Roadha Mihaaru

ރައީސް މުއިއްޒު މެލޭޝިއާ އަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިއާ އަށް ފުރާވަޑައިގެންފި އެވެ.

ރައީސް މެލޭޝިއާއަށް ފުރާވަޑައިގެންފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 އެޕްރީލް 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިއާ އަށް ފުރާވަޑައިގެންފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ އަރިހުގައި މެލޭޝިއާ އަށް ވަޑައިގަންނަވާ މިނިސްޓަރުންނަކީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިއީ، ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. ރައީސް މުއިއްޒަށް މެލޭޝިއާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނެވެ. އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވާނީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. އަަންވަރު އިބްރާހިމެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވާނެ އެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމާ ބެހޭ މަޝްވަރާތައް ކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ މެދުގައި ހިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެވޭނެ އިތުރު މަގުތައް ހޯދުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާ އެކު ބާއްވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް މުއިއްޒު ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި، އެ ޔުނިވާސިޓީގައި ތަގުރީރު ކުރައްވާނެ އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި މަލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، ދަތިވާ ކަންކަން ދެނެގަތުމަށް ހާއްސަ ބައްދަލުކުރެއްވުމެއް ވެސް ބާއްވާނެ އެވެ.