Roadha Mihaaru

އުންމީދަކީ "ފިސާރި އަވަހަށް" ކޮމިޝަންގެ މަސައްކަތް ނިންމާލުން: މުނައްވަރު

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތަށް މާ ގިނަ ދުވަސްވާނެ ކަމަށް ނުބެލެވޭ ކަމަށާއި އުންމީދަކީ "ފިސާރި އަވަހަށް" މަސައްކަތް ނިންމާލުން ކަމަށް އެ ކޮމިޝަންގައި އިސްކޮށް ހުންނަވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

އުންމީދަކީ އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމުން

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތަށް މާ ގިނަ ދުވަސްވާނެ ކަމަށް ނުބެލެވޭ ކަމަށާއި އުންމީދަކީ "ފިސާރި އަވަހަށް" މަސައްކަތް ނިންމާލުން ކަމަށް އެ ކޮމިޝަންގައި އިސްކޮށް ހުންނަވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަންގެ މަސައްކަތް ފެށިކަން އިއުލާނުކުރުމަށް މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނީ އާންމުންގެ "ސެންޓިމެންޓަށް" ބަލައިގެން ކަމަށާއި މިނިވަންކަމާ އެކު ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ކޮމިޝަނަށް ޔުމްނުގެ އާއިލާއިން އިތުބާރު ނުކުރާ ކަމަށް ބުނާ މައްސަލައިގައި މުނައްވަރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި އުފެއްދި މިފަދަ ކޮމިޝަންތަކުގެ މަސައްކަތާ ގުޅިގެން ވެސް ރައްޔިތުން ބަލައިގަތީ އެކި ގޮތަށް ކަމަށާއި އެހެންވެ ކޮމިޝަނަށް އޮތް އިތުބާރާ މެދު ދައްކާ ވާހަކައާ މެދު ހައިރާން ނުވާ ކަމަށެވެ.

ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ޗެއާ މުނައްވަރު މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް

ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ޗެއާ މުނައްވަރު މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް

މުނައްވަރު ވިދާޅުވީ އޭނާއަށް ނުފޫޒު ފޯރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި މިނިވަންކަމާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށް ފެނިއްޖެ ނަމަ އޭނާ އެ ކޮމިޝަންގައި ނުހުންނަވާނެ ކަމަށެވެ.

ކޮމިޝަންގެ މަސައްކަތް ކުރިއަށްދާނެ ގޮތާ ބެހޭ ގޮތުން މުނައްވަރު ވިދާޅުވީ، އެ ކޮމިޝަނުން ފުލުހުންގެ ތަހުގީގު ފުރިހަމަކުރުމަށް އެހީތެރިވާނެ ކަމަށެވެ. އަދި މި މައްސަލައިގައި އިންސާފު ލިބޭނެކަން ޔަގީންކުރުމަކީ ކޮމިޝަންގެ މަގްސަދު ކަމަށް ވިދާޅުވި އެވެ.

ތަހުގީގުކުރުމުގެ ބާރު ރައީސްގެ ގަރާރުގައި ކޮމިޝަނަށް ދީފައި އޮތް ނަމަވެސް، މުނައްވަރު ވިދާޅުވި ގޮތުގައި މި ހިސާބުން ފުލުހުންގެ މަސައްކަތް ހުއްޓާލާފައި ކޮމިޝަނުން ހުރިހާ ކަމެއް ފަށާނީތޯ ނުވަތަ ފުލުހުންގެ ތަހުގީގު ވެސް ކުރިއަށް ގެންދާނީތޯ ނިންމާނީ ސަރުކާރުން ކަމަށެވެ. އެކަމަކު ފުލުހުންގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބާއި އެކަން ކުރިއަށް ދިޔަ ގޮތް ބަލާނެ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަންގެ މަސައްކަތް ހިންގަން ބަޖެޓެއް ކަނޑައަޅާފައި ވޭތޯ އާއި މެންބަރުންގެ މުސާރަ އަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މުނައްވަރު ވިދާޅުވީ "ބަޖެޓެއް އޮތްކަމެއް އަދި ނެތް ކަމެއް ވެސް" އެނގިވަޑައިނުގަންނަވާ ކަމަށާއި އެފަދަ ވާހަކައެއް އަދި ނުދެކެވޭ ކަމަށެވެ. އަދި މުސާރައެއް ދޭކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.