Roadha Mihaaru

ތަހުގީގަށް އެއްބާރުލުން ނުދޭތީ މެލޭޝިއާގެ ފުލުހުންގެ އެހީގައި ޔުމްނުގެ ބަޔާން ނަގަނީ

މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް އޭނާގެ އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ބުނެ، މެލޭޝިއާ ފުލުހުން މެދުވެރިކޮށް އެކަން ކުރުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފި އެވެ.

މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ޔުމްނުގެ ބަޔާން ނަގަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

22 މެއި 2025

މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް އޭނާގެ އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ބުނެ، މެލޭޝިއާ ފުލުހުން މެދުވެރިކޮށް އެކަން ކުރުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ތަހުގީގަށް ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމް އާއިލާގެ އެއްބާރުލުން ލިބުމާ އެ،ކު ހަމަޖައްސަން ފުލުހުން މަސައްކަތްކުރި ކަމަށެވެ. އެގޮތުން، ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހަކު އެ ގައުމުގައި އެބަތިބި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރޭގައި ފުލުހުންގެ މެޑިކަލް ޑޮކްޓަރަކު ވެސް ހިމެނެ އެވެ.

ފުލުހުން ބުނި ގޮތުގައި ޔުމްނުއާ މުއާމަލާތް ކުރަން މިއަދާ ހަމައަށް ތަކުރާރުކޮށް ވާނީ މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެ އެއްބާރުލުން ޔުމްނުގެ އާއިލާގެ ފަރާތުން ނުލިބޭ ކަމަށް ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވެސް އެއްވެސް މައުލޫމާތެއް އޭނާގެ އާއިލާ އިން މިހާތަނަށް ފުލުހުންނާ ހިއްސާ ކޮށްފައެއް ނުވެ އެވެ.

"މެލޭޝިއާގައި ފަރުވާ ދެމުންދިޔަ ހޮސްޕިޓަލް ބަދަލުކުރި އިރު ވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވޭ،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ތަހުގީގު ޓީމުން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރީ އާއިލާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. އެކަމަކު، އާއިލާގެ އެއްބާރުލުން ނުލިބުމުން މެލޭޝިއާގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ގައުމުގެ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން ބުންޏެވެ.

ފުލުހުންނާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރި ނަމަވެސް ޔުމްނުގެ އާއިލާ އިން ވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވެސް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެ، ޔުމްނުއާ ހަވާލާދީ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފައިވެ އެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި، އޭނާގެ ދައްތަ ބުނީ، ޔުމްނު އާއި އޭނާއާ އެކު ހަރަކާތްތެރިވި ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލް އެ ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުންގެ ތަހުގީގުގައި ބުނި ގޮތަށް "ރެންޑަމް" ގެއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.

ޔުމްނުގެ ދައްތަ ބުނީ އެ ރޭ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމުގެ ޔަގީންކަން ޔުމްނު ދޭ ކަމަށެވެ.

"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުގެ ދައްތަ ބުންޏެވެ.

އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ވެސް ބުނެފަ އެވެ. އަދި، ފުލުހުން އާންމުކުރި ސީސީޓީވީއަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރެ އެވެ.

ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު އަށް ފަރުވާ ދެމުން ފުރަތަމަ އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.

ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ކަމަށް ފުލުހުން ބުނާ ރައުދު ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް ފަހު މިއަދު ވަނީ ދޫކޮށްލައިފަ އެވެ. އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ، ހާއްސަ ކޮމިޝަނެއް ރައީސް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.