Roadha Mihaaru

ކޮމިޝަނުން ރައުދުއާ ފުރަތަމަށް ފަހަރަށް ބައްދަލުކޮށް ސުވާލުކޮށްފި

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އޭނާއާ އެކު އެ ވަގުތު ހުރި ރައުދު އަހުމަދު ޒިލާލުއާ ބައްދަލުކޮށް ސުވާލު ކޮށްފައިވާ ކަމަށް އެ ހާދިސާގެ ތަހުގީގު ހިންގަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ކޮމިޝަނުން ފުރަތަމަ ފަހަރަށް ރައުދުއާ ސުވާލުކޮށްފި!
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

12 މެއި 2025

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އޭނާއާ އެކު އެ ވަގުތު ހުރި ރައުދު އަހުމަދު ޒިލާލުއާ ބައްދަލުކޮށް ސުވާލު ކޮށްފައިވާ ކަމަށް އެ ހާދިސާގެ ތަހުގީގު ހިންގަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން މިދިޔަ މަހުގެ 28 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދި، ފަސް މެމްބަރުންގެ އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ރައުދުއާ ބައްދަލުކޮށް، އޭނާއާ ސުވާލު ކޮށްފައިވާ ކަމަށެވެ. މިއީ ކޮމިޝަން އުފެއްދި ފަހުން އެ ކޮމިޝަންގެ މެމްބަރުން ރައުދުއާ ސުވާލުކުރި ފުރަތަމަ ފަހަރެވެ. އެ ކަމާ ގުޅޭ ތަފުސީލެއް އަދި ނުދެ އެވެ.

ފުލުުހުންގެ ތަހުގީގުގެ ބޭނުމަށް ރައުދު މި ވަގުތު ބަހައްޓާފައި ވަނީ ދޫނިދޫ ޖަލުގަ އެވެ.

ކޮމިޝަނުން ކުރިން ބުނި ގޮތުގައި އިއްޔެއާ ހަމައަށް ވެސް އެ މައްސަލައާ ގުޅުން ހުރި ތަންތަނަށް ޒިޔާރާތްކޮށް، ކަމާ ގުޅޭ އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކޮށްފައިވެ އެވެ. އޭގެ ތަފުސީލެއް ވެސް އަދި އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ޔުމްނު ވެއްޓުމުގެ ހާދިސާއާ ރައުދަށް ބޮޑެތި ތުހުމަތުތަކެއް ކުރާއިރު އޭނާ ހައްޔަރުކުރީ އެ ހާދިސާއަށް ހަފުތާއެއްހާ ދުވަސް ފަހުން މިދިޔަ މަހުގެ 24 ގަ އެވެ. ތަހުގީގުގެ ބޭނުމަށް ފުރަތަމަ ކޯޓުން ދިނީ ފަސް ދުވަހުގެ ބަދެކެވެ. އެ މުއްދަތު ހަމަވުމުން 10 ދުވަސް އަދި އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިތުރު ފަސް ދުވަހަށް އުމުރުން 21 އަހަރުގެ ރައުދު ފުލުހުންގެ ބަންދުގައި ބަހައްޓަން ކޯޓުން ހުއްދަ ދީފަ އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު، ފަސް މެމްބަރުންގެ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވެގެންނެވެ.

އެ ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކަށް އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގަ އެވެ. އާއިލާއިން ބުނީ ސާޖަރީތަކަށް ފަހު ޔުމްނުގެ ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން އަންނަ ކަމަށެވެ.

ޔުމްނު، އާއިލާއަށް ކިޔައިދީފައިވާ ގޮތުގައި އޭނާ ވެއްޓުނީ އަމިއްލައަކަށް ނޫނެވެ. އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައިވަނީ ރައުދުގެ އިތުރުން އެހެން ބަޔަކު ވެސް ޔުމްނުއާ އެކު އުޅުނު ކަމަށެވެ.

"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން އިންޓަވިއުއެއްގައި ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނު ގޭގައި ޔުމްނުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނެފައިވާ މީހުންނަކީ:

- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ

- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް

- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ

- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ

- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު

- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު

- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި

- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް

ޔުމްނުގެ ދައްތަ ބުނީ، ޔުމްނު އާއި އޭނާއާ އެކު ހަރަކާތްތެރިވި ގ. އެރިއަދޫ، ރައުދު އެ ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުންގެ ތަހުގީގުގައި ބުނި ގޮތަށް "ރެންޑަމް" ގެއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.