ރާއްޖެ އާއި މެލޭޝިއާ ދެމެދު ޑިފެންސްގެ ދާއިރާއިން ގުޅުން ގާއިމުކުރަން ޝައުގުވެރިކަން ފާޅުކުރައްވައި، މެލޭޝިއާގެ ޑިޖިޓަލް އިކޮނޮމީގެ އެހީތެރިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
28 އެޕްރީލް 2025
ރާއްޖެ އާއި މެލޭޝިއާ ދެމެދު ޑިފެންސްގެ ދާއިރާއިން ގުޅުން ގާއިމުކުރަން ޝައުގުވެރިކަން ފާޅުކުރައްވައި، މެލޭޝިއާގެ ޑިޖިޓަލް އިކޮނޮމީގެ އެހީތެރިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
މެލޭޝިއާ އަށް ރައީސް ކުރައްވަމުން ގެންދަވާ ރަސްމީ ދަރުރުފުޅުގައި ދެ ގައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލުކުރުމަށް ފަހު. ދެ ގައުމުގެ ރަސްމީ ބަޔާން ވަނީ އިއްވައިފަ އެވެ. ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.
ރައީސް ވިދާޅުވީ ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 57 އަހަރު ވެފައިވާއިރު، ދެ ގައުމަކީ އަބަދުވެސް ގާތް އެކުވެރި ދެ ގައުމު ކަމަށެވެ. މިދިޔަ ދުވަސްތަކުގައި މެލޭޝިއާ ވެފައި ވަނީ ދިވެހިން އެންމެ ގިނައިން މަތީ ތައުލީމު ހޯދުމަށް ދާ ގައުމު ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭގެ މައިގަނޑު އެއް ސަބަބަކީ ދިވެހިންނަށް ހާއްސަކޮށް މެލޭޝިއާގެ ސަރުކާރުން ވިސާގެ ކަންކަން ފަސޭހަކޮށްދީފައި އޮތުމެވެ. އެކަމަށްޓަކައި މެލޭޝިއާގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މެލޭޝިއާ އިން ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަން ވެދޭ އެހީތެރިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ދަ މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ގިނަ އަދަދެއްގެ ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުން ތަރައްގީ ކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ. އެ ގައުމުން ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދޭ ސްކޮލަޝިޕްގެ ފުރުސަތުތައް ވެސް ޝުކުރާ އެކު ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މެލޭޝިއާ އިން ދިވެހިންނަށް ފޯރުކޮށްދޭ ތައުލީމީ ފުރުސަތުގެ ސަބަބުން އަމިއްލަ މީހުންގެ ދިރިއުޅުމަށާއި ގައުމަށް ކުރިއެރުން ލިބިފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު ޑރ. އަންވަރު އިބްރާހިމް މިއަދު އެއްބަސްވުން ބަދަލުކުރައްވަނީ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމާ އެކު، މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމީ ބައްދަލުވުމުގައި ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެއްވި ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ ދެ ގައުމަށް ވެސް މުހިންމު އެއްބަސްވުންތަކެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދެ ގައުމުގެ ދެމެދު ކުޅިވަރު، ސިއްހީ، ޓޫރިޒަމް އަދި ފައިނޭޝަނަލް ސާވިސެސްގެ ދާއިރާއިން އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފައިވެ އެވެ.
ރައީސް ވިދާޅުވީ އެ ދާއިރާތަކުގެ އިތުރުން ވެސް މެލޭޝިއާއާ އެކު އިތުރަށް ގުޅުން ބަދަހި ކުރަން ބޭނުންފުޅުވާ ކަމަށާއި އެގޮތުން ޑިފެންސްގެ ދާއިރާއަކީ ގުޅުން ބަދަހިކުރުމަށް ޝައުގުވެރިކަން އޮތް ދާއިރާއެއް ކަމަށެވެ. އެ ދާއިރާ އިން އެކިއެކި އެއްބަސްވުންތައް ގާއިމުކުރަން ބޭނުންފުޅުވާކަން ރައީސް ހާމަކުރެއްވި އެވެ.
އަދި މެލޭޝިއާގެ ހަލާލު އިންޑަސްޓްރީ އާއި ޑިޖިޓަލް އިކޮނޮމީއަކީ ނަމޫނާއެއް ކަން ފާހަގަ ކުރައްވައި، އެ ދެ ދާއިރާއިން ވެސް މެލޭޝިއާގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރަން އެދިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު މިއަދު މަރުހަބާ ދަންނަވަނީ.
ރާއްޖެ ޑިޖިޓަލް ކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާއިރު، މެލޭޝިއާގެ އެހީތެރިކަން ބޭނުންވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން އެހީތެރިކަމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
މިހާރު ވެސް ފުޅާކޮށް ގާއިމުކޮށްފައިވާ އިގުތިސޯދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ވެސް ތަސައްވަރު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މެލޭޝިއާގެ އިސްވެރިންނާ މިއަދު ސަލާން ކުރައްވަނީ.
ރައީސް މުއިއްޒު ވިދާޅުވީ މެލޭޝިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓް ކުރަން ދައުވަތު ދެއްވާ ކަމަށާއި ހާއްސަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯނާއި ބިޒްނަސް ސެކްޓާ އާއި ފައިނޭޝަލް ސާވިސެސް އާއި މެރިޓައިމް އިކޮނޮމީ އަދި ޑިޖިޓަލް އިކޮނޮމީގައި އިންވެސްޓްކުރަން ރާއްޖޭގައި ފަހި ފުރުސަތުތަކެއް އެބައޮތް ކަމަށް ވިދާޅުވި އެވެ. އޭގެ ތަފްސީލީ މައުލޫމާތު ހިއްސާކުރަން އިންވެސްޓްމަންޓް ފޯރަމެއް މިއަދު މެލޭޝިއާގައި ބާއްވާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އާއި މެލޭޝިއާއާ އަބަދުވެސް ދެމިތިބޭނީ ވަރުގަދަ ގުޅުމެއްގެ ތެރެއިން ގާތް އެކުވެރިންގެ ގޮތުގަ އެވެ.
ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި އެކަމުގައި ބޮޑު ވަޒީރު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ރައީސް ތައުރީފު ކުރެއްވި އެވެ.
ރައީސަށް މެލޭޝިއާ އިން ހޫނު މަރުހަބާއެއް
މެލޭޝިއާގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި
ރާއްޖެ-މެލޭޝިއާއާ ދެމެދު ފަސް އެއްބަސްވުމެއް
މެލޭޝިއާގައި ދިވެހިންނަށް ހުރި ދަތިތައް ހައްލުކޮށްދޭނަން
ރައީސް މެލޭޝިއާއަށް ފުރާވަޑައިގެންފި
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ވިސާމް ހުންނެވީ ދިވެހިންގެ ހިދުމަތުގައި، ހައްލު ހޯދޭނެ
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އަށް ބޭނުން: ރައީސް
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
އިސްލާމީ އުންމަތް ގުޅިގެން ކުރިއަށް ދާން ގޮވާލައްވައިފި