަހި ކުރެއްވި އެވެ. މީގެ 17 އަހަރު ކުރިން މައުމޫންގެ ވެރިކަން ނިމުނު ފަހުން ވެސް އެ މަނިކުފާނު މެލޭޝިއާ އަށް ކުރައްވާ އެކި ދަތުރުފުޅުތަކުގައި މަހާތިރާ ބައްދަލުކުރައްވަ އެވެ.

މައުމޫންގެ ވެރިކަމުގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް މެލޭޝިއާގެ ސަރުކާރުން ދިން އެހީތެރިކަން ފާހަގަކުރެވެ އެވެ. އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް މަހާތިރު ރާއްޖެ ވަޑައިގަތެވެ.