މެލޭޝިއާގެ ބޮޑު ވަޒީރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނަށް މިއަދު ހެނދުނު ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
28 އެޕްރީލް 2025
މެލޭޝިއާގެ ބޮޑު ވަޒީރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނަށް މިއަދު ހެނދުނު ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
މިއީ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުއިއްޒު މެލޭޝިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޕުޓްރަޖާޔާގައި ހުންނަ ބޮޑު ވަޒީރުގެ އޮފީހުގައި ރައީސް މުއިއްޒަށް މިއަދު ހެނދުނު ރަސްމީކޮށް މަރުހަބާ މެލޭޝިއާ އިން މަރުހަބާ ދެންނެވީ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ.
ރައީސް މެލޭޝިއާ އަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި މިއަދު ބޮޑުވަޒީރު އަންވަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ބާއްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ފަސް ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި ކުޅިވަރުގެ އިތުރުން ޓޫރިޒަމް ފުޅާކުރުމުގެ އެއްބަސްވުމަކާއި ޑިޕްލޮމެޓުން ތަމްރީނުކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ.
ރައީސް މުއިއްޒަށް މެލޭޝިއާ އިން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވަނީ.
ދެ ގައުމުގެ ދެމެދުގައިވާ އެ އެއްބަސްވުންތަކަށް ފަހު، ރައީސް މުއިއްޒާއި ބޮޑުވަޒީރު އަންވަރުގެ ޖޮއިންޓް ޕްރެސްއެއް އޮންނާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާ އެކު މިއަދު މެންދުރު ފަހު ބާއްވާ ބިޒްނަސް ފޯރަމުގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ވެސް އެ މަނިކުފާނު މިރޭ ބައްދަލުކުރައްވާނެ އެވެ. މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ.
ރައީސް މުއިއްޒު މެލޭޝިއާގެ އިސްވެރިންނާ މިއަދު ސަލާން ކުރައްވަނީ.
މެލޭޝިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހުރި ދަތިތައް މި ދަތުރުފުޅުގެ ތެރެއިން ހައްލު ކޮށްދެއްވާނެ ކަމަށެވެ.
ރައީސް މުއިއްޒަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު މިއަދު މަރުހަބާ ދަންނަވަނީ.
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތް ކުރައްވައި، މާދަމާ، އެ ޔުނިވާސިޓީގައި އެ މަނިކުފާނު ތަގުރީރު ކުރައްވާނެ އެވެ.
ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
"ޑިފެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންވޭ"
މެލޭޝިއާގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި
ރާއްޖެ-މެލޭޝިއާއާ ދެމެދު ފަސް އެއްބަސްވުމެއް
މެލޭޝިއާގައި ދިވެހިންނަށް ހުރި ދަތިތައް ހައްލުކޮށްދޭނަން
ރައީސް މެލޭޝިއާއަށް ފުރާވަޑައިގެންފި
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ވިސާމް ހުންނެވީ ދިވެހިންގެ ހިދުމަތުގައި، ހައްލު ހޯދޭނެ
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އަށް ބޭނުން: ރައީސް
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
އިސްލާމީ އުންމަތް ގުޅިގެން ކުރިއަށް ދާން ގޮވާލައްވައިފި