Roadha Mihaaru

މެލޭޝިއާގައި އުޅޭ ދިވެހިންނަށް ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދޫކުރުމުގެ ހިދުމަތް މިއަދު އިފުތިތާހު ކޮށްފި އެވެ.

މެލޭޝިއާގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި
މާއިދާ މުހައްމަދު ރަޝާދު
މެލޭޝިއާއިން މާއިދާ މުހައްމަދު ރަޝާދު

28 އެޕްރީލް 2025

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދޫކުރުމުގެ ހިދުމަތް މިއަދު އިފުތިތާހު ކޮށްފި އެވެ.

އެ ހިދުމަތް މި ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މި ގައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގަ އެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފެށިއިރު، މިއީ ރާއްޖެއިން ބޭރުގައި މި ހިދުމަތް ދޭން ފެށި ފުރަތަމަ ގައުމެކެވެ. މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މާދަމާ އިން ފެށިގެން އެ ހިދުމަތް ދޭނެ އެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ކިޔަވާ ކުދިން އުޅެމުން އަންނަ ގައުމެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މެލޭޝިއާގައި އުޅޭ ދިވެހިންނަށް ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތައް ކުރަމުން އަންނަ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވަނީ މެލޭޝިއާގަައި އުޅޭ ދިވެހި ކިޔަވާ ކުދިން ތަމްސީލުކުރުމަށް ސްޓޫޑަން އެސޯސިއޭޝަން ވެސް އުފައްދައިފަ އެވެ.

ރައީސް ވިދާޅުވީ ކިޔަވާ ކުދިންގެ ޖަމިއްޔާއަކީ ވަރަށް މުހިއްމު ޖަމިއްޔާއެއްކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވަނީ އިނގިރޭސި ވިލާތުގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ކަމަށެވެ. ދިވެހި ދަރިވަރުން ތިބޭ ކޮންމެ ތަނެއްގައި އެ ދަރިވަރުން ތަމްސީލުކުރާނެ ބަޔަކު ތިބުމަކީ ދަރިވަރުންނަށް ވެސް ފަސޭހަވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ޖަމިއްޔާ އަށް ވެސް މަހަކު 3،000 ޑޮލަރު ޖަމާކުރާނެ އެެވެ. އެއީ ޖަމިއްޔާ ހިންގުމަށްވާ އެހީއެއް ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ އިތުރުން މި ގައުމުގައި ދިރިއުޅެމުންދާ ދިވެހިންނަށް ވެސް ލުއި ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން އެކި މަސައްކަތްތައް ކުރާ ކަމަށް ވިދާޅުވެފަ އެވެ.