މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ފޮނުވައިފި އެވެ.
17 ޖޫން 2025
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ފޮނުވައިފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި ހާއްސަ ރިޔާސީ ކޮމިޝަނެއް ރައީސް އުފެއްދެވީ އެ މަހުގެ ފަހުކޮޅު އެވެ.
އެ ކޮމިޝަންގެ ރިޕޯޓް ރައީސަށް މިއަދު ފޮނުވި ނަމަވެސް އެ ކޮމިޝަންގެ ނިންމުމަކީ ކޮބައިކަން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުން ރައީސް އުފެއްދެވި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.
އެ ކޮމިޝަނުން ބޭއްވި ހަމައެކަނި މީޑިއާ ބްރީފިންގައި މުނައްވަރު ވިދާޅުވެފައި ވަނީ ކޮމިޝަންގެ މެންޑޭޓްގައި އޮތީ ހާދިސާ ހިނގި ސަބަބު ތަހުގީގުކޮށްފި ތޯ ނުވަތަ ނޫންތޯ ބެލުން ކަމަށާއި އެކަން ކޮށްފައި ނެތް ނަމަ ކޮމިޝަނުން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް މި ކުުރަނީ ނަތީޖާއެއް ނެރުމަށް. ނަތީޖާއެއް ނެރުމަކީ ރައްޔިތުން ބޭނުންވާ ފަދަ އަދުލު އިންސާފަކަށް ވާސިލްވުން. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ވާހަކަ މި ދަންނަވަނީ،" އޭޕްރީލް 28 ގައި ބޭއްވި މީޑިއާ ބްރިފިންގައި މުނައްވަރު ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެމްބަރުން.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ވަރަށް ގިނަ ކަންކަން ހިމަނުއްވާފައި ވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
1- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގަ އާއި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
2- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގަ އާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެ އިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެ އިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
3- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.
4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
5- ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.
6- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ އެ ތަހުގީގަކަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މަޢުލޫމާތު ހޯދުން.
ޔުމްނު ވެއްޓުނީ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. ޔުމްނު ވެއްޓުމުގެ ކުރިން އޭނާއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރު ވެސް ކުރި އެވެ. އެކަމަކު، ވަކި ހިސާބަކުން ޕްރޮސިކިއުޓާ ޖެނެރަލްގެ އިރުޝާދުގެ ދަށުން އޭނާ ބަންދުން ދޫކޮށްލި އެވެ. އޭގެ ފަހުން މި މަހުގެ ހަތަރު ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ރައުދުގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ރައުދަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އޭގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
ޕީޖީ އޮފީހުން ބުނީ ރައުދަށް އެ ދައުވާކުރަނީ ޔުމްނު ވެއްޓުނުކަން އެނގި ހުރެ، އޭނާއަށް އެހީތެރިކަންދީފައި ނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓު ކޮށްފައި ނުވާތީ ކަމަށެވެ.
އެ އޮފީހުން ބުނީ މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަކީ އޭނާ ކުށްވެރިވުން ނޫން ކަމަށާއި ދައުވާ ކޯޓަށް ހުށަހަޅަނީ މައްސަލާގައި ލިބިފައިވާ ހެކި ގަރީނާއަށް ބަލައި ދައުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހުރި ކަމަށް ޕީޖީއަށް ގަބޫލު ކުރެވުމުން ކަމަށެވެ. އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި، ޝަރީއަތުގައި ސާބިތު ނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާކަމަށް ވެސް ބުންޏެެވެ.
ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނިންމައި ރައީސް މުއިއްޒަށް އެ ކޮމިޝަންގެ ރިޕޯޓު ފޮނުވިއިރު، ފުލުހުން އެންމެ ފަހުން ވެސް ބުނެފައި ވަނީ މިހާރު މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ބަޔާން ތަހުގީގަށް ނުލިބޭ ކަމަށެވެ. އެކަމަކު، ކޮމިޝަނުން ވަނީ ރައުދުއާ ސުވާލު ކޮށްފަ އެވެ.
ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
އުންމީދަކީ އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމުން
ރިޔާސީ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދު
ތަހުގީގީ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު އައްޔަންކޮށްފި
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ކޮމިޝަނެއް
ޔުމްނު ގެއަށް، އެކަމަކު ބަޔާން ދެވޭ ހާލަތަކަށް ނުދޭ
ރައުދު ރާއްޖެއިން ބޭރަށް ނުފުރާ: ފުލުހުން
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން
ދެ ހަފުތާ ތެރޭގައި ރިޕޯޓު ރައީސަށް އެރުވޭނެ: ކޮމިޝަން
ރައުދު ބަންދުން ދޫކޮށްލައިފި