Roadha Mihaaru

ޔުމްނު "ވެއްޓުނު" މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެއް ރައީސް އުފައްދަވައިފި

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް މިރޭ އުފައްދަވައިފި އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ކޮމިޝަނެއް

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް މިރޭ އުފައްދަވައިފި އެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަނަށް އައްޔަން ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބު އަދި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ
ކޮމިޝަން" ގެ ނަމުގައި އުފެއްދެވި އެ ކޮމިޝަންގެ ރައީސަކަށް ކަނޑައެޅުއްވީ ޑރ. މުނައްވަރެވެ.

ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ، ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.

ރައީސްގެ ހާއްސަ ގަރާރުގައި އެ ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

1- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގަ އާއި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.

2- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގަ އާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެ އިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެ އިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛

3- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.

4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛

5- ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.

6- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ އެ ތަހުގީގަކަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި
އެ ނޫން ވެސް މަޢުލޫމާތު ހޯދުން.

ގ. ރަނައުރާގޭއާގޭ އުމުރުން 21 އަހަރުގެ ޔުމްނު އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް މި އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.

ޔުމްނު ވެއްޓުނީ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. ޔުމްނު ވެއްޓުމުގެ ކުރިން އޭނާއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދަށް މިހާރު ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. އަދި އެ ހާދިސާ ހިނގުމުގެ ކުރިން އެންމެ ފަހުން ޔުމްނުއާ އެކު އުޅުނު އިތުރު 8 މީހެއްގެ ފޯނު ވެސް ހިފަހައްޓައި އެ އެންމެން ވަނީ ރާއްޖެ އިން ފުރުން މަނާކޮށްފަ އެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުންގެ ހިންގާ ތަހުގީގާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ރޭ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އެ ފިޔަވަޅު އެޅުއްވީ އިސްތިއުފާގެ އަޑު ގަދަވެފައި ވަނިކޮށެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރިތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވެސް ރޭ ވަނީ އަމުރު ކުރައްވައިފަ އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލައިގައި ފުލުހުންގެ އެއްވެސް އޮފިސަރަކު ގާނޫނަކާ ނުވަތަ އިޖުރައާތަކާ ހިލާފަށް އަމަލު ކުރިތޯ ބެލުމަށާއި އަދި ފުލުހެއްގެ އިހުމާލެއް ފާހަގަވެއްޖެ ނަމަ އެކަމަށް ފިޔަވަޅު އަޅަން ޕީޖީ އައްބާސް އަންގަވާފައިވާ ކަމަށެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލަ ތަހުގީގުކޮށް، ދައުވާކުރަން ފޮނުވަން ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ރޭ އެންގި އެވެ.

އެ ރޭ ޔުމްނުއާ އެކު އުޅުނު ކަމަށް ބުނާ މީހުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކޮށްފައިވާތީ ޓެސްޓު ނުކުރާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އެއް އަހަރުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.

ޕީޖީ އޮފީހުން ރޭގައި ބުނީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެ މީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކޮށްފައިވާތީ ކުޑަކަމުދާތަކެތި ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފުލުހުން ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެންވެ ގާނޫނީ އުސޫލުތަކުގެ ތެރެއިން ކުޑަކަމުދާތަކެތި ދޭން އެންގުމުން އެތަކެތި ނުދީފި ނަމަ ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.

ޔުމްނު އާދި ރައުދު ޑްރަގްސް އަށް ޓެސްޓު ކޮށްފައިވާއިރު، އެ ދެ މީހުން ވެސް ޑްރަގްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ޔުމްނު ވަނީ އިތުރު ފަރުވާ އަށް ރޭ މެލޭޝިއާ އަށް ފުރުވާލައިފަ އެވެ. އޭނާ އެ ގައުމަށް ގެންދަން ބޭނުންވާ 25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ. އެ ފައިސާ އިއްޔެ ރޭގެ ވަގުތެއްގައި ޖަމާކޮށްދީފާއިރު އޭގެ ތެރޭގައި 12 މީހުންގެ ޓިކެޓުގެ ފައިސާ ހިމެނެ އެވެ.

އެކަމަކު، ޔުމްނުގެ ފަރުވާ މެލޭޝިއާގައި ކުރިއަށް ގެންދަން އިތުރަށް ފައިސާ ބޭނުންވާތީ ޓިކްޓޮކްގައި އިއްޔެ ބޭއްވި ލައިވް އިވެންޓެއްގައި ވަނީ 735,367.16ރ. ހޯދައިފަ އެވެ އެއީ 565,501.21ރ. އަދި 11,015.95 ޑޮލަރެވެ.