Roadha Mihaaru
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އަށް ބޭނުން: ރައީސް

މެލޭޝިއާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރާ ތަން ދެކެން ބޭނުން: ރައީސް

20 ޑިސެމްބަރ 2017

މެލޭޝިއާ އަކީ ތަފާތު އެކި ދާއިރާތަކުން ރާއްޖެ އަށް ބޭނުންތެރި އެހީތަކެއް ފޯރުކޮށްދޭ ގައުމެއް ކަމަށާއި އެ ގައުމުގެ އިންވެސްޓަރުން ރާއްޖޭގެ އެކި މަޝްރޫއުތަކަށް އިންވެސްޓްކުރާ ތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މެލޭޝިއާ އަކީ ތަފާތު އެކި ދާއިރާތަކުން ރާއްޖެ އަށް ބޭނުންތެރި އެހީތަކެއް ފޯރުކޮށްދޭ ގައުމެއް ކަމަށާއި އެ ގައުމުގެ އިންވެސްޓަރުން ރާއްޖޭގެ އެކި މަޝްރޫއުތަކަށް އިންވެސްޓްކުރާ ތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރާއްޖެ ވަޑައިގެން ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސް ޔާމީން އިއްވެވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް ގެންނަން މެލޭޝިއާ އިން ވަރަށް ބޮޑު އެހީތެރިކަމެއް ވޭތުވެދިޔަ އަހަރުތަކުގައި ލިބިފައިވާ ކަމަށެވެ. މި އެހީތެރިކަމުގެ އިތުރުން، މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އަށް މުހިއްމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދެކެން ބޭނުންވަނީ މެލޭޝިއާގެ އިންވެސްޓަރުން ރާއްޖޭގައި ހުރި ފުރުސަތުތައް ބަލާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން، ނައިބު ރައީސް އަބްދުﷲ ޖިހާދު އާއި ދައުލަތުގެ ވަޒީރުންނާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން، ނައިބު ރައީސް އަބްދުﷲ ޖިހާދު އާއި ދައުލަތުގެ ވަޒީރުންނާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެއްވިކަން ފާހަގަ ކުރައްވައި، ރައީސް ވަނީ އޭގެ ތެރެއިން ބައެއް އެއްބަސްވުންތަކުގެ ތަފްސީލް ދެއްވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަތީ ތައުލީމްގެ ފުރުސަތު ހޯދައި ދިނުމާ ގުޅޭ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވުމުގެ އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ އެވެ. މެލޭޝިއާ އިން ދިވެހިންނަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އަބަދުވެސް ފަހިކޮށްދޭ ކަން ފާހަގަކުރައްވައި، ރައީސް ވަނީ މެލޭޝިއާ ސަރުކާރަށް ޝުކުރު ދަންނަވައިފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރާ އެކު ބޭއްވި ރަސްމީ މަޝްވަރާތަކުގައި މުސްލިމުންގެ ހައްގުގައި ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. ހާއްސަކޮށް، ފަލަސްތީނާއި ރޮހިންޖާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ހާލަތު ރަނގަޅު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވަރަށް ގާތުން ކުރުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބުއާ އެކު ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާ ރައީސް ޔާމީން ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބުއާ އެކު ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާ ރައީސް ޔާމީން ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ވިޔަފާރި އާއި އިންވެސްޓްމަންޓުތައް އިތުރު ކުރުމަށް މަސައްކަތް ކުރުމާއި ޒުވާނުން ބާރުވެރިކުރުވުމާއި ބައިނަލްއަގުވާމީ ދުނިޔޭގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ޓޫރިޒަމް ދާއިރާ އިން އެހީތެރިވެ، އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިނގަމުން އަންނަ ކަމެއް ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވަނީ ރާއްޖެ އާއި މެލޭޝިއާ އިން އެކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް ދެއްވައިފަ އެވެ. އަދި ދެ ގައުމާ ދެމެދު ބޭއްވި މަޝްވަރާތަކުގެ ނަތީޖާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ގާއިމްކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގައި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމާއި ސިއްހީ ދާއިރާ އިން މީހުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދައި ދިނުމާއި މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައި ދިނުމާއި އަލިފާން ނިއްވުމާ ބެހޭ ތަމްރީން ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.

މިއީ، ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ގައުމުގެ ބޮޑު ވަޒީރުކަމާ ނަޖީބު ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނު މިއަދު މާލެ ވަޑައިގަތުމާ އެކު، ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާތަނަށް ދެ ފަހަރު މެލޭޝިއާ އަށް ވަޑައިގެންނެވި އެވެ.